ބިމާބެހޭ ދަފުތަރު އެކުލަވައިލަން ކުރާ މަސައްކަތަށް މާލޭ ސިޓީ ކައުންސިލުން އެއްބާރުލުން ދިނުން ހުއްޓާލާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިޒު ވިދާޅުވެއްޖެ އެވެ.

ސާޅީސް ނުވަ ރަށެއްގެ ކައުންސިލްގެ އިހްތިސާސްގައި ހުރި ބިންތައް އެ ރަށްރަށުގެ ކައުންސިލްތަކާއި ހަވާލު ކުރަން އިއްޔެ ބޭއްވި ރަސްމިޔާތުގައި މިނިސްޓަރު މުއިއްޒު ވިދާޅުވީ ބިމާބެހޭ ދަފުތަރު އެކުލަވައިލަން ކުރާ މަސައްކަތަށް މާލޭ ސިޓީ އާއި އައްޑޫ ސިޓީ ކައުންސިލްގެ އެއްބާރުލުން އެ ބޭނުންވާނެ ކަމަށެވެ. ބިމާ ބެހޭ ދަފުތަރު އެކުލަވައިލުމުގައި މާލޭ ސިޓި ކައުންސިލުގެ އެއްބާރުލުން ހުއްޓުނީ ސަރުކާރު ބަދަލުވުމަށް ފަހު ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ބިމާ ބެހޭ ދަފުތަރަކީ ބިމާ ބެހޭ ގާނޫނުގެ ދަށުން ތައްޔާރު ކުރަންޖެހޭ އެއްޗެކެވެ.

"ފެބްރުއަރީ ހަތް ވަނަ ދުވަހުން ފެށިގެން މާލެ ސިޓީ ކައުންސިލުން މި މަސައްކަތުގައި ކުރިން ދެމުންދިޔަ އެއްބާރުލުން ވަނީ ހުއްޓާލާފައި. އަށް މަސް ދުވަސް ވެގެންދިޔައިރު އެކަމަށް އެއްވެސް އެއްބާރުލުމެއް ނުދޭ. އެކަން ހިތާމައާއެކު އަޅުގަނޑު ފާހަގަ ކުރަން،"

މިނިސްޓަރު ވިދާޅުވީ ދަފުތަރު އެކުލަވައިލުމުގެ ކުރިން ބޭނުންވާ ލޭންޑް އިންފޮމޭޝަން ސިސްޓަމް (އެލްއައިއެސް) ތައްޔާރު ކުރުމަކީ ދަފުތަރު ފުރިހަމަ ކުރަން ކޮންމެހެން ވެސް ބޭނުންވާ ކަމަކަށްވާއިރު އެކަންވާނީ ކައުންސިލުތަކުގެ އެހީއާއެކު ކަމަށެވެ.

"އެލްއައިއެސް އެއް ގާއިމު ކުރެވިގެން ދިއުމުން ބިމާބެހޭ ދަފުތަރެއް ފުރިހަމަ ގޮތުގައި އެކުލަވައިލަން ވަރަށް ބޮޑަށް މަގުފަހިވެގެންދާނެ. ގެދޮރާއި މީސްމީހުންގެ އާމްދަނީއާއި މިހެން ގޮސް ތަފާތު މައުލޫމާތުތައް ބޭނުވާނެ. މިކަންކަމުގައި އަޅުގަނޑުމެން މިނިސްޓްރީ ކުރަމުންދާ މަސައްކަތަށް ހުރިހާ ކައުންސިލްތަކުގެ އެއްބާރުލުން ބޭނުންވޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ބިމާބެހޭ ގާނޫނު ތަންފީޒު ކުރަން އިދާރީ އޮނިގަނޑެއް އެކުލަވާލާއި އާ އޮނިގަނޑެއް ވަޒީރުންގެ މަޖިލީހަށް ހުށަހަޅާފައިވާނެ ކަމަށެވެ. އަންނަ މަހު އެ އޮނިގަނޑަށް އަމަލުކުރެވެން ފެށޭވަރުވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

"އޮނިގަނޑު ފާސް ވުމުން އިދާރީކަންތައް ތަންފީޒު ކުރަން ދިމާވާ ކަންތައްތައް ހައްލު ވެގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ބިމާބެހޭ ދަފުތަރުގެ އެކުލަވައިލުމުގެ މަސައްކަތަށް އެއްބާރުލުން ދިނުމާބެހޭ ގޮތުން މާލޭ ސިޓީ ކައުންސިލުގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.