ރައީސާއި ނާއިބު ރައީސް އައްޔަންކޮށްފައި ނުވުމާއި މެންބަރުން ހަމައަށް ނެތުމުގެ ސަބަބުން ހިއުމަން ރައިޓްސް ކޮމިޝަނަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.


އެޗްއާރުސީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ޝާހިދު ހޯމަ ދުވަހު ވިދާޅުވީ، ރައީސާއި ނާއިބު ރައީސް ނެތުމާއި މެންބަރުން ހަމަނުވުމުގެ ސަބަބުން ދިމާވާ ގޮންޖެހުންތަކުގެ ތެރޭގައި، ލީޑަޝިޕް ނެތުމާއި ކޮމިޝަންގެ ނިންމުންތައް ނިންމުމުގައި ދިމާވާ ގޮންޖެހުންތައް ހިމެނޭ ކަމަށެވެ. އެފަދަ ގޮންޖެހުންތައް ކުރިމަތިވި ނަމަވެސް މީހެއްގެ ހައްގެއް ގެއްލިގެން ހުށަހަޅައިފި ނަމަ އެ މައްސަލަ ކޮމިޝަނަށް ބަލައިގަނެއް ކޮމިޝަންގައި ތިއްބެވި ތިން މެންބަރުން އެ މައްސަލަތައް ބައްލަވަމުންގެންދަވާ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.  


ޝާހިދު އަދި ވިދާޅުވީ، ކޮމިޝަނަށް ހުށަހަޅާ މައްސަލަތައް ބެލުމަށް މެންބަރުންނަށް ހަވާލު ކުރެއްވުމަކީ ކޮމިޝަންގެ ރައީސްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ކޮމިޝަންގެ ގާނޫނުގައި ބުނި ނަމަވެސް، ގާނޫނުގައި އެންމެ ބޮޑަށް ބާރު އަޅާފައި ވަނީ ހުށަހަޅާ މައްސަލަތަކަށް ހައްލެއް ހޯދައި ދިނުމަށް ކަމަށެވެ. އެހެން ކަމުން ގާނޫނު އަސާސީ އާއި ގާނޫނުގައި ބުނާ މަސްއޫލިއްޔަތު އަދާކުރުމަށް، ކޮމިޝަނަށް ހުށަހަޅާ މައްސަލަތައް ބަލައިގަނެ ކޮމިޝަންގައި ތިއްބެވި ތިން މެންބަރުންނާއި މުވައްޒަފުންނާ އެކު އެ މަސައްކަތްތައް ކުރިއަށް ގެންދަނީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.  އަދި ކޮމިޝަނުގެ ކޮންމެ މެންބަރަކީ ވެސް އެތަނަށް ހުށަހަޅާ މައްސަލަތައް ބަލައި ހައްލު ހޯދޭނެ މެންބަރެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.  


ޝާހިދު ވިދާޅުވީ، ކޮމިޝަނަށް އައްޔަން ނުކުރެވިވާ ދެ މެންބަރުންގެ މައްސަލަ އާއި ކޮމިޝަންގައި ރައީސަކާއި ނާއިބު ރައީސަކު ނެތް މައްސަލަ ހައްލުކޮށްދެއްވުމަށް، ގާނޫނު އަސާސީން އެ މަސްއޫލިއްޔަތު ހަވާލު ކުރައްވާފައިވާ ފަރާތުގައި ދަންނަވާފައިވާނެ ކަމަށެވެ. އެގޮތުން މަޖިލީހުން ފާސްކުރައްވާފައިވާ ދެބޭފުޅުންގެ ހުވައި ކުރެއްވުމުގެ ކަންތައް ހަމަޖައްސަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި ދަންނަވާފައިވާނެ ކަމަށާއި، ރައީސާއި ނާއިބު ރައީސްގެ މައްސަލަ ހައްލުކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގައި ދަންނަވާފައިވާނެ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.


ހިއުމަން ރައިޓްސް ކޮމިޝަންގައި ހިމެނެން ޖެހޭ ފަސް މެންބަރުންގެ ނަންފުޅުތައް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް މިހާރު ވަނީ ނިންމަވައިފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުން ފުރަތަމަ ފާސްކުރި ތިން ބޭފުޅުންގެ ނަން ރައީސުލްޖުމްހޫރިއްޔާ އެ ކޮމިޝަނަށް އައްޔަން ކުރައްވާފައި ވީނަމަވެސް ފަހުން ފާސްކުރެއްވި ދެ ބޭފުޅުންގެ ނަން މިހާތަނަށް އެކޮމިޝަނަސް އައްޔަން  ކުރައްވާފައެއް ނުވެ އެވެ. އަދި ކޮމިޝަންގެ ރައީސާއި ނާއިބު ރައީސް ކަނޑައެޅުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހު ޖަލްސާގައި ކުރިނަމަވެސް އެ މައްސަލަ ވަކި ގޮތަކަށް ނުނިމި އުޅެނިކޮށް އެރޭގެ ޖަލްސާ ކުރިއަށް ނުގެންދެވިގެން ހުއްޓާލައި މަޖިލިސް ވަނީ ޗުއްޓީއަށް ގޮސްފަ އެވެ.  އެކަމުގެ ސަބަބުން އެ މަސައްކަތް މިވަގުތަށް ވަނީ ހުއްޓިފަ އެވެ.