ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި، އެސްޓީއޯ އިން ވިއްކާ ޑީސަލާއި ޕެޓްރޯލްގެ އަގު އެ ކުންފުނިން ބޮޑުކޮށްފި އެވެ.

އެ ކުންފުނިން މިއަދު ވަނީ ޑީސަލް ލީޓަރަކުން 49ލ. އަދި ޕެޓްރޯލް ލީޓަރަކުން 47ލ. ބޮޑުކޮށްފަ އެވެ. މި ބަދަލާއެކު ކުރިން 15.96ރ. ވިއްކަމުން އައި ޑީސަލް ލީޓަރެއް މިހާރު ވިއްކަނީ 16.45ރ. އަށެވެ. އަދި 16.21ރ. ވިއްކި ޕެޓްރޯލް ލީޓަރެއް މިހާރު ވިއްކަނީ 16.68ރ. އަށެވެ.

އެސްޓީއޯއިން އެންމެ ފަހުން ތެލުގެ އަގަށް ބަދަލުގެނައީ ޖޫން މަހުގެ ތެރޭގަ އެވެ. އޭރު އެސްޓީއޯއިން ޑީސަލާއި ޕެޓްރޯލްގެ އަގު ވަނީ ހެޔޮކޮށްފަ އެވެ. އޭރު 16.50ރ. ވިއްކަމުން އައި ޑީސަލް ލީޓަރަކުން 52ލ. އަގު ހެޔޮކުރި އެވެ. އަދި 16.52ރ. ވިއްކަމުން އައި ޕެޓްރޯލް ލީޓަރަކުން 31ލ. އަގުހެޔޮކުރި އެވެ.

އެ ކުންފުނިން ބުނީ މިފަހަރު ޕެޓްރޯލާއި ޑީސަލްގެ އަގަށް ބަދަލު ގެންނަން ޖެހުނީ މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވެ ރާއްޖެއަށް އެތެރެކުރެވޭ ސާފުކުރި ތެލުގެ އަގު ވަރަށް މަތިވުމާއި ގުޅިގެން ކަމަށެވެ.

މިދިޔަ ހަފްތާ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ދިޔަގޮތަށް ބަލާއިރު އަންނަ އޮކްޓޯބަރު މަހު ޑެލިވަރީ ކުރާ ބެންޗްމާކް ބްރޭންޑްގެ ތެޔޮ ފީފާއެއްގެ އަގު ވަނީ 10 ސެންޓް ބޮޑުކުރާނެ ކަން އިއުލާންކޮށްފަ އެވެ. އެ ބްރޭންޑްގެ ތެޔޮފީފާއެއް މިހާރުވެސް ހުރީ 96.52 ޑޮލަރަށެވެ. އަދި ބްރޭންޑް ކްރޫޑް ފީފާއަކުން 63 ސެންޓް ބޮޑުވެ މިހާރު ހުރީ 114.88 ޑޮލަރަށެވެ.