24 Sep 2012, 09:41
ނިއުދިއްލި (ސެޕްޓެމްބަރު 24) : ކުޑަކުދިން ގެއްލުމުގެ ނުރައްކާ އިންޑިޔާއަށް ކުރިމަތިވެފައިވާ ކަމަށާ އެވްރެޖްކޮށް ކޮންމެ ހަ މިނިއްޓަކުން ކުއްޖަކު އިންޑިޔާއިން ގެއްލޭ ކަމަށް ކުޑަކުދިންގެ ޙައްޤުތަކަށް މަސައްކަތްކުރާ އިންޑިޔާގެ ޖަމްޢިއްޔާ އެއްކަމަށްވާ "ބަޗްޕަން ބަޗާއޮ އެންޑޫލާން" ބުނެފިއެވެ.
މިޖަމްޢިއްޔާ އާ ޙަވާލާދީ އެމެރިކާގެ ވޮޝިންގްޓަން ޕޯސްޓް ބުނިގޮތުގައި ކޮންމެ އަހަރަކު 90 ހާސް ކުޑަކުދިން އިންޑިޔާއިން ގެއްލޭކަން ރަޖިސްޓްރީ ކުރެވިފައިވާއިރު ރަޖިސްޓްރީ ނުކުރެވި މީގެ 10 ގުނަ ކުޑަކުދިން އިންޑިޔާއިން ކޮންމެ އަހަރަކު ގެއްލޭނެ ކަމަށް އަންދާޒާ ކުރެވިފައިވެއެވެ. މި ބަޗްޕަން ޖަމާއަތް ބުނާގޮތުން ކުޑަކުދިން ގެއްލެނީ މައިންބަފައިން ފައިސާ ހޯދުމަށްޓަކައި ބޭރުގެ ފަރާތްތަކަށް އެކުދިން ވިއްކާލުމުންނެވެ.
މިގޮތުން އެކިޤައުމުތަކުގައި ފުޅާދާއިރާއެއްގައި ޖިންސީ ވިޔަފާރިކުރާ ޖަމާއަތްތަކުގެ އެޖެންޓުންނަށާ ޅައިރު ކައިވެނި ކުރަންބޭނުންވާ އިންޑިޔާ އާއި ބޭރު ޤައުމުތަކުގެ މުއްސަނދިންނަށްވެސް އިންޑިޔާގެ މައިންބަފައިން އެމީހުންގެ ދަރިން ކުޑައިރުގައި ވިއްކަމުން ގެންދާ ކަމަށް މިޖަމާޢަތުން ބުނެއެވެ. އަދި ދަރިން ނުލިބޭ މީހުން އެޑޮޕްޓްކޮށްގެން ގެންގުޅޭ ގޮތަށްވެސް އިންޑިޔާގެ ޅަކުދިންގެ ގިނަޢަދަދަކަށް ވިއްކާލެވޭ ކަމަށް މިޖަމާއަތުން ބުނެއެވެ.
މި ޖަމާއަތް ބުނާގޮތުން މިމައްސަލަ މިހާރު ވަބާއެއްގެ ގޮތަށް އިންޑިޔާގެ ވިލެޖްތަކާއި ފަގީރުންގެ ސަރަޙައްދުތަކުގައި ވަނީ ފެތުރިފައެވެ. މީގެ އެތަށް މައްސަލައެއް އިންޑިޔާގެ ކޯޓްތަކުގައިވާއިރު ގިނަ މައްސަލަތައް ކޯޓާ ހިސާބަކަށް ނުދެއެވެ. ދާދިފަހުން އިންޑިޔާގެ ނިއުދިއްލީގެ މުއްސަނދި މަހުޖަނެއްގެ ގޭގެ ކައިރިން ވަނީ ސަތާރަ އަންހެނެއްގެ ގަބުރުފެނިފައެވެ. ވަޅުގަނޑެއްގެ ތެރެއިން ފެނުނު މިގަބުރުތަކުގެ ކަށިތައް ތަޙްލީލް ކުރުމުން މިއީ ފުރާވަރުގެއުރުމުގެ އަންހެންކުދިންގެ ކަށިކަންވަނީ ކަށަވަރުވެފައެވެ. -- ވޮޝިންޓަންޕޯސްޓް