24 Sep 2012, 09:31
ތެހެރާން (ސެޕްޓެމްބަރ 24) : އިސްރާއީލުން އީރާނަށް ޙަމަލާދޭން ތައްޔާރުވަމުންދާ މިންވަރު ވަރަށް ގާތުން ބަލަމުންގެންދާ ކަމަށާ ޙަމަލާދޭން ތައްޔާރުވާކަން ކަށަވަރުވެއްޖެނަމަ އޭގެކުރިން އިސްރާއީލަށް އިސްވެ ޙަމަލާ ދޭންޖެހިދާނެކަމުގެ އިންޒާރު އީރާނުގެ އިސްޖެނެރަލަކު ދެއްވައިފިއެވެ.
އީރާނުގެ ގުޅިފައިވާ ލަޝްކަރުތަކުގެ ތެރޭގައި ހިމެނޭ އެންމެ ބާރުގަދަ ލަޝްކަރުކަމަށް އިންޤިލާބީ ލަޝްކަރުތަކުގެ އިސްކޮމާންޑަރެއް ކަމަށްވާ ޖެނެރަލް އަމީރު ޢަލީ ޙައްޖީ އެޤައުމުގެ އަލްޢާލަމް ޓީވީ ނެޓްވާކަށް ދެއްވި ބަސްދީގަމތުމެއްގައި ވިދާޅުވީ އޭނާގެ ޤައުމުގެ ނިއުކްލިޔަރ މަރުކަޒުތަކަށް ޙަމަލާދޭން ތައްޔާރުވަމުންދާތަން ހަމައެކަނި ބަލަން އީރާން ނޯންނާނެ ކަމަށާ ޙަމަލާދޭނެކަން ޔަގީންވާޙާލަތައް އިސްރާއީލުގެ ޢަސްކަރީ ތައްޔާރީތައް ގެންގޮސްފިނަމަ އޭގެކުރިން އިސްރާއީލަށް އިސްވެ ޙަމަލާދިނުގެ ޕްލޭނެއް ރާވާފައިވާ ކަމުގައެވެ.
ނަމަވެސް ޖެނެރަލް ޢަލީ ވިދާޅުވީ އިސްރާއީލުން އީރާނަށް ހަމަލާދޭނެކަމުގެ އިންޒާރު ދެމުންގެންދާ މިންވަރާ އެއްވަރަށް އިސްރާއީލުގެ ސިފައިން އެކަމަށް ތައްޔާރުވާތަން ނުފެންނަކަމަށާއި އިސްރާއީލުގެ ޢަސްކަރީ ޙަރަކާތްތައް ވަރަށް ގާތުން އީރާން ބަލަމުން ގެންދާކަމުގައެވެ. އިސްރާއީލާ ހަނގުރާމަކުރުމުގެ އެންމެ ވަރުގަދަ ޤާބިލްކަމެއް ލިބިގެންވާ ލުބްނާނުގެ ބާރުގަދަ ހިޒްބުﷲ ޖަމާއަތުގެ ތެރޭގައި އީރާނުގެ ޢަސްކަރީ ޖާސޫސުން ހަރަކާތްތެރިވަމުންދާ ކަމަށާ ހިޒްބުﷲ ގެންގުޅޭ ޕައިލެޓަކާނުލާ ދަތުރުކުރާ މަތިންދާބޯޓުތަކަކީ އިސްރާއީލަށް ޖާސޫސުކުރުމަށް އީރާނުން ފޯރުކޮށްދީފައިވާ މަތިންދާބޯޓުތަކެއް ކަމަށް ހުޅަނގުގެ ޖާސޫސީ ދާއިރާތަކުން ބުނެއެވެ.
ހިޒްބުﷲ އަކީ 2006 ވަނަ އަހަރު އިސްރާއީލާ ހަނގުރާމަކޮށްގެން އިސްރާއީލުގެ ރައްތަކަށް ބޮޑެތި ގެއްލުންތަކެއްދީ އިސްރާއީލުގެ މަޤްސަދްތައް ޙާސިލްކުރުމުގައި އަސްކަރީގޮތުން އިސްރާއީލު ބަލިކޮށްފައިވާ ބާރުގަދަ ހަނގުރާމަވެރި ޖަމާއަތެކެވެ. ޢަރަބި ޤައުމުތަކުގެ ސިފައިންގެ ލަޝްކަރުތައް އިސްރާއީލާ ހަނގުރާކޮށް ކާމިޔާބެއް ލިބިފައިނުވާއިރު އިސްރާއީލާ ހަނގުރާމަކޮށްގެން ކާމިޔާބު ހޯދާފައިވާ ހަމައެކަނި ދެ ޖަމާއަތަކީ ލުބްނާނުގެ ހިޒްބުﷲ ޖަމާއަތާ ފަލަސްތީނުގެ ޙަމާސް ޖަމާއަތެވެ. ޙަމާސް އިންވެސްވަނީ 2009 ގައި ޣައްޒާއާ ދެކޮޅަށް ކުރި ހަމގުރާމައިގާ އިސްރާއީލުގެ މައްޗަށް ކާމިޔާބު ހޯދާފައެވެ.
ހިޒްބުﷲ އިން އިސްރާއީލާ ދެކޮޅަށް ބޭނުންކުރަމުންގެންދަނީ މައިގަނޑުގޮތެއްގައި އީރާންގައި އުފައްދާ ހަތިޔާރެވެ. ހިޒްބުﷲ އިންވަނީ އީރާނަށް ޙަމަލާދީފިނަމަ އިސްރާއީލާ ދެކޮޅަށް އިސްވެ ހަނގުރާމަފަށާނެކަމުގެ އިންޒާރު ދީފައެވެ. އީރާނުގެ ޖެނެރަލް ވިދާޅުވީ އޭނާގެ ޤައުމަށް ޙަމަލާދީފިނަމަ އެކަންވަރަށް ނުރަކާތެރިވާނެ ކަމަށާ މިހަނގުރާމައިގާ ކޮންމެފަދަ ހަތިޔާރެއް ބޭނުންކުރާހިސާބަށް ކަންތައްތައް ދިޔުމަކީވެސް އެކަށީގެންވާ ކަމެއްކަމުގައެވެ.
އީރާނުގެ އިންޤިލާބީ ލަޝްކަރުތަކުގެ އިސްކޮމާންޑަރު ޖެނެރަލް މުޙައްމަދު ޢަލީ ޖަޢްފަރީ ވަނީ އިސްރާއީލުން އީރާނަށް ޙަމަލާދިނުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވިދާޅުވެ އީރާން އޮތީ އެކަމަށް ބަލައިގެން ތައްޔާރީ ޙާމަލަތުގައި ކަމަށް ވިދާޅުވެފައެވެ. އިސްރާއީލުންވަނީ އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް ޙަމަލާނުދީފިނަމަ ކުރިޔަށްއޮތް ހައެއްކަ މަސްދުވަހުގެ ތެރޭގައި އީރާނުން ނިއުކްލިޔަރ ބޮމެއް އުފައްދާނެ ކަމަށްވިދާޅުވެ އިންޒާރު ދެއްވާފައެވެ. -- ނޫސްއެޖެންސީތައް