ނަސްލީގޮތުން ކިއުޕީއާރުގެ އެންޓޮން ފާޑިނަންޑާ ދިމާކުރި ކަމަށް އިނގިރޭސި އެފްއޭއިން ޖޯން ޓެރީގެ މައްޗަށް ކުރި ތުހުމަތުތަކުގެ އަޑު އެހުމަށް ފަހު ޓެރީ ގައުމީ ފުޓްބޯޅަ ޓީމަށް ކުޅުން ކުއްލިގޮތަކަށް ހުއްޓާލައިފި އެވެ.

އިނގިރޭސި ގައުމީ ކެޕްޓަންކަން ދެ ފަހަރެއްގެ މަތީން ކުރި ޓެރީ، އޭނާގެ މި ނިންމުމާ ބެހޭ ގޮތުން ބުނީ ހުސްވި ޖުލައި މަހު ހިނގި މިހާދިސާގައި އޭނާގެ ކުށެއް ނެތްކަމަށް އިނގިރޭސި މެޖިސްޓްރޭޓް ކޯޓުން ނިންމާފައިވަނިކޮށް އެފްއޭއިން އޭނާއާ ދެކޮޅަށް މަސައްކަތްކުރާ ކަމަށެވެ. މިހެންވެ ގައުމީ ޓީމަށް ކުޅުމުގެ މާނައެއް ނެތްކަމަށެވެ.

"ގައުމީ ޓީމަށް ކުޅުމަކީ އަދި ކެޕްޓަންކަން ކުރުމަކީ އަހަރެން ކުޑައިރުގެ ވެސް އުއްމީދެއް. މި ދެކަންތަކަކީ ވަރަށް ބޮޑު ޝަރަފެއް. އަހަރެން އަބަދުވެސް ގައުމީ ޓީމަށް އަހަރެންގެ ބެސްޓް ދިނިން. އެކަމަކު މިއަދު ހިތާދެކޮޅަސް ވެސް މިގޮތަށް ނިންމަން މަޖުބޫރުވެއްޖެ. މިއީ ހިތްހަލާކުވާވަރުގެ ކަމެއް،" 32 އަހަރުގެ ޓެރީ ބުންޏެވެ.

ޖުމުލަ 78 މެޗު ގައުމީ ޓީމަށް ކުޅެދީފައިވާ ޓެރީ ބުނީ އޭނާއާއެކު ގައުމީ ޓީމަށް ކުޅުނު ކުޅުންތެރިންގެ ފަރާތުން ލިބުނު ސަޕޯޓަށާއި ގައުމީ ޓީމަށް ކުޅެން އޭނާއަށް ފުރުސަތުދިން ހުރިހާ ކޯޗުންނަށް ވެސް ޝުކުރު އަދާކުރާ ކަމަށެވެ.

"އަހަރެން އެދެން ރޯއި (ހޮޖްސަން، ގައުމީ ކޯޗު) އާއި ޓީމަށް ކުރިމަގުގައި ހުރިހާ ކާމިޔާބީއަކަށް ވެސް. އަހަރެން މިހާރު މިބަލަނީ ޗެލްސީގައި ޔޫރަޕާއި އިނގިރޭސިވިލާތުގައި ކާމިޔާބު ހޯދުމަށް. ހުރިހާ ސަޕޯޓަރުންނަށާއި ކުލަބުން އަހަންނަށް ދިން ސަޕޯޓަރަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރަން،" ޗެލްސީގެ ކެޕްޓަންކަން ކުރަމުން އަންނަ ޓެރީ ބުންޏެވެ.

ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ރިއޯ ފާޑިނަންޑްގެ ކޮއްކޮ އެންޓޮން ފާޑިނަންޑާ ނަސްލީގޮތުން ދިމާކުރި ކަމަށް ބުނެ ޓެރީގެ އަތުން ވަނީ އިނގިރޭސި ކެޕްޓަންކަން ވެސް މިދިޔަ އަހަރު އަތުލައިފަ އެވެ. އެކަމާހުރި ކޯޗުކަމުން ފަބިއޯ ކަޕޭއްލޯ ވެސް ވަނީ ޓެރީ އަށް ތާއީދުކުރަމުން ވަކިވެފަ އެވެ. ނަމަވެސް އިނގިރޭސި ކޯޓުން މި މައްސަލަ ބެލުމަށްފަހު ނިންމީ ޓެރީގެ ކުށެއްނެތް ކަމަށެވެ. ނަމަވެސް އޭނާއާ އެއްކޮޅަށް ކޯޓުގައި ހެކިބަސްދިން ޗެލްސީގެ އޭޝްލީ ކޯލްއާ ފާޑިނަންޑްގެ ދެބެން މިހާރުވެސް ވާހަކަ ނުދައްކަ އެވެ. އަދި އޭގެ ފަހުން މި ދެ މީހުންނާ ވެސް ފާޑިނަންޑްގެ ދެބެން ސަލާމެއްނުކުރެ އެވެ. މިކަމާހެދި އިނގިރެސި ކޯޗު ހޮޖްސަން ނިންމާފައިވަނީ ޓެރީ އާއި ރިއޯ ފާޑިނަންޑްކުރެ ކޮންމެވެސް އެކަކު ގައުމީ ޓީމަށް ނެގުމަށެވެ. މި ގޮތުން ހޮޖްސަން މިހާތަނަށް ޓީމަށް ނަގަމުން އައީ ވެސް ޓެރީ އެވެ.