އެންމެ ފަހުގެ ތިން އަހަރުގެ ޗެމްޕިއަން ވީބީ ތިން ބަލިކޮށް ލީގު ކަށަވަރުކުރަން ނުކުތް ނިއުއަށް ލަނޑެއް ނުޖެހި ރޭގެ މެޗު 0-0 އިން އެއްވަރުވުމުން ދިރާގު ދިވެހި ލީގުގެ ޗެމްޕިއަންކަން ހޯދަން ވިކްޓަރީ މެޗަށް ނިއު އިންތިޒާރު ކުރަން ޖެހިއްޖެ އެވެ.

މެޗަކުން ބަލިނުވެ 39 ޕޮއިންޓާއެކު އޮތް ނިއު އަށް ލަނޑު ޖަހަން ލިބުނު ހުސަ ފުރުސަތުތައްވީ ބޭކަރެވެ. އަހުމަދު އަދި ތޯރިގް (ޓޮމް) އާއި އަލީ އުމަރު އަދި އަލީ އަޝްފާގް (ދަގަނޑޭ) އަށް ލިބުނު ހުސްފުރުސަތުތައް ކީޕަރު އަބުދުﷲ ޒިޔަޒަން ދިފާއުކުރި އެވެ.

މި މެޗުން ވީބީ އަށް ޕޮއިންޓެއް ލިބުމުން އެ ޓީމު ވަނީ ފަސްވަނާގައިވާ އީގަލްސްއާ ހަތަރު ޕޮއިންޓް ފެއަށް ޖެލިފަ އެވެ. އީގަލްސް އަށް 18 ޕޮއިންޓް ލިބިފައިވާއިރު ވީބީ އަށް ވަނީ 22 ޕޮއިންޓް ލިބިފަ އެވެ. ލީގުގައި ކޮންމެ ޓީމަކަށް ބާކީ އޮތީ ތިން މެޗެވެ. އޭގެ ތެރޭގައި އީގަލްސް – ވީބީ މެޗު ވެސް ހިމެނެ އެވެ.

މެޗަށް ފަހު ނިއުގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ ލީގު ހޯދަން ތިން މެޗުން ހޯދަން ޖެހެނީ ދެ ޕޮއިންޓް ކަމަށްވުމުން ޕްރެޝަރެއް ނެތް ކަމަށެވެ. ނަމަވެސް ރޭގެ މެޗުގެ ކުޅުމާމެދު އޭނާ ހިތްހަމަ ނުޖެހެ އެވެ.

"ނުބުނާނަން މިއީ އަށް އެންމެ ރަނގަޅަށް ކުޅެވުނު މެޗޭ. ތަންކޮޅެއް ދަށްކޮށް ކުޅެވުނީ. ދެން އިނދިކޮޅު ޓީމު ކުޅުނު ގޮތުގެ ވާހަކަ ދައްކާނެ ކަމެއްނެތް. ފަހަތުގައި ތިބެންޏާ ވެސް އަޅުގަނޑުމެންނަށް ލަނޑު ޖަހަން އުނދަގުވާނީ. އެހެންވެގެން މޮޅުނުވެވުނީ،" މޯހަން ބުންޏެވެ.

ނަމަވެސް ވީބީގެ ކޯޗު ޖޭން ވަންލީ ބުނީ އޭނާގެ ޓީމުން ވަގުތު ބޭކާރުކޮށް މެޗު ލަސްނުކުރާ ކަމަށާއި ކުޅުންތެރިންގެ ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށެވެ.

"އަދި ކިރިޔާ މި (ޑިފެންސިވް) ޓެކްޓިކްސް މި ދަސްވީ. އަހަރެއްމިވީ މިގޮތަށް ކުޅެން ދަސްކުރަން. މިރޭ ކުޅުންތެރިންގެ ކުޅުމާއި މަސައްކަތާމެދު ހިތްހަމަޖެހޭ،" ކޯޗު ބުންޏެވެ.