23 Sep 2012, 21:51
ރާއްޖޭގައި އަލްގައިދާ ފަދަ ހަރުކަށި ހިޔާލުތަކުގެ މީހުން އުޅެމުން ގެންދާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދައްކަވަމުން ގެންދަވާ ވާހަކަތަކުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ވަރަށް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
ޖަމީލް ވިދާޅުވީ ރައީސް ނަޝީދުގެ އެ ވާހަކަތަަކީ އެއްވެސް ހަގީގަތެއް ނެތި ނުބައި ނިޔަތެއްގައި ދައްކަވާފައިވާ ވާހަކަތަކެއް ކަމަށެވެ. އަދި ނަޝީދުގެ އެ ވާހަކަތަކަކީ ރާއްޖޭގެ އިގުތިސާދަށް ބޮޑު ގެއްލުމެއް ލިބިގެން ހިނގައިދާނެ ވާހަކަތަކަށްވާއިރު އެވާހަަކަތަކުގެ ޒާތުގައި އެކަމަކީ ރާއްޖޭގެ ގައުމީ ސަލާމަތަށް ވެސް ބޮޑު ނުރައްކަލެއް އޮތް ވާހަކަތަކެއް ކަމަށެވެ.
"ރާއްޖެއަކީ 100 ޕަސެންޓް މުލިސް ގައުމަށްވެފައި އެފަދަ ވާހަކަަތަކެއް ދެއްކެވުމުން ބޭރުގެ މީޑިއާތަކުގެ ސުރުހީތަކަށް އެރުމަކީ ފަސޭހަ ކަމަކަށް ވާނެތީ އެގޮތަށް އެވާހަކަތައް އެ ދައްކަވަނީ. ރާއްޖޭގެ ރައީސް ކަން ކުރައްވާފައިވާ ބޭފުޅަކު ވަރަށް ޒިންމާދާރުކަން ކުޑަގޮތަކަށް ކުރެއްވި ކަމެއް އޭގެ ސަބަބުން ރާއްޖެއާ ދޭތެރޭގައި ބޭރުގެ ފަރާތްތަކުން ދެކޭ ގޮތް ތަސައްވުރަށް އަސަރުކުރާނެ ކަމަށް ގަބޫލް ކުރެވޭ. އަދި ރާއްޖެއަށް އިގުތިސާދީ ގޮތުން ލިބޭނެ ގެއްލުންތަކެއް ވެސް އޮންނާނެ، އެފަދަ ބިރުވެރިކަމެއް އޮތް ކަމަށް ގަބޫލްކުރާ ފަރާތްތަކުން ރާއްޖެއާ ދޭތެރޭ ދެކޭ ގޮތް ތަފާތުވެގެންދާނެ،" ޖަމީލް ވިދާޅުވި އެވެ.
ޖަމީލް ވިދާޅުވީ ނަޝީދު އެވިދާޅުވާ ފަދަ "ހަރުކަށި ހިޔާލު" ގެ ބަޔަކު ރާއްޖޭގައި އުޅެމުން ގެންދާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެފަދަ ބަޔަކު އުޅޭ ކަމުގައިވާނަމަ ރާއްޖޭގެ އިންޓެލިޖެންސަށް އެވާހަކަތައް ގައުމުތަކުން ހިއްސާކުރާނެ ކަމަށެވެ.
"ރާއްޖެއަކީ ހުޅުވިފައި އޮތް ޑިމޮކްރެޓިކް ވެއްޓަކަށްވާއިރު ތަފާތު ހިޔާލުތަކަށް ޖާގަ އޮންނާނެ. ނަމަވެސް އެ ވިދާޅުވާ ފަދަ ބަޔަކު ރާއްޖެއަކު ނެތް،" ހޯމް މިނިސްޓަރު ވިދާޅުވި އެވެ.
ގައުމީ ސަލާމަތާ ބެހޭ ސިޔާސަތާއި ދިފާއީ ސިޔާސަތުގައިވާ ގޮތުން ވެސް އިގްތިސާދަށް ގެއްލުން ލިބޭ ގޮތަށް ކުރާ ކަންތައްތަކަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ އަމަލުތަކެއް ކަމުގައިވާއިރު މިސަރުކާރުން މިހާރު މަސައްކަތް ކުރަމުން ގެންދަނީ ރާއްޖޭގެ ނަން ބަދުނާމް ކުރެއްވުމަށްޓަކައި ރައީސް ނަޝީދު ކުރައްވަމުން ގެންދަވާ ވާހަކަތަކުގެ ހަގީގަތް އޮޅުން ފިލުވައި ދެއްވުމަށް ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.