މިއަހަރު ނިމޭއިރު ދައުލަތުގެ ޖުމްލަ ދަރަނި 20 ބިލިއަން ރުފިޔާއަށް ވުރެ އިތުރުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކޮށްފި އެވެ.

ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު މިއަދު ވިދާޅުވީ މިއަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަންޏާއި ބޭރުގެ ދަރަނި ހުންނާނެ ކަމަށް ލަފާކުރެވެނީ 26 ބިލިއަން ރުފިޔާގައި ކަމަށާއި މިއަހަރުގެ ބަޖެޓްގެ ދަރަނިވެސް ހަ ބިލިއަނެއްހާ ރުފިޔާއާ ގާތް ކުރާނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ބަޖެޓްގެ ދަރަނި ބޮޑު ކުރުމަކީ އެމަނިކުފާނު ވެސް ބޭނުންވާ ކަމެއް ނޫން ކަމަށާއި ނަމަވެސް ބަޖެޓްގެ ތެރޭގައި ނެތް ހަރަދުތަކެއް ކޮށްފައި ވުމުން މިއަދު ދަރަނި ނެގުން ނޫންގޮތެއް ނެތް ކަމަށެވެ. އަދި ވިދާޅުވީ މިއަހަރުގެ ބަޖެޓްގެ އާމުދަނީއަށް 11 ބިލިއަން ރުފިޔާ ލިބޭނެ ކަމަށާއި އަދި ހަރަދުގެ ގޮތުގައި 14 ބިލިއަން ރުފިޔާ ހިގާނެ ކަމަށް ލަފާކުރެވޭނެ ކަމަށެވެ.

ސަރުކާރުން މިއަހަރަށް މަޖިލީހަށް ފޮނުވި ބަޖެޓަކީ 14 ބިލިއަން ރުފިޔާ ގެ ބަޖެޓަކަށް ވާއިރު 3.8 ބިލިއަން ރުފިޔާ އިން ދަރަނިވާނެ ކަމަށް މީގެ ކުރިން ވަނީ ލަފާކޮށްފަ އެވެ. މިދިޔަ އަހަރު ނިމުނު އިރު ޖުމްލަ ދަރަނި ހުރީ 23 ބިލިއަން ރުފިޔާގަ އެވެ. އެއީ ގައުމީ އުފެއްދުންތެރިކަމުގެ މިންގަނޑު ރިއަލް ޖީޑީޕީން، 115 ޕަސެންޓާއި ގާތްކުރާ އަދަދެކެވެ. ދެހާސް އަށް ވަނަ އަހަރުގެ ރާއްޖޭގެ ދަރަނި އުޅެނީ 9.8 ބިލިއަން ރުފިޔާގަ އެވެ.

"އަޅުގަނޑުމެން މިބަލަނީ އަހަރު ނިމެންވާއިރަށް އެކި ގޮތްގޮތުން ދަރަނި މިއަށްވުރެ ވެސް ދަށްކުރެވޭތޯ ނަމަވެސް މި ވަގުތަށް މި އަހަރު ނިމޭއިރު ދަރަނި ހުންނާނެ ކަމަށް ބެލެވެނީ، އެވަރު،" މިނިސްޓަރު ވިދާޅުވި އެވެ.

ޖިހާދު ވިދާޅުވީ 5.3 ބިލިއަން ރުފިޔާގެ ޓީބިލް މިހާރު ވެސް އެބަހުރި ކަމަށާއި އެ ޓީބިލް ތައް ރޯލް ނުކުރެވިއްޖެ ނުކުރެވިއްޖެ ނަމަ ބަޖެޓްގެ ޑެފިސިޓް އެވަރަށް އުފުލޭނެ ކަމުގެ ބިރު ހީވެފައިވާ ކަމަށެވެ. އަދި ސަރުކާރަށް ދިމާވެފައިވާ މާލީ މައްސަލަތަކާ ހެދި ބޭންކްތަކުން ޓީބިލް ގަތުމަށް ފަސްޖެހޭކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ. ބޭންކަކަށް ޓީބިލް ގަނެވެނީ 100 މިލިއަން ރުފިޔާގެ ޓީބިލް ކަމަށާއި އެއީ މައްސަލައެއް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވަރަށް ދަތިހާލުގައި މި ދަނީ ކޭޝްފްލޯ މެނޭޖްކުރަމުން، ކޮންމެ ދުވަހަކު އަޅުގަނޑުމެން ބޭންކް ތަކުގައި އެބަ ބުނަން އެ ޓީބިލްތައް ރޯލްކުރަން، ނަމަވެސް މައްސަލައަކީ ވަރަށް ބޮޑު ގެޕެއް ފައިނޭންސް ކުރަން ޖެހުން،" ޖިހާދު ވިދާޅުވި އެވެ.

ބަޖެޓްގެ ޑެފިސިޓްގެ ބޮޑު ބައެއް ލޯ ނުނަގައިގެން ފޫބައްދަން ޖެހިފައިވާއިރު މިނިސްޓަރު ވިދާޅުވީ ކޯނީގެ ރިޕޯޓް ނެރުމުގެ ކުރިން ބައެއް ބޭންކްތަކުން ރާއްޖެއަށް ލޯނެއް ދިނުމަށް އެއްގޮތަކަށް ވެސް ވާހަކަ ދައްކަން ވެސް ބޭނުން ނުވި ކަމަށެވެ. ނަމަވެސް ރިޕޯޓުގެ ފަހުން ބައެއް ބޭންކްތަކުން ކޮންމެވެސް ވަރަކަށް ލެންޑް ކުރަން އެއްބަސްވާ ކަމަށް ވިދާޅުވި އެވެ.

"ރޭޓިން ހަދާފައި ލޯނުދޭނީ، އެހެން ހަދައިފިއްޔާ ލޯނު ވެސް ލިބިދާނެ، ދެން އަޅުގަނޑުމެން އެކި ގޮތްގޮތުން ވާހަކަ ދައްކައިގެން ރޭޓިން ނުހަދައި ލޯނު ދޭން އެއްބަސްވޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ކެބިނެޓްގެ މިނިސްޓަރުންނާއި ހރައީސުލްޖުމްހޫރިއްޔާ ވެސް ދައުލަތަށް އިތުރަށް ފައިސާ ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ދައުލަތުގެ ދަރަނި ބޮޑުވި ނަމަވެސް ލޯނު ނުނަގައި ބަޖެޓް ފައިނޭންސް ކުރެވޭނެ އެހެން ގޮތްތަކެއް ނެތް ކަމަށް ޖިހާދު މިއަދުވެސް ތަކުރާރު ކުރެއްވި އެވެ.