23 Sep 2012, 19:31
12 ރަށުގައި ކޮމިޔުނިޓީ އީ- ސެންޓާ (ސީއީސީ) ޤާއިމް ކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީ އާއި ނޭޝަނަލް ސެންޓަ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އާއި 12 ރަށެއްގެ ކައުންސިލްތަކާ އެކު އެމްއޯޔޫއެއްގައި މިއަދު ސޮއި ކޮށްފި އެވެ.
ޓްރާސްޕޯޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމްއޯޔޫގައި ސޮއި ކުރެއްވުމަށް ފަހު ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިޝްހާޤް އަހްމަދު ވިދާޅުވީ 50 ރަށެއްގައި ޤާއިމް ކުރާ ކޮމިއުނިޓީ އީ-ސެންޓާސް ތަކުގެ ތެރެއިން މިއަދު ސޮއި ކުރެވުނު ކައުންސިލްތަކާ އެކު ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ކޮމިއުނިޓީ އީ- ސެންޓަރުތައް ގާއިމްކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކުރެވުނީ ކަމަށެވެ.
އެމްއޯޔޫގައި ރަށް ރަށުގެ ފަރާތުން ސޮއިކުރެއްވީ އެ ރަށްތައް ތަމްސީލު ކުރައްވާ ކައުންސިލަރުންނެވެ.
މީގެ ކުރިން 30 ރަށު ކައުންސިލާއި އެކު ވަނީ އެފަދަ އެމްއޯޔޫތަކެއްގައި ސޮއިކޮށްފަ އެވެ.
ރަސްމިއްޔާތުގެ ތެރެއިން ސަން އޮންލައިނަށް މައުލޫމާތު ދެއްވަމުން އިޝްހާޤް ވިދާޅުވީ އެސެންޓަރު ތަށް ޤާއިމް ކުރެވުމުން ރަށް ރަށު ގައިވެސް މީހުން ތަމްރީނު ކުރުމުގެ ވަސީލަތްތައް ގާއިމްވެގެންދާނެ ކަމަށާއި ތަމްރީނު ޕްރޮގްރާމުތައް ރާވައި ހިންގާ ކައުންސިލް ތަކުން ކަމަށެވެ.
ސީއީސީ ތަކަކީ ހަމައެކަނި ޓްރޭނިން ތަކަށް ހުޅުވާ މަރުކަޒު ތަކެއް ނޫން ކަމަށާއި، އެ ތަންތަނުގެ އަމާޒަކީ ސަރުކާރުން ފޯރުކޮށްދޭ ޚިދުމަތް ތަކާއި، އަދި އެހެނިހެން ވެސް ޚިދުމަތް ތަށް އޮންލައިން މެދުވެރިކޮށް ރައްޔިތުން ނަށް ފޯރުކޮށް ދިނުން ކަމަށްވެސް އިޝްހާޤް ވިދާޅުވި އެވެ.
"އަޅުގަނޑު މެން އަމާޒު ކޮށްފަ މިވަނީ އާބާދީ މަދު ރައްރަށައް، އާބާދީ މަދު ރަށް ރަށުގެ ތެރެއިން އަޅުގަނޑު މެންނަށް ފާހަގަ ކުރެވިފަ ހުރި ރަށް ތަކެއް ހޮވާލެވިފަ މިވަނީ، މިހާރު އިންޓަ ނެޓްގެ ބޭނުން އެންމެ މަދުން ކުރެވެމުން ދާ ރަށް ރަށަށް އަމާޒުކޮށްފައި މިހުރީ" އިޝްހާޤް ވިދާޅު ވި އެވެ.
އޭނާ ވިދާޅުވީ އެ ޕްރޮގްރާމްގެ ތެރެއިން ފައިދާ ހުރި ގޮތުގަ އޮންލައިންގެ ބޭނުން ކުރާނެ ގޮތް ދަސްވެގެން ދާނެ ކަމަށާއި، އޮންލައިންގެ ބޭނުން ކޮށްގެން އެކި އެކި ޚިދުމަތް ތަށް ލިބި ގަތުމުގަ ދިމާ ވެދާނެ ނުރައްކާ ތަށްވެސް ދަސްވެގެން ދާނެ ކަމަށެވެ.
އެން.ސީ.އައި.ޓީ ގެ ޗީފް އިންފޮމޭޝަން އޮފިސަރ މުހައްމަދު ޝަރީފް ވިދާޅުވީ، ސީއީސީ ޕްރޮޖެކްޓް ގެ މައިގަނޑު ވިސްނުން އޮތީ އެކަހެރި ވެފަ ތިބި ކުދި މުޖުތަމައު ތަކެއް މައުލޫމާތުގެ މައްޗަށް ބިނާވެފަވާ އެއް މުޖުތަމަ އަކަށް ހެދުން ކަމަށެވެ.
"ސީއީސީސީ ޕްރޮޖެކްޓް ގެ މައިގަނޑު ވިސްނުން އޮތީ އެކަހެރި ވެފަ ތިބި ކުދި ކުދި މުޖުތަމައު ތަކެއް މައުލޫމާތުގެ މައްޗަށް ބިނާވެފަ ވާ އެއް މުޖުތަމަ އަކަށް ހެދުން، އިންފޮމޭޝަން ސޮސައިޓީ އެއްގެ ގޮތުގަ، އެހެންވީމައި ދުއިސައްތަ އެތަށް ކުދި ކުދި ރައްތަކެއްގެ ބަދަލުގައި ގުޅިފަ އޮތް އެއް ޤައުމަކަށް ހެދުން، ދުނިޔޭގެ އެކި ކަންކޮޅު ތަކުގަ ވަރަށް ބާރު ސްޕީޑެއްގަ މައުލޫމާތާއި، ޓެކްނޮލޮޖީ އެބަދޭ ފެތުރެމުން، އެހެން ނަމަވެސް ކުދި މުޖުތަމައު ތަކުގަ އަދިވެސް ވަރަށް ބޮޑެތި ގޮންޖެހުން ތަކެއް އެބަހުރި މައުލޫމާތާއި،ޓެކްނޮލޮޖީ ލިބި ގަތުމަށާއި، އަދި އޭގެ ބޭނުން ކުރުމަށް،" ޝަރީފް ވިދާޅު ވިއެވެ.
ކ.މާފުށި ކައުންސިލް ގެ ނައިބު ރައީސާ މަޖްދާ އިބްރާހިމް ވިދާޅުވީ އެ ރަށުގައި އިންޓަނެޓްގެ ޚިދުމަތް ލިބެން ހުރި ކަމުގަ ވިޔަސް މިކަމަކީ ވަރަަށް ރަނގަޅު ކަމެއްގެ ގޮތުގަ ދެކޭ ކަމަށާއި، މިހާރުގެ ވަސީލަތް ތައް ތަރައްޤީ ވެ އިތުރު މީހުންނާއި ގުޅުން ބަަދަހި ކުރެވޭނެ ގޮތް ވުމުން އެކަމާ އުފާ ކުރާ ކަމަށެވެ.
"އަޅުގަނޑުމެން ކަހަލަ ކުދި ކުދި އާބާދީ ހުންނަ ރަށް ރަށައް މިއީ ވަރަށް މުހިއްމު ކަމެއް، މިހާރުވެސް އަޅުގަނޑުމެން ގެ ތެރެއިން ގިނަ މީހުން އުޅެނީ އެއް ރައްޓެއްސެއްގެ އަތުން މޮޑަމް އެއް ހޯދައިގެން، އެހެން މީހެއްގެ އަތުން ލެޕްޓޮޕެއް ހޯދައިގެން، ނޫނީ ކޮންމެވެސް މީހެއްގެ ފޯނުން މި އިންޓަނެޓް ބޭނުން ކުރަނީ، އަދި އަޅުގަނޑުމެންގެ ކައުންސިލް އިދާރާގައި އިންޓަނެޓް ގެ ޚިދުމަތް ހުންނަނީ ވަރަށް ދަތި ގޮތަކަށް، އިންޓަނެޓް ފުރިހަމަ އަކަށް ނުލިބެ، އެހެންވީމަ ސީ.އީ.ސީ ގެ ސަބަބުން އަޅުގަނޑު މެންގެ ކައުންސިލް ތައްވެސް އަދި ރައްޔިތުން ނަށްވެސް ވަރަށް ބޮޑު ފައިދާ އެއް ކުރާނެ،" މަޖްދާ ވިދާޅުވި އެވެ.
އެ ޕްރޮގްރާމްގެ ތެރެއިން މި ވަގުތަށް ޤާއިމް ކުރުމަށް ހަމަ ޖެހިފަ ވަނީ ޖުމްލަ 50 "ސީއީސީ" އެވެ. "ސީއީސީ" ޕްރޮގްރާމަކީ ސާކް ޑިވެލޮޕްމެންޓް ފަންޑުގެ ދަށުން 1.8 މިލިއަން ޑޮލަރު (27.7 މިލިއަން ރުފިޔާ) ގެ އެހީ ލިބިގެން ހިންގާ ޕްރޮގްރާމެކެވެ.