23 Sep 2012, 18:23
ލޯކަލް ކައުންސިލްތަކުގެ އިހްތިސާސް ހިނގާ ހުރިހާ ބިމެއް މިއަހަރު ނިމުމުގެ ކުރިން އެ ރަށެއްގެ ކައުންސިލަކާ ހަވާލު ކުރަން މަސައްކަތް ކުރައްވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުއިއްޒު ވިދާޅުވެއްޖެ އެވެ.
ލޯކަލް ކައުންސިލްގެ އިހްތިސާސް ހިނގާ ސަރަހައްދުގައި ހިމެނޭ ދައުލަތުގެ ބިންތަކުގެ ތެރެއިން 49 ރަށްރަށުގެ ބިންތައް ކައުންސިލްތަކާ ހަވާލު ކުރަން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރު ވިދާޅުވީ ކައުންސިލްތަކާއި ބިންތައް ހަވާލު ކުރުމުގައި ކައުންސިލްތަކުގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.
"މި އަހަރު ނިމުމުގެ ކުރީގައި ހުރިހާ ކައުންސިލްތަކާއި ބިން ހަވާލުކޮށް ނިންމުން އެއީ އަޅުގަނޑުމެންގެ އަމާޒަކީ. މިކަމުގައި އެހެން ކައުންސިލްތަކު އެއްބާރުލުން ބޭނުންވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ބިންތައް ކައުންސިލްތަކާއި ހަވާލު ކުރުމުގެ ކުރިން އެ މިނިސްޓްރީއާއެކު ވަކި ކަންތައްތަކަކަށް އެއްބަސްވާން ޖެހޭ ކައުންސިލްތައް އެބަހުރި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ކައުންސިލްތަކާއި ހަވާލުކުރާ ބިންތަކުގެ ބޭނުން ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތުގައި ހިފާނެ ކަމަށް ޔަގީން ކުރައްވާކަމަށް ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ ހަވާލުކުރާ ބިންތައްކުގެ ބޭނުން ރަނގަޅު ޕްލޭނެއްގެ ދަށުން ކުރިއަށް ގެންދިއުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑު އެދެނީ ރަނގަޅު ޕްލޭންތައް ހައްދަވައިގެން ތިބޭފުޅުންނާއި ބިންތައް ހަވާލުކުރުމުގައިވެސް ވާގޮތައް އަވަހަށް ވަޑައިގަތުން،" މިނިސްޓަރު ވިދާޅުވި އެވެ.
މިއަދު މެންދުރުފަހު ކަސްޓްމްސްގައި ބޭއްވި ރަސްމިޔާތުގައި 16 އަތޮޅެއްގެ 49 ރަށެއްގެ ކައުންސިލްތަކާއި ބިންތައް ހަވާލުކޮށްފައިވާއިރު މީގެ ކުރިންވެސް ބައެއް ރަށްތަކެއްގެ ބިންތައް ވަނީ ހަވާލުކޮށްފަ އެވެ.