06 Sep 2010, 11:37
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ޕީއޭގެ ނައިބު ލީޑަރު އަހުމަދު ނާޒިމުގެ މައްޗަށް އުފުލާފައިވާ މަކަރާއި ހީލަތް ހެދުމުގެ ދައުވާތަކުގެ ޝަރީއަތް ހިންގުމުގައި ލަސްވަމުންދަނީ މައްސަލައާގުޅޭ ލިޔުންތަކެއް ނުލިބިގެން ކަމަށް ޖިނާއީ ކޯޓުން ބުނެފި އެވެ.
ޖިނާއީ ކޯޓުން ބުނީ މި މައްސަލައާ ގުޅިގެން ކޯޓަށް ބޭނުންވާ ހުރިހާ ލިޔުމެއް ހޯދަން ހޯމް މިނިސްޓްރީ އަށް ލިޔުމުން މިހާރު އެ ލިޔުންތައް ލިބިފައިވާ ކަމަށެވެ. ކޯޓަށް ބޭނުންވާ އެ ލިޔުންތައް ލިބުނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު ކަމަށް ވެސް ކޯޓުން ބުންޏެވެ.
ޖިނާއީ ކޯޓުން ބުނީ މ. ނިޔަނދުރު، ނާޒިމްގެ މައްޗަށް ދައުލަތުން ކޮށްފައިވާ މަކަރާއި ހީލަތް ހެދުމުގެ ތިން މައްސަލަ ވެސް ކޯޓު ކަލަންޑަރުގައި މިހާރު ތާވަލުކޮށްފައިވާ ކަމަށެވެ.
ނާޒީމުގެ މައްސަލަ ދެން ބާއްވާނީ މި އަހަރުގެ ނޮވެމްބަރު މަހުގެ ނުވަ ވަނަ ދުވަހު އެވެ.
ރައްޔިތުން މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންރުގެ މައްޗަށް ދައުވާ ލިބޭ ތިން މައްސަލައިގައި މިހާތަނަށް ކަން ހިންގާފައިވާ ގޮތް ސާފު ކުރުމަށް ކޯޓުގައި އެކި ފަރާތްތަކުން އެދެމުން އަންނަ ކަމަށް ބުނެ ކޯޓުން ވަނީ ބަޔާނެއް ވެސް ނެރެފަ އެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ މަކަރާއި ހީލަތުގެ މައްސަލަ ނޮވެމްބަރު17، 2009ގައި ކޯޓަށް ހުށަހެޅުމުން 16 ފެބްރުއަރީ 2010ގައި އަޑު އެހުމެއް ތާވާލު ކުރިއިރު ނާޒިމު ރަށުގައި ވަޑައިގެން ނޫޅުއްވާ ކަމަށާއި އެހެންވެ ޗިޓު ރައްދު ނުވެގެން މައްސަލަ ކުރިޔަށް ނުދިޔައީ ކަމަށެވެ. އޭގެ ފަހުން ވެސް ނާޒިމު ރާއްޖޭން ބޭރުގައި ހުންނެވުމުން ޝަރީއަތުގެ މަޖިލީހެއް ބޭއްވިފައިނުވާ އިރު 14 މާޗްގައި 2010 ގައި އަޑުއެހުމެއް ބޭއްވި، ނާޒިމުގެ ފަރާތުން މައްސަލަ ދިރާސާ ކުރުމުގެ ފުރުސަތަކަށް ވަނީ އެދިފަ އަވެ.
ޖޫން 17، 2010 ގައި ވެސް އަޑު އެހުމެއް ބޭއްވި އެވެ. އެ މަޖިލީހަށް ފަހު ޖުލައި 8، 2010 ގައި މައްސަލަ ބާއްވަން ތާވަލް ކުރިއިރު ފުލުހުންގެ ބެލުމުގެ ދަށުގައި ނާޒިމް ހުންނެވުމުން ގެއިން ޗިޓާ ހަވާލެއް ނުވި އެވެ.