ފައިސާއަށް ހަށިވިއްކާ 25 މަސާޖް ޕާލާއެއް މިއަހަރުގެ ތެރޭ ބަންދުކޮށް 98 މީހަކު ހައްޔަރުކޮށްފައިވާއިރު 58 ބިދޭސީއަކު ޑީޕޯޓްކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

މިއަހަރު ބަންދު ކުރި ތަންތަނުގެ ތެރޭގައި ރާއްޖޭގެ އެއްވެސް ރިސޯޓެއްގައި ހިންގާ ސުޕާއެއް ނުހިމެނެ އެވެ. އަދި ބަންދު ކުރި ތަންތަނުން 138783ރ. އާއި 3155 އެމެރިކާ ޑޮލަރު ފެނުނު ކަމަށް ފުލުހުން މިއަދު ބުންޏެވެ.

ފުލުސް، ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ޑެޕިއުޓީ ހެޑް އިންސްޕެކްޓާ އޮފް ޕޮލިސް މުޙައްމަދު ދާއޫދު ވިދާޅުވީ މިއަހަރުގެ އޮޕަރޭޝަންތަކުގައި ފުލުހުން ވަދެ ބަންދުކުރި ތަންތަނުގެ ތެރޭގައި މާޗް މަހު ބަންދު ކުރި ތިން ތަނަކާއި އޭޕްރީލް މަހު ބަންދުކުރި ތިން މަސާޖްޕާލާ އާއި މެއި މަހު ބަންދުކުރި ފަސް ތަނަކާއި ޖޫން މަހު ބަންދުކުރި ހަ ތަނަކާއި ޖުލައިގައި ބަންދުކުރި ފަސް ތަނާއި އޯގަސްޓްމަހު ބަންދުކޮށްފައިވާ ހަށި ވިއްކާތަނެއްގެ އިތުރުން މިމަހު ފުލުހުން ވަދެ ބަންދުކުރި ހަތަރު ތަނެއް ހިމެނޭ ކަމަށެވެ.

މާޗް ފަހުން ފެށިގެން ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި ހަށިވިއްކަމުންދިޔަ ކަމަށް ތުހުމަތުވި 98 މީހަކު ހައްޔަރުކުރި އިރު އޭތެރެއިން 58 ބިދޭސީއަކު ވަނީ ޑީޕޯޓް ކޮށްފަ އެވެ. ޑީޕޯޓްކުރި ބިދޭސީންގެ ތެރޭގައި ފިރިހެނުން ހިމެނޭއިރު، ޑީޕޯޓް ކުރި ބަންގްލަދޭޝް މީހަކު ނަން ބަދަލުކޮށްގެން ދެވަނަ ފަހަރަށް ރާއްޖެ އެތެރެވެ ހަށި ވިއްކުމުގައި އުޅެނިކޮށް ފުލުހުން ވަނީ ހައްޔަރުކޮފަ އެވެ.

މިއަހަރު ބަންދު ކުރި މަސާޖު ޕާލާތަކުން ހައްޔަރުކުރި މީހުންގެ ތެރެއިން ތައިލޭންޑްގެ ހަތަރު އަންހެނަކާއި ބަންގްލަދޭޝް ދެ އަންހެނަކާއި ދިވެހި ތިން ފިރިހެނުންގެ އިތުރުން ބަންގްލަދޭޝް ދެ ފިރިހެނަކު އަދިވެސް ތިބީ ފުލުހުންގެ ހައްޔަރުގަ އެވެ.