ބަޖެޓް ސަޕޯޓުގެ ގޮތުގައި އިންޑިއާ ސަރުކާރުން 100 މިލިއަން ޑޮލަރުގެ ލޯނުގެ އިތުރު 25 މިލިއަން ޑޮލަރު ލޯނުގެ ގޮތުގައި ނެގުމަށާއި ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އަށް 150 މިލިއަން ޑޮލަރުގެ ލޯނު ގެރެންޓީ ދޫކުރުމުގެ ހުއްދަ ރައްޔިތުން މަޖިލީހުން ފިނޭންސް މިނިސްޓްރީއަށް މިއަދު ދީފި އެވެ.

ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ދައުލަތުގެ މާލީ ހާލަތު ބަޔާންކޮށްދެއްވައި ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު މިއަދު ވާހަކަފުޅު ދެއްކެވިތާ ގިނަ އިރެއް ނުވެ މާލިއްޔަތު ކޮމެޓީގެ ކުއްލި ބައްދަލުވުމެއް މިއަދު 4:00 ޖެހިއިރު ވަނީ ބާއްވައިފަ އެވެ.

ކޮމެޓީގެ މުގައްރިރު ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ އެއް ބައްދަލުވުން ބާއްވައި އެ ލޯނުގެ ނެގުމުގެ ހުއްދަތައް ދޭން ނިންމީ އެކަމުގެ ސަބަބުން ދައުލަތަށް އިތުރު ގެއްލުންތަކެއް ވެދާނެތީ އެކަމާ މެދު ޕާޓީތައް އެއްގަލަކަށް އެރުމުން ކަމަށެވެ.

"އޭސީސީއާ އެކު ބޭއްވި ބައްދަލުވުމަށް ފަހު ކޮމެޓީގެ މެންބަރުން އެދިވަޑައިގަތީ ފިނޭންސް މިނިސްޓަރު ރެއިޒްކުރެއްވި ކަންތައްތަކަކީ ސެންސިޓިވް އިޝޫތަކަކަށްވާތީ އެ ހުއްދަތައް ދެއްވަން، ހުރިހާ ޕާޓީތަކުން ވެސް އެގޮތައް އިއްތިފާގުވެ ވަޑައިގެންނެވި،" ނާޒިމް ވިދާޅުވި އެވެ.

މިއަދު މެންދުރު ކުރީގައި ބޭއްވި މާލިއްޔަތު ކޮމެޓީގައި ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވީ އިންޑިއާގެ 25 މިލިއަން ޑޮލަރުގެ ލޯނު ނުލިބިއްޖެނަމަ މި މަހު ސަރުކާރުގެ މުވައްޒަފުންނަށް މުސާރަދޭން ވަރަށް ދަތިވާނެ ކަމަށެވެ.

މީގެ ކުރިން މެންބަރުން ވަނީ އެ ލޯނުތައް ސަރުކާރަށް ނެގުމުގެ ހުއްދަ ދޫކުރުމާ މެދު ހިޔާލުތަފާތުވެފަ އެވެ. އެ މެންބަރުން އެކަމަށް ދެކޮޅު ހެއްދެވީ ދައުލަތުގެ ދަރަނީ އިތުރަށް ބޮޑުވެދާނެ ކަމުގެ ބިރު ބޮޑުކަމަށް ވިދާޅުވެ އެވެ.