23 Sep 2012, 17:34
ވިހި އަހަރު ދުވަހަށް މެލޭޝިޔާގެ ނެކްސް ބިޒް ކުންފުންޏާއެކު ކޮންޓްރެކްޓްކޮށްފައިވާ ބޯޑާ ކޮންޓްރޯލް ސިސްޓަމުން ދިވެހި ދައުލަތަށް 2.5 ބިލިއަން ރުފިޔާގެ ގެއްލުންވާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.
މާލިއްޔަތު ކޮމެޓީން ދިރާސާ ކުރަމުންދާ ބޯޑާ ކޮންޓްރޯލް ސިސްޓަމް މައްސަލައިގައި އޭސީސީ މިއަދު ކޮމެޓީއަށް ހާޒިރު ކުރުމުން އެ ކޮމިޝަނުން ވަނީ މިހާތަނަށް އެ މައްސަލައާ ގުޅިގެން ހިންގި ތަހުގީގުތަކުގެ ތަފްސީލް މައުލޫމާތު ކޮމެޓީއާ ހިއްސާކޮށްފަ އެވެ.
ވިހި އަހަރު ދުވަހުގެ މުއްދަތައް ނެކްސް ބިޒް ކުންފުންޏާއެކު ހަދާފައިވާ އެގްރިމެންޓާއެކު އެޕްރީލް 18، 2011 ގައި ކެބިނެޓްގައި މަޝްވަރާ ކުރި ލިޔެކިޔުންތައް މިއަދު ކޮމެޓިއަށް އޭސީސީން ވަނީ ހާމަކޮށްފަ އެވެ. އެ ހިސާބުތައް ބުނާގޮތުން ރާއްޖެ އައިސްގޮސްވާނެ ކަމަށް ލަފާ ކުރާ މީހުންގެ ހިސާބުތަކަށް ބަލައި އެގްރިމެންޓްގައިވާ ގޮތަށް ޓެކްސްގެ ގޮތުގައި ނަގާ ފައިސާއިން ފުރަތަމަ އަށް އަހަރު ދުވަހު ނެކްސް ބިޒަށް 47.5 މިލިއަން ޑޮލަރު (732.45 މިލިއަން ރުފިޔާ) ލިބޭނެ އެވެ. ނަމަވެސް އެ އަހަރު ދުވަހުގެ ތެރޭގައި ސަރުކާރަށް ރޯޔަލްޓީގެ ގޮތުގައި ލިބޭނީ 2.5 މިލިއަން ޑޮލަރެވެ. އެއީ 38.55 މިލިއަން ރުފިޔާ އެވެ.
ޖުމްލަ 20 އަހަރު ދުވަހަށް ނުވަތަ 2030 ގެ ނިޔަލަށް ނެކްސްބިޒްއަށް 166.725 މިލިއަން ޑޮލަރު (2.5 ބިލިއަން ރުފިޔާ) ލިބޭނެ އެވެ. އަދި ސަރުކާރަށް ރޯޔަލްޓީގެ ގޮތުގައި ލިބޭނީ އެންމެ 8.7 މިލިއަން ޑޮލަރެވެ. އެއީ 134.2 މިލިއަން ރުފިޔާ އެވެ.
ކޮމެޓީއަށް ޖަވާބު ދާރީވަމުން އޭސީސީގެ ރައީސް ހަސަން ލުތުފީ ވިދާޅުވީ ބޯޑާ ކޮންޓްރޯލް ސިސްޓަމަކީ އެމެރިކާ ސަރުކާރާއި އިންޑިއާ ސަރުކާރުގެ ހިލޭ ރާއްޖެއަށް ކޮށްދޭނެ ކަމެއް ކަމަށް ބުނެފައިވާއިރު، ބޮޑު ހަރަދެއްކޮށްގެން ވިހި އަހަރު ދުވަހަށް ނެކްސްބިޒާ ހަވާލު ކުރި އެ މަސައްކަތަކީ 2.5 ބިލިއަން ރުފިޔާގެ ގެއްލުމެއް ދައުލަތަށް ވާނެ މަޝްރޫއެއް ކަމަށެވެ. އެއީ އެ ސިސްޓަމުން ރައްޔިތުންނަށް ތަކުލީފުތަކެއް އުފުލަންޖެހި ދިވެހިރައްޔިތުންގެ އަތުން ފައިސާތަކެއް ހޭދަވާނެތީ ކަމަށްވެސް ލުތުފީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބޯޑާ ކޮންޓްރޯލް ސިސްޓަމްގެ އެގްރިމެންޓްގައި ކޮރަޕްޝަން އެކުލެވޭއިރު، އަނެއްކާވެސް ކޮރަޕްޝަންގެ އަމަލުތަކެއްގެ ތުހުމަތުގައި އިތުރު ތަހުގީގުތަކެއް ހިންގަމުންދާ ކަމަށާއި އެ ތަހުގީގުތައް ހިންގަނީ ބޭރު ބަޔަކާ ގުޅިގެން ކަމަށެވެ.
"ވިހި އަހަރު ދުވަހުގެ ތެރޭގައި 2.5 ބިލިއަން ރުފިޔާގެ ގެއްލުން ދިވެހި ސަރުކާރަށް ލިބިގެން މިދަނީ. އަޅުގަނޑުވެސް ގަބޫލު ކުރަން މި ޕްރޮޖެކްޓް ހިންގުމުން ދައުލަތުން އެންމެ އެއްޗެއް ދޭން ނުޖެހުނަސް. ރައްޔިތުންގެ އަތުން ނެގޭ ކޮންމެ އެއްޗަކީ ދައުލަތުން ނެގޭ އެއްޗެއްގެ ގޮތުގައި އަޅުގަނޑު ދެކެނީ. އެހެންވީމައި ދައުލަތުން ގެއްލިގެން މިދާ 2.5 ބިލިއަން ރުފިޔާއަކީ ޓޯޓަލް ލޮސްއެއް،" ލުތުފީ ވިދާޅުވި އެވެ.
އޭސީސީން މިއަދު ކޮމެޓީއަށް ހުށަހަޅައިދިން ޕްރެޒެންޓޭޝަނުގައިވާ ގޮތުން ބޯޑާ ކޮންޓްރޯލް ސިސްޓަމަށް ބިޑް ކުރި ފަރާތްތަކުގެ ތެރެއިން އެންމެ ގިނަ މާކްސް ހޯދައިގެން ބީލަން ކާމިޔާބު ކުރަނީ އައިރިސް ނަމަކަށް ކިޔާ ކުންފުންޏެކެވެ. ދެވަނައަށް ހޮވެނީ މެލޭޝިޔާގެ ނެކްސް ބިޒް ކުންފުންޏެވެ.
ނަމަވެސް އޮޅުވާލުންތަކެއްގެ ތެރޭގައި އިމިގްރޭޝަނުން ނެކްސް ބިޒަށް ބޯޑާކޮންޓްރޯލް ސިސްޓަމްގެ މަސައްކަތް ދީފައިވާ ކަމަށާއި އެ ކުންފިން ހުށަހެޅި ޕްރޮޕޯޒަލް ފިނޭންސަށް ހުށަހެޅިއިރު، އިމިގްރޭޝަނުން އެ ޕްރޮޕޯޒަލްއަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށް އެ މައްސަލަ ބެއްލެވި އިސް އިންވެސްޓިގޭޓަރު، މުހަންމަދު ސޯދިގު ވިދާޅުވި އެވެ އެގޮތުން އެ ޕްރޮޖެކްޓްގެ ފައިނޭޝަލް އިވެލުއޭޝަންގައި ވަރަށް ބޮޑު އުޅުވާލުންތަކެއް ހުރި ކަމަށް ބުނެ ރައީސް މުހަންމަދު ނަޝީދުގެ ސަރުކާރުންވެސް ވަޒީރުންގެ މަޖިލީހުގައި ބަހުސްތަކެއްކޮށްފައިވާ ކަމަށެވެ.
އޭރުގެ ސަރުކާރުގެ ބަންޑާރަ ނައިބު އަލީ ސަވާދު މިދިޔަ އަހަރުގެ އެޕްރީލް މަހު ވަޒީރުންގެ މަޖިލީހަށް ލަފާދީފައިވާ ކަމަށް އޭސީސީން ބުނީ އެ މައްސަލައިގައި ނެކްސްބިޒް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުން ރޫލާލައި ބަދަލުގެ ގޮތުގައި ދޭންޖެހޭ އެއްޗެއް ނެކްސްބިޒްއަށް ދިނުމަށެވެ.
އެގޮތުން ބޯޑާ ކޮންޓްރޯލް ސިސްޓަމް ގާއިމް ކުރުމުގެ މަސައްކަތް ލިބިއްޖެނަމަ 200،000 އައިޑީކާޑާއި 29 ސްކޮލާޝީޕް ހޯދައިދޭނެ ކަމަށް ޕްރޮޕޯސަލްގައި ބުނެފައިވީ ނަމަވެސް، އެ ކުންފުންޏާއެކު އެގްރިމެންޓް ކުރިއިރު، އެ ޝަރުތުތައް އުނިކޮށްފައިވާ ކަމަށެވެ.