23 Sep 2012, 17:23
އާބާދީއާ ތަރައްގީ އެއްފަސް ކުރުމުގެ ސިޔާސަތުގެ ދަށުން ރާއްޖޭގައި މީހުން ދިރިއުޅެމުން އަންނަ ރަށްތަކުގެ އަދަދު ދެބައިކުޅަ އެއްބައި މަދުކުރަން ޖެހޭ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ސާޅީސް ނުވަ ރަށެއްގެ ކައުންސިލްގެ އިހްތިސާސްގައި ހުރި ބިންތައް އެ ރަށްރަށުގެ ކައުންސިލްތަކާއި ހަވާލު ކުރަން މިއަދު ބޭއްވި ރަސްމިޔާތުގައި ހައުސިން މިނިސްޓަރު މުއިއްޒު ވިދާޅުވީ ސަރުކާރުން އެކުލަވައިލާފައިވާ ސިޔާތަކަށް ބަލާއިރު އާބާދީ އެއްފަސް ކުރުމުގެ ސިޔާސަތު ދަށުން މީހުން އުޅޭ ރަށްތަކުގެ އަދަދު ދެ ބައިކުޅަ އެއްބަޔަށް މަދު ކުރަންޖެހޭ ކަމަށެވެ. އެކަން ކުރުމަށް 10 ވަރަކަށް އަހަރު ނަގާނެ ކަމަށެވެ.
"އަޅުގަނޑުމެން އެކުލަވައިލާފައިވާ ސިޔާސަތުގެ މައްޗަށް ބަލާނަމަ ރާއްޖޭގައި މިހާރު މީހުން ދިރިއުޅެމުން އަން ރަށްރަށުގެ އަދަދު ދެބައި ކުޅަ އެއްބަޔަށް އެންމެ މަދުވެގެން މަދުކުރަން އެބަޖެހޭ. މިކަމީ އެއް ދުވަކުން ދެ ދުވަހަކުން ހާސިލް ވާނެ ކަމެއް ނޫން. ހަގީގަތުގައި މިކަން ކުރަން ދިހަ ވަރަކަށް އަހަރު ނަގާފާނެ. ނުވަތަ އެއަށް ވުރެ ގިނަ ދުވަސް ވެސް ނަގާފާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ކަސްޓްމްސް ބިލްޑިންގައި މިއަދު މެންދުރު ފަހު ބޭއްވި ރަސްމިޔާތުގައި މިނިސްޓަރު ވިދާޅުވީ އާބާދީ އެއްފަސް ކުރާނެ ރަށްތައް ކަނޑައަޅަމުން އަންނަ ކަމަށާއި ކުދި ރަށްތަކުގެ އާބާދީތައް ބޮޑެތި ރަށްރަށަށް ބަދަލުކުރާނެ ދެ ގޮތެއް ސިޔާސަތުގައި ހިމަނާފައިވާ ކަމަށެވެ.
އެގޮތުން ބޮޑެތި ރަށްތަކަށް މީހުން ބަދަލު ކުރަން ނިންމާފައިވާ އެއްގޮތަކީ އާބާދީ އެއްފަސްކުރާ ރަށުގައި ގެތައް އަޅައި ދިނުމަށް ފަހު އިތުރު ފައިސާއާއެކު އާއިލާތައް ބަދަލު ކުރުން ކަމަށާއި އަނެއް ގޮތަކީ އެމީހަކު ބޭނުންވެގެން ބަދަލުވުމުގެ ފުރުސަތު ދިނުން ކަމަށް ވެސް މިނިސްޓަރު މުއިއްޒު މިއަދު ވިދާޅުވި އެވެ.
"މީހުން ބަދަލު ކުރުމުގެ ޕްރޮގްރާމްގެ ތެރެއިން ހިލޭގެ އަޅާދީފައި އެމީހެއްގެ އަތުން އެއްޗެއް ނުގޮސް ބަދަލުވުމަށް ވެސް އެ އާއިލާއަކަށް އެކަށީގެންވާ ވަރަށް، ދައުލަތުގެ ކެރިފޯރުންތެރިކަން ހުރިވަރަކުން ފައިސާކޮޅެއް ވެސް ދީގެން ބަދަލު ކުރުން، އެއީ އެއްގޮތް. އަދި އޭގެ އިތުރުން އަމިއްލައަށް ބޭނުންވެގެން ބަދަލުވާން ބޭނުންވާ މީހުނަށް އެކަމަށްވެސް މަގުފަހިވާނެހެން ކަންކަން ރޭވުން،" މިނިސްޓަރު ވިދާޅުވި އެވެ.
އެއްފަސް ކުރުމަށް ހަމަ ޖެހިފައިވާ ރަށްތަކަށް ހައުސިން މިނިސްޓްރީގެ ޓީމްތައް ވަރަށް އަވަހަށް ދާނެ ކަމަށާއި އަދި އެކަން ރޭވިފައިވާ ގޮތްތައް ކައުންސިލްތަކާ ހިއްސާ ކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އިތުރަށް ވިދާޅުވީ ރާއްޖޭގެ އުތުރުން ދެކުނަށް ގާތްގަނޑަކަށް 10 ރަށެއްގެ ބިން ބޮޑުކޮށް އެ 10 ރަށުގެ އުމުރާނީ ވަސީލަތްތައް އިތުރަށް ތަރައްގީކޮށް ދެމެހެއްޓެނެވި ގޮތެއްގައި އާބާދީ އެއްފަސް ކުރެވޭނެ ކަމަށެވެ.
"އެހެން ނަމަވެސް މިހާރުން މިހާރަށް ވެސް އަސާސީ ހައްގުތައް ލިބެދޭންޖެހޭ ރަށްތަކުގައި އެކި ކަހަލަ މަޝްރޫއުތައް ހިނގަމުންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ކުދި އާބާދީތައް ބަދަލު ކުރުމަށް ސަރުކާރުން ގެންގުޅޭ އެއްފަސްކުރުގެ ސިޔާސަތު ތަންފީޒު ކުރަން ވަރަށް ބޮޑަށް މަސައްކަތް ކުރާ ކަމަށާއި އެކަން ކުރުމުގައި ކައުންސިލްތަކުގެ އެއްބާރުލުން ވެސް ބޭނުންވާ ކަމަށެވެ.
"އާބާދީއާ ތަރައްގީ އެއްފަސް ކުރެވިއްޖެއްޔާ ގާނޫނު އަސާސީގައި ބުނާ އަސާސީ ހައްގުތައް، ލަފާ ފުރުމުގެ ހައްގު، ބޭސްފަރުވާ ކުރުމުގެ ހައްގު، ކިޔެވުން، ބޯހިޔާވަހިކަން، ދައުލަތަށް ކެރިފޯރުވުންހުރި މިންވަރުން ފޯރުކޮށްދެވޭނެކަން ޔަގީން،" މިނިސްޓަރު ވިދާޅުވި އެވެ.
އެއްވެސް ރަށެއްގެ ބަޔަކު ގަދަ ކަމުން އެހެން ރަށަކަށް ބަދަލު ނުކުރާނެ ކަމަށާއި ބަދަލުކުރާނީ އެރަށެއްގެ މެޖޯރިޓީ ބޭނުންވުމުން ރުހުމުގައި ކަމަށް ސަރުކާރުން ވަނީ އިއުލާން ކޮށްފަ އެވެ.