23 Sep 2012, 16:44
މިހާރު ދައުލަތް ހިންގަން ޖެހިފައިވަނީ ރާއްޖެއަށް ކަމުދާވަރަށް ވުރެ މާ ބޮޑު މޮޑެލްއަކަށް ކަމަށާއި މި މޮޑެލް މިހާރުން މިހާރަށް ވެސް ބަދަލުކުރަން ޖެހިފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން ޖިހާދު ވިދާޅުވީ މިހާރު ވެރިކަން ހިންގަންޖެހޭ މޮޑެލްގެ ގޮތުން ވަރަށް ގިނަ މަގާމުތަކެއް އުފައްދާ އެތައް ބޮޑެތި މުސާރަތަކެއް އެތައް ބަޔަކަށް ދޭންޖެހޭ ކަމަށާއި މިއީ ދައުލަތަށް ލިބޭ އާމްދަނީއާ ނުބައްދަލު ހަރަދުތަކެއް ކަމަށެވެ.
"އަޅުގަނޑުމެންގެ ގައުމުގައި އޮވޭ ޕޮލިސް އިންޓަގްރިޓީ، ކަސްޓަމްސް އިންޓަގްރިޓީ، ދެން ދުވަސްކޮޅަކުން އަންނާނީ ޖުޑީޝިއަލް އިންޓަގްރިޓީ ކަންނޭނގެ، ކޮން ގައުމެއްގައިތޯ އޮންނަނީ މިހެން، އެހެން ގައުމުތަކުގައި ވެސް އޮންނާނީ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނެއް، އަޅުގަނޑުމެން ބޭނުންވޭތޯ މިހާ ގިނަ ކައުންސިލަރުން ފުލްޓައިމް، މިއީ އަޅުގަނޑުމެން މިއަދު ސުވާލުކުރަން ޖެހޭ ކަންކަން،" ޖިހާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އާބާދީ އެއްފަސްކުރުމުގެ ޕްރޮގްރާމް ވެސް ކުރިއަށް ގެންދަން ޖެހޭ ކަމަށާއި ވަކިވަކި ރަށްރަށުގެ ގޮތުގައި ބާއްވައިގެން ކޮންމެ ރަށަކަށް ކުރަން ޖެހޭ ހަރަދު ކުރުމަކީ ދެމެހެއްޓެނިވި ގޮތުގައި ކުރިއަށް ގެންދެވޭނެ ކަމެއް ނޫން ކަމަށެވެ. ޖިހާދު ވިދާޅުވީ ކިތަންމެ ކުންފުންޏެއް ހުރިއިރު ނުހިނގާ އެތައް ކުންފުންޏެއް އުވައިލަން ޖެހިފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ޑިމޮކްރަސީގެ ވާހަކަ ދައްކާއިރު އެއަށް ފައިނޭންސް ކުރާނެ ގޮތެއް ނެތް ހޯދާފައެއް، މިއީ މި ޖެހިގެން އުޅޭ މައްސަލަ،" ޖިހާދު ވިދާޅުވި އެވެ.
އަދި ވިދާޅުވީ ހުރިހާ މުވައްޒަފުންގެ މުސާރަތައް ވެސް ކުޑަކުރަން ޖެހޭ ކަމަށާއި އެކަމަށް އެއްބާރުލުން ނުލިބެނީ މިނިވަން މުއައްސަސާތަކުން ކަމަށެވެ.
އަދި ބައެއް މިނިވަން މުއައްސަސާތަކުން އަމަލުކުރައްވާ ގޮތުން ފިނޭންސް މިނިސްޓްރީގެ މަސްއޫލިއްޔަތުތައް ފުރިހަމަ ގޮތުގައި އަދާނުކުރެއްވޭ ކަމަށް ވިދާޅުވި އެވެ.
"ބާރުގަދަ އެތައް މުއައްސަސާތަކެއް ހަދާފައި ހުރީ، އަޅުގަނޑުމެން ކޮންމެހެން ބަދުބަހެއް ބުނާކޮށް ނޫން، ބަޖެޓް ކުޑަކުރީމަވެސް އޮޑިޓް އޮފީހުން ހުދު މި މަޖިލީހުން ވެސް ވިދާޅުވީ އެކަމެއް އެގޮތަކަށް ނުކުރެވޭނޭ، ތިބޭފުޅުންގެ މުސާރަތައް ކުޑަކުރައްވަން އުޅުއްވީމައި އިއުތިރާޒް ކުރެއްވީ، އަޅުގަނޑުމެން މިތިބެނީ ބަނދެވިފައި،" މިނިސްޓަރު ވިދާޅުވި އެވެ.
ބަޖެޓް 15 ޕަސެންޓަށް ކުޑަކޮށްގެން އޭގެން އެންމެ ރަނގަޅު ނަތީޖާ ހާސިލް ނުކުރެވުނީ އެންމެންގެ އެއްބާރުލުން ނުލިބިގެން ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ބަޖެޓްގެ މައްސަލަ ދެންވެސް ހައްލުކުރެވޭނީ ވޭތުވެ ދިޔަ ތަނުގެ ވާހަކަ ދެއްކުން ހުއްޓާލައި އެންމެންގެ އެއްބާރުލުން ލިބިގެން ކަމަށެވެ.
"މީ އެތައް އަހަރުތަކެއްގައި ބަޖެޓް މެނޭޖް ކުރި ގޮތުން ވީގޮތެއް، އަޅުގަނޑުމެން ބަލަންވީ ދެންވެސް އެންމެން އެއްބާރުލައިގެން މިކަން ކުރަން، މިއީ އެންމެ ދުވަހަކުން މަހަކުން، އަހަރަކުން ހައްލުވާނެ ކަމެއް ނޫން."