އެމްއެންޑީއެފްގެ ޔުނިޓްތަކުގެ ސިފައިންނަށް އަމާޒުކޮށްގެން ފަސް ދުވަހުގެ ނިޔަލަށް ހިންގާ އެކްސަސައިޒް "ހޭވައްލާ 2012" މިއަދު ފަށައިފި އެވެ.

މި އެކްސަސައިޒް ފެށީ މިއަދު ހެނދުނު ކަޅުތުއްކަލާކޮށީގެ ހެވިކަމުގެ މައިދާނުން ގިނަ ޢަދަދެއްގެ ސިފައިން ފެށި ދުވުމަކުންނެވެ.

އެމްއެންޑީއެފް އިން ބުނީ އެ އެކްސަސައިޒްތަކަކީ އެމްއެންޑީއެފް ކޮމާންޑްތަކަކުން ހިންގާ އޮޕަރޭޝަންތަކުގައި އެ އޭރިޔާތަކުގެ އެމްޑީޔޫ ނުވަތަ އެމްޑީޔޫތަކުގެ އިތުރުން ފައިޓިން ޓްރޫޕްސް ބޭނުންވެއްޖެނަމަ، އެ އޭރިޔާއެއްގައި ތިބި ސިފައިންގެ ތެރެއިން އޮޕަރޭޝަނަލް ރޯލަށް ދޫކުރެވެންހުރި މީހުން ދެނެގަނެ އެމީހުންގެ އަސާސީ އަސްކަރީ އިލްމާއި ހުނަރު ރިފްރެޝްކުރުމުގެ ގޮތުން ހިންގޭ ސިލްސިލާ ތަމްރީން ތަކެއް ކަމަށެވެ.

"މި އެކްސަސައިޒް ހޭވައްލާގައި ފަރިތަކުރެވޭނެ ބައިތަކުގެ ތެރޭގައި ސިފައިންގެ މަރުކަޒުތައް ދިފާޢުކުރުމުގެ ރޫޓިންގ ޓާސްކްތަކާއި، ކައުންޓާ ރިވޮލިއުޝަނަރީ ވޯފެއާ އާއި ބޭސިކް ސްކިލްސްއާއި ކޭޕީ ގާޑް އެންޑް ޑިފެންސްއާއި ރޫލް އޮފް އެންގޭޖްމަންޓާއި ލޯސް އޮފް އާރމްޑް ކޮންފްލިކްޓާއި ޕަބްލިކް އޯޑާ ޓްރެއިނިން އާއި ކްލޯސް ކޮމްބެޓާއި، ފިޒިކަލް ޓްރެއިނިން އާއި ސިގްނަލް އަދި ޤާނޫނާއި ޤަވާއިދުގެ ބައިތައް ހިމެނޭ،" އެމްއެންޑިއެފް އިން ބުންޏެވެ.

އެ އެކްސަސައިޒްތައް ކުރިއަށްގެންދަން ނިންމާފައިވަނީ ކަޅުތުއްކަލާކޮއްޓާއި ބަންޑާރަ ކޮށީގެ އިތުރުން މާލެއާއި އަދި މާލޭގެ ދެއަވަށް ކަމުގައިވާ ވިލިމާލެ އާއި ހުޅުމާލޭގެ ބައެއް ސަރަޙައްދުތަކުގަ އެވެ.