23 Sep 2012, 15:02
މާލެއާއި ދެ ރަށަކުން މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މިދިޔަ ބުރާސްފަތި ދުވަހު ހިންގި އޮޕަރޭޝަނެއްގައި މ. މުލަކުން 39 ޕެކެޓާއެކު އުމުރުން 19 އަހަރުގެ މީހަކާއި 20 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ 20 އަހަރުގެ މީހާ ދިރިއުޅޭ ގޭގެ ތެރޭގައި ތިއްބަވެ. ފުލުހުން ބުނީ އެގޭގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 39 ރަބަރު ޕެކެޓް ފެނިފައިވަނީ މި ދެމީހުންގެ ތެރެއިން އުމުރުން 20 އަހަރުގެ މީހާ ގެ އަތުން ކަމަށެވެ. އަދި އޭނާގެ ކުޑަކަމުދާ ތަކެއްތި މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހދ. މަކުނުދޫން ވެސް ވަނީ މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފަ އެވެ. އެ މައްސަލައާއި ގުޅިގެން އުމުރުން 21 އަހަރުގެ މީހަކު ހައްޔަރު ކޮށްފައިވަނީ މަކުނުދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މަކުނުދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި އެދުވަހުގެ މެންދުރު ކުޅުދުއްފުށިން މަކުނުދޫއަށް ދިޔަ ލޯންޗަކުން މަކުނޫދުއަށް ދިޔަ ވަގުތު އެވެ.
އަދި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި، ރަބަރު ތިން ޕެކެޓާއި ފިލްމު ހުސްކުރި ދަޅު ފެނިފައިވަނީ އޭނާގެ ހަށިގަނޑު ބަލައި ފާސްކުރިއިރު އޭނާގެ އަތުން ކަމަށް ފުލުހުން ބުނެ އެވެ. އެމީހާގެ އަތުން މަސްތުވާތަކެތި ބަންދު ކުރަން ބޭނުންކުރާ ޒާތުގެ ފަސް ބޮނޑި ކަރުދާސް ވެސް އޭނަގެ އަތުން ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ދެ މައްސަލައިގެ އިތުރުން އިއްޔެ ވަނީ މާލޭން ވެސް މަސްތުވާތަކެއްޗާއެކު އުމުރުން 45 އަހަރުގެ މީހަކު ހައްޔަރުކޮށްފަ އެވެ. ފުލުހުން ބުނީ އެމީހާގެ އަތުން މަސްތުވާތަކެއްތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 22 ރަބަރު ޕެކެޓްފެނިފައިވާ ކަމަށެވެ.
އަދި އޭނާގެ އަމަލުތައް ހުރި ގޮތުން އޭނާ ހުއްޓުވައި ބަލާ ފާސްކުރަން އުޅުމުން އޭނާގެ އަތުގައި އޮތް ފޮށިގަނޑެއް އެއްލާލައި ފިލަން މަސައްކަތް ކޮށްފައިވާ ކަމަށެވެ. ފުލުހުން ބުނީ މަސްތުވާތަކެތި ފެނިފައިވަނީ އޭނާ އެއްލައިލި ފޮށިގަނޑެއްގެ ތެރެއިން ކަމަށެވެ.