23 Sep 2012, 14:56
މިއަހަރުގެ ފަހު ތިން މަސްދުވަސް، އޮކްޓޯބަރު ނޮވެމްބަރު އަދި ޑިސެމްބަރު މަހު ދައުލަތުގެ ހަރަދުބަރަދު ބަލެހެއްޓޭނެ ގޮތްތަކެއް އަދި ހޯދިފައި ނެތް ކަމަށް ފިނޭންސް މިނިސްޓާ އަބްދުﷲ ޖިހާދު މިއަދު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މާލީ ހާލަތު ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް އޮޅުންފިލުއްވައި ދެއްވަމުން މިނިސްޓާ ޖިހާދު ވިދާޅުވީ މިއަހަރުގެ ބަޖެޓްގައި އާމްދަނީގެ ގޮތުގައި 11 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު އޭގެ ތެރެއިން އަދި ލިބިފައިވަނީ ހަތް ބިލިއަން ރުފިޔާ ކަމަށެވެ.
އަދި ހަރަދުގެ ގޮތުގައި ހިނގާނެ ކަމަށް ލަފާކޮށްފައިވަނީ 14 ބިލިއަން ރުފިޔާ ކަމަށް ވާއިރު ނުވަ ބިލިއަން ރުފިޔާ މިހާތަނަށް ހަރަދުވެފައިވާ ކަމަށް ޖިހާދު ވިދާޅުވި އެވެ.
ޑެފިސިޓް ފޫބެއްދުމަށް ބަޖެޓް ސަޕޯޓްގެ ގޮތުގައި ޖަހާފައިވާ ލޯނުތައް އަދިވެސް ލިބިފައި ނުވާކަމަށް މިނިސްޓާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެންމެ ބޮޑު މައްސަލައަކީ ބަޖެޓްގެ ބޮޑު ޑެފިސިޓެއް ލޯނު ނަގައިގެން ފޫބައްދަން ޖެހޭނެ ގޮތަށް ބަޖެޓް އެކުލަވާލާފައިވުން ކަމަށާއި ބަޖެޓްގައި ލިބޭނެ ކަމަށް ޖަހާފައިހުރި ގިނަ ލޯނުތައް އަދިވެސް ނުލިބޭ ކަމަށެވެ.
"ބަޖެޓް ސަޕޯޓުގެ ގޮތުގައި ދެ ބިލިއަން ރުފިޔާ އެބައިން، އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ އެ އަދަދު ލިބޭނެ ކަމަށް، އަޅުގަނޑުމެންނަށް އަދި މި ލިބުނީ 300 މިލިއަން ރުފިޔާގެ ބީއެމްއެލްއިން ލިބުނު ލޯނު، އެގޮތައް ޖަހާފައި ހުރި ލޯނުތައް އަދިވެސް ރިއަލައިޒްއެއް ނުވޭ [ނުލިބޭ] ، ބަޖެޓް ހަމަ ޝޯޓްފޯލްވާނެ، ފައިނޭންސްއެއް ނުކުރެވޭނެ،" ޖިހާދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ 300 އެތައް މިލިއަން ރުފިޔާގެ ބިލު ދައުލަތުން މިހާރުވެސް ދައްކަން ޖެހިފައި އެބަހުރި ކަމަށާއި ނަމަވެސް ދައުލަތުގެ މާލީ ހާލަތު ހުރިގޮތުން އެބިލްތަކަށް ފައިސާ ދައްކަމުން ދަނީ އެ ދުވަހަކު ދައްކަން ޖެހޭ ބިލުތަކެއް ފާހަގަކޮށް ކޮންމެ ބިލަކަށް ވަކިވަކިން ކަމަށެވެ.
ޖިހާދު ވިދާޅުވީ މި މަހުގެ މުސާރަ ވެސް ދެނީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ން 17 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން ކަމަށާއި އެ ފައިސާ ލިބުނު ނަމަވެސް 25 މިލިއަން ޑޮލަރު އިންޑިއާއިން ނުލިބިއްޖެ ނަމަ މުސާރަ ދޭން ވަރަށް ދަތިވާނެ ކަމަށެވެ.
އަދި ސަރުކާރުން ހަރަދު ކުރަންޖެހޭ ހެލްތް ކޯޕަރޭޝަންތަކާއި ސަރުކުާރު ހިއްސާވައި ކުންފުނިތަކަށް ކުރަން ޖެހޭ ހަރަދު ނިސްބަތުން ވަރަށް ބޮޑު ކަން ފާހަގަކުރެއްވި އެވެ.
"ވަރަށް ދަތި ހާލަތުގައި މިހާރުވެސް މާލިއްޔަތު މި ކުރިއަށް ގެންދަން ޖެހެނީ، މި ދާ ރޭޓުން ދަންޏާ އަޅުގަނޑަށް ހީވަނީ ވަރަށް ދެން އުނދަގޫ ވާނެހެން ކޭޝްފްލޯ މެނޭޖްމަންޓް ކުރިއަށްގެންދަން، އަޅުގަނޑަކަށް އަދި ނެތް ފެންނާކަށް، އޮކްޓޯމްބަރު ނޮވެމްބަރު އަދި ޑިސެމްބަރުގައި ކިހިނެތްކަން ކޭޝްފްލޯ މެނޭޖް ކުރާނެ ގޮތެއް، އެކަންކަމާ އަޅުގަނޑުވެސް ވިސްނަމުން މިދަނީ އޮކްޓޯމްބަރު ނުވަތަ ޑިސެމްބަރުގައި ކަން ކުރާނީކިހިނެތްކަން،" ޖިހާދު ވިދާޅުވި އެވެ.
ދައުލަތުގެ ބަޖެޓް އެހާ ބޮޑަށް ޑެފިސިޓްވީ، ކުރީ އަހަރުގެ ގިނަ ބިލުތަކަށް މިއަހަރު ބަޖެޓުން ފައިސާ ދައްކަން ޖެހޭތީކަން ފާހަގަކުރައްވައި ޖިހާދު ވިދާޅުވީ ބަޖެޓްގެ މައްސަލައަށް ދާއިމީ ހައްލެއް އޮތީ ބަޖެޓްގެ ސްޓްރަކްޗާ ބަދަލުކޮށް މުޅި ބަޖެޓް އެކީ ރިވައިޒްކޮށްގެން ކަމަށާއި އެކަން މިހާރުވެސް ކުރައްވަމުން ގެންދަވައި ކަމަށެވެ.
އަދި ވިދާޅުވީ ދައުލަތް މިހާރުވެސް ކުރިއަށް ގެންދަނީ ބޮޑެތި ގިނަ ޕްރޮޖެކްޓްތަކެއް ހުއްޓުވާފައި ބަހައްޓައިގެން ކަމަށެވެ. "އަޅުގަނޑުމެން މިހާރު މިވަނީ ލިބޭނެ ލޯނުތަކުގެ ކަންކަމުގައިވެސް އެއަށްވެސް އެހެން ގޮތްތަކެއް ހޯދަން ޖެހިފައި، އަޅުގަނޑުމެން އެކި ގޮތްގޮތުން މަސައްކަތް ކުރަމުން މިދަނީ،" މިނިސްޓާ ވިދާޅުވި އެވެ.
މިނިސްޓަރުގެ ކަންބޮޑުވުންތަކާ ގުޅިގެން މެމްބަރުން ވެސް ވަނީ އެކަމަށް ހައްލެއް ހޯއްދަވައި ދެއްވަން ތައްޔާރަށް ތިއްބެވި ކަމުގެ ޝުއޫރު ފާޅުކުރައްވައިފަ އެވެ.
ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ދައުލަތުގެ ހަރަދުތައް ހަމަޖައްސަވަނީ ސިޔާސީ ލީޑަރުންނާއި މަޝްވަރާ ކުރައްވާފައި ކަމަށާއި ދައުލަތުގެ ހަރަދު ކުރެއްވުމާއި އާމުދަނީގެ ކަންކަން ހަމަޖެއްސުމަށް ފިނޭންސް މިނިސްޓަރުގެ ލީޑާޝިޕް ދައްކަވަން ޖެހޭ ކަމަށެވެ.
"އަޅުގަނޑު ގޮވާލަން ރައީސް އަށް މަނިކުފާނު ޕޭޕަރެއް ފޮނުވާށޭ، މި އިސްލާހީ ބަދަލުތައް ހިމަނާފައި، އަޅުގަނޑުމެންނަށްވެސް ފޮނުވާށޭ، އޭރުން މިކަމަށް ހައްލެއް އަންނާނީ، މިހާރު މިފެންނަނީ ސިޔާސީ މީހުން ބުނާގޮތަށް ކަންކުރާތަން،" ޖާބިރު ވިދާޅުވި އެވެ.
މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން ވިދާޅުވީ ދައުލަތުގެ މާލީ ހާލަތު ދަށުދަރަޖައަކަށް ދާން ޖެހުނީ ބަޖެޓްގައި ހުރި ތާށި ކަމަކުން ކަމަށާއި ކޮންމެ ފަހަރަކު ލޯނު ނެގުމުގެ ބަދަލުގައި ޖެހިގެން އުޅޭ އަސްލު މައްސަލަ ހައްލުކުރަން ޖެހޭ ކަމަށެވެ.
މުޅި ބަޖެޓް އެކީ ރިވައިޒް ކުރުމަށް މިނިސްޓަރަށް ޔާމީން ލަފާއެރުއްވި އެވެ. ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ މަސީހު ވިދާޅުވީ ހަރަދު ކުޑަ ކުރުމުގެ ޕްލޭނެއް އެކުލަވާލަން ޖެހޭ ކަމަށާއި އެފަދަ ޕްލޭނެއް އެކުލަވާލައިފިނަމަ އެކަމަށް މަޖިލީހުން ވެސް މަރުހަބާ ކިޔާ އެއްބާރުލުން ދޭނެ ކަމަށެވެ.