މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގެ ގަދަ 16 ގެ ބުރުން އެމެރިކާ އާއި ޕޯޗުގަލް ކެޓުމާ ގުޅިގެން، ލޮސް އެންޖެލިސްގައި ކުޅުމަށް ހަމަޖެހިފައިވާ ކުއާޓާ ފައިނަލް މެޗުގެ ޓިކެޓްގެ އަގުތައް ރިސޭލް މާކެޓުގައި ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ބައިނަލްއަގުވާމީ މާލީ ޚަބަރުތައް ފަތުރާ ފޯބްސްގައި އާންމުކޮށްފައިވާ ރިޕޯޓެއްގައި ވާގޮތުގައި ޓިކްޕިކްގެ ތަފާސްހިސާބުތަކަށް ބަލާއިރު، އަންނަ ހުކުރު ދުވަހު ކުޅޭ ކުއާޓާ ފައިނަލް މެޗުގެ އެންމެ އަގުހެޔޮ ޓިކެޓެއްގެ އަގު ވަނީ 2,950 ޑޮލަރުން 1,200 ޑޮލަރަށް ވެއްޓިފައެވެ. މިއީ ގާތްގަނޑަކަށް 60 އިންސައްތައިގެ ދަށްވުމެކެވެ.

މި ބަދަލު އައިސްފައިވަނީ ސިއެޓްލްގައި ބެލްޖިއަމް އަތުން 4-1 އިން ބަލިވެ، ސްޕެއިނާ ދެކޮޅަށް ކުއާޓާ ފައިނަލްގައި ކުޅުމުގެ ފުރުސަތު އެމެރިކާއަށް ގެއްލުމާ ގުޅިގެންނެވެ.

ހަމައެއާއެކު، ސްޕެއިނުން 1-0 އިން ޕޯޗުގަލް ބަލިކުރުމުން ކްރިސްޓިއާނޯ ރޮނާލްޑޯގެ ވޯލްޑް ކަޕް ކެރިއަރު ނިމުމަކަށް އައިސް، މެޗުގެ ޑިމާންޑް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.

ސީޓްޕިކް އިން ރިޕޯޓްކުރާ ގޮތުގައި، ފާއިތުވި ތިން ދުވަހުގެ ތެރޭގައި ކުއާޓާ ފައިނަލް މެޗުތަކުގެ އެވްރެޖް އަގުތައް ވަނީ 50.4 އިންސައްތަ ދަށަށް ގޮސްފައެވެ. އަދި ރިސޭލް މާކެޓުގައި ލިބެން ހުރި ޓިކެޓްގެ އަދަދު ވެސް ވަނީ 28,285 އިން 49,415 އަށް އިތުރުވެފައެވެ.

މިއަހަރުގެ ވޯލްޑް ކަޕަކީ ތާރީޚުގައި ވެސް އެންމެ އަގުބޮޑު މުބާރާތުގެ ގޮތުގައި ފާހަގަކުރެވިފައިވާއިރު، ކުރީގެ މުބާރާތްތަކާ އަޅާބަލާއިރު ޓިކެޓްގެ އަގުތައް ހަތް ގުނަ މަތިވެފައިވެއެވެ.

މި މަހުގެ 19 ގައި ނިއު ޖާޒީގައި ކުޅުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕް ފައިނަލް މެޗުގެ އެންމެ އަގުހެޔޮ ޓިކެޓެއްގެ އަގު މިވަގުތު ހުރީ 9,346 ޑޮލަރުގައެވެ. ނަމަވެސް ފައިނަލަށް ދާ ޓީމުތަކަށް ބަލައި މި އަގަށް ބަދަލު އައުން އެކަށީގެންވެއެވެ.

މި ވަގުތު މުބާރާތް ކާމިޔާބުކުރާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ ފްރާންސް ކަމަށްވާއިރު، ސްޕެއިން، އާޖެންޓީނާ އަދި އިންގްލެންޑް ވެސް ވަނީ ފޭވަރިޓުންގެ ލިސްޓުގެ ކުރީގައެވެ.