23 Sep 2012, 14:55
ރިޔާސީ ބަޔާން އިއްވުމާ ދެކޮޅަށް މާޗް މަހުގެ 19 ވަނަ ދުވަހު މާލޭގައި ކުރި މުޒާހަރާގައި ވީޓިވީއަށް ގެއްލުންދިން ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ ކުރާ އަށް މީހަކު ގޭބަންދަށް ބަދަލުކޮށްފި އެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހުމަދު މުހައްމަދު މަނިކު މިއަދު ވިދާޅުވީ އެ އަށް މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މިއަދު ބޭއްވި މުއްދަތު މަޖިލީހުގައި އެ މީހުން ގޭބަންދަށް ބަދަލުކޮށްފައި ވަނީ ޝަރީއަތް ނިމެންދެން ކަމަށެވެ.
"ޝަރީއަތް ނިމެންދެން އެ އަށް މީހުން ވެސް ވަނީ ގޭބަންދަށް ބަދަލުކޮށްފައި،" މަނިކު ވިދާޅުވި އެވެ.
ވީޓީވީ އަށް ގާއުކި ކަމުގެ ތުހުމަތުގައި ދައުވާކޮށްފައިވާ މީހުންނަކީ ރ. އަލިފުށީ ހަމީދީ މަންޒިލް ހުސެއިން ހަމީދު 26، އާއި ހަމަ އެގޭ އަހުމަދު ހަމީދު 29، އާއި ހ. ލަދުމާގެއާގެ، އަހުމަދު ނައީމް 27، އާއި އއ. ފެރިދޫ އާޒާދުގޭ ޣާނިމް ހަސަން 19، އާއި މ. ނޫރުޒޭރުގޭ ހުސެއިން ޝިފާއު ޖަމީލު 19، އާއި މާލޭ ދަފްތަރު 7471 މުހައްމަދު ހަމީދު 50 އާއި ރ. މަޑުއްވަރީ ފެހިއަލި އިސްމާއިލް ހައްމާދު 19، އާއި ގ. ހާލަމް، އަހުމަދު މުހީން 22، އެވެ.
މިދިޔަ ހަފްތާގެ ތެރޭގައި ކްރިމިނަލް ކޯޓުން ވަނީ އެ މީހުންގެ މައްޗަށް ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހެކީންގެ ހެކިބަސް ނަގާފައެވެ. ހެކިބަސްދިން މީހުންގެ ތެރެއިން ބައެއް މީހުން ވަނީ އެ މީހުން ވީޓީވީގެ އިމާރާތަށް ގާއުކި މަންޒަރު ދުށްކަމަށް ބުނެފައެވެ.
އެ މީހުންގެ މައްޗަށް ކޮށްފައި ވަނީ މީހެއްގެ މުދަލަށް ގެއްލުންދޭން އުޅުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާ ކޮށްފައި ވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނުއެއްޗިހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ނ) އާއި ހަވާލާދީ އެ މާއްދާގެ (ބ) ގެ ދަށުން ނެވެ.
އެ ގާނޫނުގައި ބުނަނީ އެފަދަ ކުށެއް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ ތިން އަހަރާއި ހަތް އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށެވެ.
އެ މައްސަލައިގައި 18 އަހަރުން ދަށުގެ ކުއްޖެއްގެ މައްޗަށް ދައުލަތުން ދައުވާ ކުރެއެވެ.
ޖުވެނައިލް ކޯޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މައްސަލަ އެ ކޯޓަށް ހުށަހެޅިއިރު ދައުވާ ލިބޭ ކުއްޖާގެ އައިޑީކާޑު ހަދާފައި ނުވާތީ މައްސަލަ އަނބުރާ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށެވެ.