06 Sep 2010, 11:15
ސަރުކާރުގެ މަތިންދާ ބޯޓް ދުއްވާ ކުންފުނި، އައިލެންޑް އޭވިއޭޝަނުގެ މިދިޔަ އަހަރުގެ ފައިދާ 56 ޕަސެންޓް މައްޗަށް ޖެހި، 45 މިލިއަން ރުފިޔާ އަށް އަރާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ދެހާސް އަށް ވަނަ އަހަރު އެ ކުންފުނީގެ ފައިދާ އަކީ 29 މިލިއަން ރުފިޔާ އެވެ.
ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ކުންފުނީގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓްގައި، މެނޭޖިން ޑައިރެކްޓަރު ބަންދު އިބްރާހީމް ސަލީމު ވިދާޅުވެފައި ވަނީ ދުނިޔޭގެ އިގްތިސާދު މިދިޔަ އަހަރު ނުތަނަވަސްކަމެއްގެ ތެރޭގައި ވިއަސް، އެ ކުންފުންޏަށް ކުރިއެރުންތަކެއް ލިބިފައިވާ ކަމަށާއި 2008 ވަނަ އަހަރަށް ވުރެ، އާމްދަނީ 16 ޕަސެންޓް އިތުރުވެފައިވާ ކަމަށެވެ.
މިދިޔަ އަހަރު އެ ކުންފުންޏަށް ލިބުނީ ޖުމްލަ 489 މިލިއަން ރުފިޔާ އެވެ. އެއީ ކުރީ އަހަރު، 2008 ވަނަ އަހަރު ލިބުނު އާމްދަނީ އަށް ވުރެ 66 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. ދެ ހާސް އަށް ވަނަ އަހަރުގެ އާމްދަނީ އަކީ 423 މިލިއަން ރުފިޔާ އެވެ.
ކުންފުނީގެ އަހަރީ ރިޕޯޓްގައިވާ ގޮތުން މޫނުމަތީ އަގު 100 ރުފިޔާގެ ހިއްސާ އަކަށް 89.52 ރުފިޔާ ޖެހިފައިވެ އެވެ. އެއީ ކުރީ އަހަރަށް ވުރެ، 29 ޕަސެންޓް އިތުރު އަދަދެކެވެ.
އައިލޭންޑް އޭވިއޭޝިއަންގެ ފައިދާ މައްޗަށް ދިޔަ އިރު އިދާރީ ހަރަދުތައް ވެސް ވަނީ 12 ޕަސެންޓް މައްޗަށް ގޮސްފަ އެވެ. މިދިޔަ އަހަރު އިދާރީ ހަރަދުގެ ގޮތުގައި 161 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށް ރިޕޯޓް ދައްކަ އެވެ. އެއީ ކުރީ އަހަރު އެބައިން ހަރަދުވި، 143 މިލިއަން ރުފިޔާ އަށް ވުރެ، 18 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
މެނޭޖިން ޑައިރެކްޓަރުގެ ބަޔާނުގައި ފާހަގަކޮށްފައި ވަނީ ގްރައުންޑް ސާވިސްގެ ކާގޯ އާއި ލޯންޖު ސާވިސް އިން 67 މިލިއަން ރުފިޔާ ފައިދާ އަށް ހިއްސާ ކުރި ކަމަށެވެ. އަދި އެއީ ކުރީ އަހަރު، 2008 ވަނަ އަހަރަށް ވުރެ، 11 މިލިއަން ރުފިޔާ މަތީ އަދަދެއް ކަމަށެވެ.
އޭނާ ވިދާޅުވެފައިވާ ގޮތުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ޕްރައިވަޓައިޒު ކުރަން މިދިޔަ އަހަރު ނިންމި ނިންމުމަކީ ކުންފުންޏަށް ކުރިމަތިލާން ޖެހުނު ބޮޑު ގޮންޖެހުމެއް ކަމަށާއި އޭގެ ސަބަބުން ކުންފުންޏަށް ބޮޑު އާމްދަނީއެއް ލިބޭ ގްރުންޑް ސާވިސް އާއި ކާގޯ އަދި އެއާޕޯޓްގެ ލޯންޖުން ލިބޭ އާމްދަނީ ނުލިބޭނެ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ކުންފުނީގެ އޮޕަރޭޝަން ދިރިދެމި އޮތުމަށް އެއީ މުހިންމު އާމްދަނީއެއް ކަމަށާއި އެކަމުން ނުކުމުދާނެ ނަތީޖާ ކަމާ ބެހޭ ފަރާތްތަކުގައި ވަނީ ހިއްސާކުރެވިފަ އެވެ.
"ޝެއާހޯލްޑާ، ފައިނޭންސް މިނިސްޓްރީއާ އެކު ވާހަކަތައް ދެކެވެމުން ދަނީ،" މެނޭޖިން ޑިރެކްޓަރު ވިދާޅުވި އެވެ.
ބަންދު ސަލީމު މިއަދު ސަންއެފްއެމް އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ކުންފުނީގެ ފައިދާ އިތުރު ވަނީ ޓޫރިސްޓް ރިސޯޓްތަކަށް ކުރާ ދަތުރުތައް އިތުރުވެ، އިންޑިއާގެ ޓްރެވިންޑްރަމްގެ އޮޕަރޭޝަން ވެސް ކާމިޔާބުވުމުން ކަމަށެވެ.