ބ. ކަމަދޫ ހެލްތު ޕޯސްޓަށް ޑޮކްޓަރަކު ހަމަޖެހުން ލަސްވާތީ އެ ރަށުގައި މުޒާހަރާ ކުރަންފަށައިފި އެވެ.

ކަމަދޫ ކައުންސިލްގެ ރައީސް އަހުމަދު ސަމީރު މިއަދު ވިދާޅުވީ 50 އަށް ވުރެ ގިނަ މީހުން އެރަށު ހެލްތު ޕޯސްޓް ކައިރިއަށް އެއްވެ މުޒާހަރާ ކުރަނީ އެ ރަށަށް ޑޮކްޓަރަކު ނުލިބި ލަސްވާތީ ކަމަށެވެ. އަދި ރަށުގެ ހެލްތު ޕޯސްޓުން އަސާސީ ސިއްހީ ފަރުވާ ވެސް ނުދެވޭތީ ކަމަށެވެ.

އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކަމަދޫ ކައުންސިލްގެ ރައީސް ވިދާޅުވީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އެ ރަށަށް ޑޮކްޓަރެއް ހަމަޖައްސަން އޭރުއޮތް ހެލްތު ކޯޕަރޭޝަންގެ ބޯޑުން ނިމްފާއިވާ ކަމަށާއި އަދި ފެބްރުއަރީ މަހުތެރޭ އިންޑިއާގެ ޑޮކްޓަރަކު މާލެ ވެސް އައި ކަމަށެވެ. އޭރު ހަމަޖެހިފައި އޮތީ ފެބްރުއަރީ 12 ވަނަ ދުވަހު ޑޮކްޓަރު ކަމަދުއަށް ފޮނުވާ ގޮތަށް ކަމަށް ވެސް ވިދާޅުވި އެވެ.

"ނަމަވެސް ވެރިކަން ބަދަލުވެ ހެލްތު ކޯޕަރޭޝަނެގް މެނޭޖްމަންޓް ބަދަލުވުމާ ގުޅިގެން ޑޮކްޓަރު ނުލިބި ދިޔައީ،" އޭނާ ވިދާޅުވި އެވެ. ކަމަދުއަށް ފޮނުވަން ހަމަޖެއްސި ޑޮކްޓަރު އޭގެ 20 ދުވަސް ފަހުން ފޮނުވާފައި ހުރީ އެއަތޮޅު އޭދަފުށްޓަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޕަބްލިކް ހެލްތު ކޯޑިނޭޓާ އަހުމަދު ވަހީދު މިއަދު ވިދާޅުވީ ސަރުކާރުން ކަމަދުއަށް އެއްވެސް ޑޮކްޓަރަކު ފޮނުވާފައި ނެތް ކަމަށާއި ރަސްމީ ލިޔެކިޔުންތަކަކުން ވެސް އެކަން ފެންނަން ނެތް ކަމަށެވެ. ނަމަވެސް އެރަށު ހެލްތު ޕޯސްޓަށް ޑޮކްޓަރަކު ބޭނުން ވެގެން އެދިފައިވާނެ ކަމަށެވެ.

ކަމަދޫ ކައުންސިލްގެ ރައީސް ވިދާޅުވީ 500 އެއްހާ މީހުންގެ އަބާދީއެއް އޮންނަ އެރަށު ހެލްތު ޕޯސްޓް ހެދިފަހުން އަދި ޑޮކްޓަރަކު ލިބިފައިނުވާ ކަމަށެވެ. އަދި އޮކްސިޖަން ފުޅި ވެސް ނެތް ކަމަށާއި ލޭގެ ޕްރެޝާ ބެލުން ފިޔަވައި ލެޔާ ގުޅުން ހުރި ކަމެއް ވެސް ނުކުރެވޭ ކަމަށެވެ.