23 Sep 2012, 14:32
ފަލަސްތީނުގެ ގުދުސްގައި ދިރިއުޅޭ ނަސޯރާއިންނަށް ޔަހޫދީންގެ އުނދަގޫތައް ކުރިމަތިކުރުވާން ފަށައިފި އެވެ.
ދާދިފަހުން ގުދުސްގައިވާ ނަސޯރާއިންގެ މުގައްދަސް ތަންތަކަށް ހަމަލާދީ ގެއްލުންތައް ދީފައި ވާތީ ނަސޯރާއިން ވަނީ އެތަންތަން ހިމާޔަތް ކުރަން އިސްރާއީލް ސަރުކާރަށް ގޮވާލާފަ އެވެ. ގުދުސްގެ ނަސޯރާއިން ނަކީ މީގެ ކުރިން އެއްވެސް ކަމަކާ ބަހެއް ނުކިޔައި އަނގަ ބަންދުކޮށްގެން ތި ބި ބައެކެވެ.
ގުދުސްގެ ކެތަލިކް ޗާޗްގެ އިސް އޮފިޝަލެއް ކަމަށްވާ ޕިއަރް ބަޓިސްޓާ ޕިޒަބެއްލާ ވިދާޅުވީ ގުދުސްގައި ޔަހޫދީންނާއި ނަސޯރާއިންގެ ގުޅުން ގޯސްވަމުން އަންނަ ކަމަށާއި އެކަން ފެތުރިގެން ހިނގައިދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"އަހަރެމެން ކްރިސްޓިއަންނުންގެ އާބާދީއަކީ ވަރަށް ކުޑަ އާބާދީއެއް ވީމަ، މެޖޯރިޓީ މީހުންނަށް އަހަރެމެން މީ ތިބި ބައެއް ކަމަކަށް ނުވޭ، އެމީހުންނަށް [ޔަހޫދީ ސަރުކާރަށް] މާ މުހިއްމު އެހެން ކަންތައްތައް ހުރޭ، " ބަޓިސްޓާ ވިދާޅުވި އެވެ.
ގުދުސްގައި ހުންނަ މަޝްހޫރު ޓްރެޕިސްޓް މޮނާސްޓްރީއަށް މިމަހުގެ ތެރޭގައި ބަޔަކު ވަނީ ގެއްލުންދީފަ އެވެ. އެގޮތުން އެ މޮނާސްޓްރީގެ ދޮރެއް އަންދާލައި، ނަސޯރާއިންނާ ދެކޮޅު އިބާރާތައް މޮނާސްޓީގެ އެކި ތަންތާ ލިޔެފައި ވެއެވެ. އެގޮތުން އީސާ ޢަލައިހިއް ސަލާމްއަށް ފުރައްސާރަކޮށް ލިއުންތައް ލިޔެފައި ވެއެވެ.
އެހާދިސާގެ ތުހުމަތު ކުރެވިފައި ވަނީ ހުޅަނގު އައްސޭރީގައި އުޅޭ ހައްދުފަހަނަ އަޅާފައިވާ ޔަހޫދީންނާއި އެ މީހުންނަށް ތާއީދުކުރާ މީހުންނަށެވެ. އެކަމާ ގުޅިގެން ކެތަލިކް ޗާޗުން ވަނީ ނަސޯރާއިންގެ މުގައްދަސް ތަންތަން ހިމާޔަތް ކޮށްދިނުމަށް ޔަހޫދީ ސަރުކާރަށް ގޮވާލާފަ އެވެ.
ނަތީޖާއަކަށްވީ ނަސޯރާއިންނަށާއި އެމީހުން އަޅުކަންކުރާ ތަންތަނަށް ގެއްލުން ދިނުމުގެ ސިލްސިލާއަށް ކަންތައްތަކެއް އިތުރުވުން ކަމަށް ގުދުސްގެ ނަސޯރާ ލީޑަރުން ވިދާޅުވެއެވެ.
ނަސޯރާއިން ގޮވާލި ގޮވާލުމާ ގުޅިގެން އިސްރާއީލް ސަރުކާރުން އެހާދިސާތައް ކުށްވެެރި ކުރިއެވެ. އަދި ހަމަލާ ދިން މީހުން ހޯދައި އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށް އިސްރާއީލު ފުލުހުން ބުންޏެވެ. ނަމަވެސް ދެހަފުތާ ވީ އިރު ވެސް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަން ނަސޯރާއިން ފހަގަ ކުރެއެވެ.
އިސްރާއީލުގެ ޔަހޫދީން ދަނީ ގުދުސާއި ހުޅަނގު އައްސޭރީގައި އުޅޭ މުސްލިމުންނަށް ވެސް ގިނަ ދުއްތުރާތައް ކުރަމުންނެވެ. -- އޭޕީ