ކޮމިޝަން އޮފް ނެޝަނަލް އިންކްއަރީ (ކޯނީ) ގެ ރިޕޯޓް ނެރުނު ދުވަހު މީޑިއާތަކަށް ދައުވަތު ދީފައިވަނީ ޖާގައޮތް މިންވަރަށް ބަލާފައި ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުން މިހެން ބުނީ ކޯނީގެ ރިޕޯޓް ނެރުނު ހަފުލާއަށް ރާއްޖެ ޓީވީއަށް ދައުވަތު ނުދިނީ ކީއްވެގެންތޯ ސާފު ކުރަން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ރައީސް އޮފީހަށް ސިޓީ އެއް ފޮނުވުމުން އެ ސިޓީގެ ޖަވާބުގައި ރައީސް އޮފީހުގެ މީޑިއާ ސެކެޓަރީ މަސްއޫދު އިމާދު ސޮއި ކުރައްވައި މީޑިއާ ކައުންސިލަށް ފޮނުވާފައިވާ ސިޓީ އެއްގަ އެވެ.

އެ ސިޓީއާބެހޭ ގޮތުން މަސްއޫދު އިމާދު މިއަދު ވިދާޅުވީ މީޑިއާ ކައުންސިލުގެ ސިޓީގެ ޖަވާބުގައި އެގޮތަށް ދައްނަވާފައިވާނެ ކަމަށާއި ރައީސް އޮފީހުން މީޑިއާތަކަށް ދައުވަތު ދެނީ އެ މީޑިއާއަކުން ކުރިން ސެކިއުރިޓީ ބުރީޗެއް ކޮށްފައިވޭތޯ އާއި މީޑިއާއިން އަމަލު ކުރަންޖެހޭ ސުލޫކީ މިންގަޑާ ހިލާފަށް އަމަލު ކޮށްފައިވޭތޯ ބެލުމަށް ފަހު ކަމަށެވެ.

"އަޅުގަނޑުމެނަކަށް ދައުވަތު ދޭކަށް ނުވެސްޖެހޭ ބޭނުންހާ މީހަކަށް. އެއްވެސް ތަނަކު ދައުވަތު ދެނީކީ އަންނަ މީހަކު އެދިގެނެ ނޫން ދައުވަތަކީ ދޭ މީހާއަށް ފެނުނީމަ ދޭ އެއްޗެއް. ތި އުޅޭ މީޑިއާ ކައުންސިލަށް ތިއުޅެނީ އޮޅިވަޑައިގަންނަވައިގެން ދައުވަތަކީ ކާޑް ހިފައިގެން އަންނަ މީހާ ދޭ އެއްޗެއްތޯ ނުވަތަ ދޭ މީހާ ބޭނުންވެގެންދޭ އެއްޗެއްތޯ؟" އިމާދު ސުވާލު ކުރެއްވި އެވެ.

ރާއްޖެ ޓިވީއާ ގުޅޭ ސެކިއުރިޓީ މައްސަލައާ ބެހޭ ގޮތުން ސުވާލު ކުރުމުން ކަމަށް މަސްއޫދު ވިދާޅުވީ އެ މައްސަލަ ރާއްޖެ ޓީވީން ޝަރީއަތަށް ލައިގެން ކުރިއަށް ގެންދާތީ އެކަމާ ބެހޭގޮތުން އެއްވެސް އެއްޗެއް ދައްނަވަން ބޭނުން ނުވާ ކަމަށެވެ.

އެމްއެމްސީގެ ރައީސް އިބްރާހީމް ހަލީލް މިއަދު ވިދާޅުވީ މީޑިއާގެ ހުރިހާ ފަރާތްތަކަސް ވެސް ހަމަހަމަ ކަމާއެކު ފުރުސަތު އޮންނަން ޖެހޭނެ ކަމަށާއި ރައީސް އޮފީހުން ދައުވަތުދޭ ގޮތަކީ ޖާގައިގެ މައްސަލައެއް ކަމުގައި ވިޔަސް ނުވަތަ އެހެން މައްސަލައަކަށް ވިޔަސް އެކަން ސާފު ކޮށް އަންގައިދީފައި އޮންނަންޖެހޭނެ ކަމަށެވެ.

"ދައުވަތު ނުލިބުނީމާ ދެން އެ ސުވާލު ކުރުމުން ޖަވާބު ދޭ ގޮތަށް އޮންނަން ޖެހޭނެ ކަމަކަށް އަޅުގަނޑެއް ގަބޫލެއް ނުކުރަން. ތެދުވާހަކަފުޅެއް ދައުވަތު ދެއްވާނެ ފަރާތެއް އެގޭނީ އެ އޮފީހަށް، އަޅުގަނޑު މިދައްނަވަނީ އެވާހަކައެއް ނޫން، ދައުލަތުގަ ހިނގާ ކަންތައްތައް މައުލޫމާތު ނޫސްވެރިން މެދުވެރިކޮށް ރައްޔިތުނަށް އާންމު ކުރަނީ، އެހެންކަމުން ރާއްޖޭގައި މީޑިއާގައި ރަޖިސްޓުރީ ކޮށްފައިވާ ހުރިހާ ފަރާތްތަކަށް ހަމަހަމަކޮށް ފުރުސަތުދޭ ގޮތަށް ރައީސް އޮފީހުން ރޭވުމަށްފަހު އޮންނަން ޖެހޭނީ ހާމަކޮށްފަ،" ހަލީލް ވިދާޅުވި އެވެ.

އަދި ވިދާޅުވީ ސަރުކާރުކާރުގެ ހުރިހާ ކަމެއް ރާއްވަވާ ހިންގަވާ އެންމެ މަތީ އޮފީހުން މީޑިއާގެ މިނިވަންކަމަށް ފުރުސަތު ދޭ ކަމުގެ ނަމޫނާ ދައްކަވަން ޖެހޭނެ ކަމަށެވެ.

ފުލުހުން ނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުން ރާއްޖެ ޓިވީއަށް އެއްބާރުލުން ނުދޭ މައްސަލަ ހައްލު ކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން (އެމްއެމްސީ) އިން ވަނީ ކޮމެޓީއެއް އެކުލަވާލައި އެމައްސަލަ ބަލަން ފަށައިފަ އެވެ. އެގޮތުން އެމައްސަލަ ރައްދުވާ ފަރާތްތަކަ އެ ކޮމެޓިން ދަނީ ސުވާލު ވެސް ކުރަމުންނެވެ. މައްސަލާގައި ރާއްޖެޓީގެ ފަރާތުން މައުލޫމާތް ހޯދަން ސިޓީ އެއް ފޮނުވުމުން ރާއްޖެ ޓީވީން ބުނެފައި ވަނީ ސަރުކާރުގެ ބައެއް މުއައްސަސާތަކުންނާއި ފުލުހުން ރާއްޖެ ޓީވީ އަށް އެއްބާރުލުން ނުދޭން ނިންމާފައިވާ މައްސަލާގައި ކޯޓުން ވަކިގޮތެއް ނިމެންދެން އެ މައްސަލާގައި ސަރުކާރާއި ނުވަތަ ފުލުހުނާ ވެސް އެއްވެސް މަޝްވަރާއެއް، މުއާމަލާތެއް ނުކުރާނެ ކަމަށެވެ.