ފެބްރުއަރީ އަށް ވަނަ ދުވަހު އައްޑޫ ސިޓީގައި ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން ދައުލަތުން ދައުވާ ކުރާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑް) އާއި އިތުރު މީހަކަށް ވަކީލަކު އައްޔަން ކުރުމަށް ކްރިމިނަލް ކޯޓުން ފުރުސަތު ދީފި އެވެ.

މޯޑުގެ އިތުރުން ވަކީލަކު އައްޔަން ކުރަން ފުރުސަތު ދީފައި ވަނީ ސ. ހިތަދޫ ސޮޑާގޭ، އަހުމަދު ސައީދުގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑު އެހުމުގައި އިސް ގާޒީ އަބްދުﷲ މުހައްމަދު ވިދާޅުވީ މޯޑާއި ސައީދު މިއަދު ކޯޓަށް ހާޒިރުކުރީ މައްސަލައިގެ ޝަރީއަތް ފެށުމުގެ ކުރިން ދޭންޖެހޭ މައުލޫމާތު ދިނުމަށް ކަމަށެވެ.

ވަކީލަކު އައްޔަން ކުރަން މޯޑާއި ސައީދަށް ތިން ދުވަހުގެ ފުރުސަތެއް ދިނުމަށް ފަހު އިސް ގާޒީ ވިދާޅުވީ ތިން ދުވަހުގެ ތެރޭގައި ވަކީލަކު އައްޔަން ނުކުރެވިއްޖެނަމަ އިތުރު ފުރުސަތެއް އެކަމަށް ދެވޭނެ ކަމަށާއި ވަކީލަކު އައްޔަން ކުރަން ޖުމްލަ ދެވޭނީ 15 ދުވަސް ކަމަށެވެ.

އިސް ގާޒީ ވިދާޅުވީ މައްސަލައާ ގުޅޭ ލިޔުންތައް ބޭނުންނަމަ ކޯޓުގައި އެދުމުން އެ ލިޔުންތައް ކޯޓުން ދޫކުރާނެ ކަމަށާއި ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ދައުވާ ހުށަހެޅުމާއި ދައުވާއަށް ޖަވާބުދާރީ ވުމާއި ދެ ފަރާތުން ވެސް ހެކީން ހުށަހެޅުން ކަމަށެވެ.

އަޑުއެހުން ނިމުމާއި އެކު ކޯޓުން ބޭރުގައި ސަންއޮންލައިނަށް މައުލޫމާތު ދެއްވަމުން މޯޑު ވިދާޅުވީ ކޯޓުން ލިބުނު ލިޔުންތަކުން ދައުވާ އަކީ ކޮބައިކަން މިހާރު އެނގިއްޖެ ކަމަށެވެ.

މޯޑު ވިދާޅުވިގޮތުގައި އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާގައި ބުނަނީ ފެބްރުއަރީ އަށް ވަނަ ދުވަހުގެ އިރުއޮއްސި 6:00 އާއި އެރޭ 9:30 އާއި ދެމެދުގެ ވަގުތެއްގައި ސ. ގަމަށް ދާން އޮންނަ ކޯޒްވޭގައި އޭނާ ހުރެ ބާރުގެ ބޭނުންކޮށްގެން ފުލުހުންނާއި ސިފައިންގެ ސަފުތައް ރޫޅާލާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށެވެ. އަދި ގަން ޕޮލިސް ސްޓޭޝަންގެ ތެރެއަށް ވަދެގަތުމަށާއި ފުލުހުންނަށް ހަމަލާ ދިނުމަށާއި ގަން ޕޮލިސް ސްޓޭޝަނާއި ފޭދޫ ކޯޓާއި ހިތަދޫ ޕޮލިސް ސްޓޭޝަން ކައިރީ ހުރެ އެތަންތަނަށް ގެއްލުން ދިނުމަށް ގޮވާލާފައިވާ ކަމަށް ދައުވާގައި ބުނެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މޯޑު ވިދާޅުވީ އޭނާއަކީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އައްޑޫއަށް ތަރައްގީ ގެނައުމަށް އެންމެ ބޮޑަށް މަސައްކަތްކުރި އެކަކު ކަމަށާއި އައްޑޫއަށް ލިބިފައިވާ ތަރައްގީ ނައްތާލުމަށް އެއްވެސް މީހަކު ކައިރީ އޭނާ ބުނެފައި ނުވާނެ ކަމަށެވެ.

"ރައީސް ނަޝީދުގެ ސަރުކާރުގައި އައްޑޫއަށް ތަރައްގީ ގެނައުމަށް އެންމެ ބޮޑަށް މަސައްކަތް ކުރި އެކަކު އަޅުގަނޑަކީ. އެހެންކަމުން އަޅުގަނޑު ކިހިނެތްތޯ އަޅުގަނޑުމެންގެ އައްޑޫއަށް ލިބިފައިވާ ތަރައްގީއެއް ނައްތާލުމަށް އެހެންމީހަކު ކައިރީ ބުނާނީ. އެހެންވީމަ އަޅުގަނޑު އެއްވެސް ގޮތަކަށް ގަބޫލުކުރާ ވާހަކައެއް ނޫން މިއީކީ،" މޯޑު ވިދާޅުވި އެވެ.

ފުލުހުންނާއި ސަރުކާރަށް ނިސްބަތްވާ މީހުންނާއި ނޫސްތަކުން ވެސް އޭނާއަކީ ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖަހާފައިވާ މީހެއްކަމަށް ބުނެ ވާހަކަތައް ދައްކަމުން ގެންދިޔަ ކަމަށާއި ނަމަވެސް އެއީ ދޮގު ވާހަކަތަކެއް ކަން އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާ އިން ސާފުވާކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް މިއަދު މި އެންގުނީ ދައުވާއަކީ ކޮބައިކަން. ނޫސްތަކުންނާއި ފުލުހުންވެސް އަދި މިހާރުގެ ސަރުކާރަށް ނިސްބަތްވާ ވަޒީރުންނާއި ރައީސުލްޖުމްހޫރިއްޔާގެ ސްޕޯކްސްޕާސަން ހިސާބު ފެންވަރުން ވެސް މިދަނީ ސީދާ އަޅުގަނޑަށް ނިސްބަތްވާ ގޮތަށް ދަންނަވަމުން ތަންތަނުގައި ހުޅުޖެހި ކަމަށް. އެއްވެސް ތަނަކަށް ގެއްލުންދީގެން ހުޅުޖަހައިގެން އަޅުގަނޑުގެ މައްޗަށް ދައުވާ ކޮށްފައެއް ނެތް. މީގަ މިއޮތީ އަޅުގަނޑު ބުނި އެއްޗަކުން އަޅުގަނޑު ދެއްކި ވާހަކައެއްގެ މައްޗަށް ބިނާކޮށް ދައުވާ ކޮށްފަ،" މޯޑު ވިދާޅުވި އެވެ.

ޓެރަރިޒަމާއި ބެހޭ ގާނޫނުގައި ބުނާގޮތުން އެފަދަ ކުށެއް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ 10 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ އަރުވާލުމެވެ.