އީރާނުގެ ކޯޓަކުން ކުރި ހުކުމަކާ ގުޅިގެން އެ ގައުމުގެ ކުރީގެ ރައީސް އަކުބަރު ހާޝިމީ ރަފްސަންޖާނީގެ ދަރިކަނބަލުން ފާއިޒާ ހާޝިމީ ހައްޔަރުކޮށްފި އެވެ.

އީރާނު ސަރުކާރުގެ ރަސްމީ ނޫސް އެޖެންސީ އިރްނާ ބުނީ ކުރީގެ ފާއިޒާ ހާޝިމީ ހަމަސް ދުވަހަށް ޖަލަށްލުމަށް އެގައުމުގެ ކޯޓަކުން ހުކުމްކޮށްފައިވާތީ އެ ހުކުމް ތަންފީޒު ކުރުމަށް އެކަމަނާ ހައްޔަރުކޮށްފައިވާ ކަމަށެވެ.

ހަ މަސްދުވަހަށް ޖަލަށް ލުމަށް ފާއިޒާގެ މައްޗަށް ހުކުމްކުރީ އީރާނުގެ ސަރުކާރު ހިންގާ ގޮތާ ބެހޭ ގޮތުން ޕްރޮޕަގެންޑާ ފެތުރުމުގެ ކުށުގައެވެ. ފަސް އަހަރު ދުވަސް ވަންދެން ސީޔާސީ ހަރަކާތްތަކުގައި ބައިވެރިވުން މަނާކުރުމުގެ ހުކުމެއް ވެސް އެކަމަނާގެ މައްޗަށް އީރާނުގެ ކޯޓަކުން މިދިޔަ އަހަރު ވަނީ ކޮށްފައެވެ. ފާއިޒާގެ ގާނޫނީ ވަކީލު ވިދާޅުވީ އެކަމަނާގެ މައްޗަށް ހުކުމް ކުރީ ވެބްސައިޓް ތަކަށް މައުލޫމާތު ދެއްވުމުން ކަމަށެވެ.

އީރާނުގައި 2009 ވަނަ އަހަރު ބޭއްވި ހަމަނުޖެހުން ބޮޑު ރިޔާސީ އިންތިހާބުގައި އެގައުމުގެ ރައީސް އަހުމަދީ ނިޖާދު އަލުން އިންތިހާބުވެވަޑައިގެން ފަހުން ކުރީގެ ރައީސް ރަފްސަންޖާނީ ތާއީދު ކުރައްވަމުން ގެންދަވަނީ އަހުމަދީ ނިޖާދާ ދެކޮޅު ފަރާތްތަކަށެވެ. އެހެންވެ އީރާނުގެ ހަރުކަށި މީހުންގެ ފިއްތުންތައް ރަފްސަން ޖާނީއަށް ވަނީ ކުރިމަތިވެވަޑައިގެންފައެވެ.

ހުޅަނގާ މެދުމިނުގެ ސިޔާސަތެއް ގެންގުޅުއްވާ އުމުރުފުޅުން 78 އަހަރުގެ ރަފްސަންޖާނީ ސިޔާސީ މައިދާނަށް އަލުން ވަޑައިގަންވަން އުޅުއްވާ ކަމަށް ވަނީ ބެލެވުފައެވެ.