ވޯލްޑް ޓޫރިޒަމް އޮގަނައިޒޭޝަނުން ފާހަގަކުރާ ދުނިޔޭގެ ޓޫރިޒަމް ދުވަހާއި އިނގިރޭސި ވިލާތުގެ ޖަމިއްޔާއަކުން ކޮންމެ އަހަރަކު އެއްފަހަރަކު ދޭ ވޯލްޑް ޓްރެވަލް އެވޯޑް މިއަންނަ އަހަރު ރާއްޖޭގައި ބާއްވާ ގޮތަށް ނިންމައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މަލީހު ޖަމާލް މިއަދު ވިދާޅުވީ ރާއްޖޭގައި އަލަށް ބޭއްވުމަށް ހަމަޖެހިފައިވާ އެ ދެ އިވެންޓުގެ ތެރެއިން ވޯލްޑް ޓޫރިޒަމް ޑޭ ރާއްޖޭގައި ބޭއްވޭނެކަން މިއަންނަ ބުރާސްފަތި ދުވަހު ސުޕެއިންގެ ކެނެރީ އައިލެންޑްސްގައި ފާހަގަ ކުރާ މިއަހަރުގެ ވޯލްޑް ޓޫރިޒަމް ޑޭގައި އިއުލާން ކުރާނެ ކަމަށެވެ. އެފަދަ ދުވަހެއް ރާއްޖޭގައި ފާހަގަ ކުރުމަކީ ރާއްޖޭގެ ޓޫރިޒަމަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ވެސް ވިދާޅުވި އެވެ.

"އެއީ ވަރަށް ބޮޑު ކުރިއެރުމަކަށް ވެގެންދާނެ، އެއީ ހަގީގަތުގައި، ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމިއްޔާއަކީ މުޅި ދުނިޔޭގައި ވެސް ފަތުރުވެރިކަމާ ބެހޭ ކަންތައްތައް އެންމެ އިސް ދައުރެއް އަދާކުރާ ފަރާތް، އެހެން ކަމުން އެފަދަ ބައްދަލުވުމެއް ރާއްޖޭގައި ބޭއްވީމަ ދުނިޔޭގެ ހުރިހާ ކަންކޮޅު ތަކުން ހާއްސަކޮށް ޓޫރިޒަމްގެ މުހިންމު ހުރިހާ ދިމާއެއްގެ ބޭފުޅުންގެ ތެރެއިން އެންމެ މަތީ ފެންވަރުގެ ބޭފުޅުން ރާއްޖެ ވަޑައިގަންނަވާނެ އެވަޑައިގަތުން ވެސް ރަޒްމްކޮށްދެނީ ރާއްޖޭގެ ފަތުރުވެރިކަމަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް،" މަލީހު ވިދާޅުވި އެވެ. އެއީ ރާއްޖޭގެ ފަތުރުވެރިކަން ދުނިޔޭގެ އެހެން ގައުމުތަކަށް އިސްތިހާރުކުރުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަލީހު ވިދާޅުވީ ވޯލްޑް ޓުވަރިޒަމް ޑޭގެ އިތުރުން މިއަންނަ އަހަރު ރާއްޖޭގައި ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން އިނގުރޭސި ވިލާތުގެ އޯގަނައިޒޭޝަންއަކުން އިންތިޒާމްކޮށްގެން ދޭ ވޯލްޑް ޓްރެވަލް އޭޝިއާ ކޮންޕޯނެންޓް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ އެވޯޑަކީ 1993 ވަނަ އަހަރުން ފެށިގެން ޓޫރިޒަމް އިންޑަސްޓްރީންއަށް ދޭ އެވޯޑް ތަކުގެ ތެރެއިން "އޮސްކާ"ގެ ގޮތުގައި މަޝްހޫރުވެފައިވަ އެވޯޑެކެވެ.