އެކަނިވެރި މައިންނާއި ދަރިންނަށް ދެމުންދާ އިނާޔަތްތަކާއި ސަބްސިޑީސްތައް ހުއްޓުވުމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ ކަމަށް ބުނެ، އެކަން ހުއްޓާލުމަށް އެމްޑީޕީން ގޮވާލައިފި އެވެ.

މެންބަރު ނަޝީދާ ދެކޮޅަށް އެމްޑީޕީން ޕާލަމެންޓްރީ ގްރޫޕްގެ އަށް މެންބަރަކު މިއަދު ވަނީ ނޫސްބަޔާނެއް ނެރެފަ އެވެ. އެ ނޫސްބަޔާން ނެރުނީ ނަޝީދުގެ އަމިއްލަ ބްލޮގްގައި ސަބްސިޑީތަކާއި މާލީ އިނާޔަތްތައް ދެން ދެވޭނީ އެކަމާގުޅޭ ހާއްސަ ގާނޫނަކުން ކަމަށް ވިދާޅުވެ، ގާނޫނީ ގޮތުން ލިޔުއްވާފައިވާ ވާހަކަތަކާ ގުޅިގެންނެވެ.

އެމްޑީޕީގެ ނޫސްބަޔާނުގައި ބުނެފައި ވަނީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ދެމުން ގެންދިޔަ މަސްވެރިންގެ ސަބްސިޑީސް އާއި ކަރަންޓްގެ ސަބްސިޑީސްތަކާއި އެކަނިވެރި މައިންނަށް ދޭ އިނާޔަތްތަކާއި އަދި އެކަނިވެރި ދަރިންނަށް ދެމުންދާ އިނާޔަތްތައް ހުއްޓުވުމަށް ނަޝީދު މަސައްކަތްޕުޅު ކުރައްވަމުން ގެންދަވަނީ ސަރުކާރުގައި ހިމެނޭ 23 ޑިސެންބަރު އިއްތިހާދާ ގުޅިގެން ކަމަށެވެ. އަދި ނަޝީދު އެ މަސައްކަތަކީ ސަރުކާރު އަޑީގައި އޮވެގެން މިއަހަރުގެ ބާކީ އޮތް ތަނުގައި އިނާޔަތްތަކާއި ސަބްސިޑީތައް ނުދީ ހިފެހެއްޓުމުގެ ނިޔަތުގައި ކުރައްވާ ކަމެއް ކަމުގަ އެވެ.

ސަބްސިޑީސްތަކާ ގުޅިގެން ނަޝީދު ދައްކަވަމުން ގެންދާ ވާހަކަތަކުގެ ހާމަވެގެންދަނީ "ބަޣާވާތުގެ" އަޑީގައި ވެސް ހުންނެވީ ހުދު ނަޝީދު ކަމަށް ތުހުމަތުކޮށް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވާ ނޫސްބަޔާނުގައި ބުނަނީ ނަޝީދުގެ ވާހަކަފުޅުތަކަކީ ކުއްލި ބިލްތަކެއް ފާސް ކުރަން ޖެހޭ ކަމަށް ދައްކާ ބަހަނާއެއް ކަމަށް ވެސް ނޫސް ބަޔާނުގައި ބުނެފައިވެ އެވެ.

"ރައްޔިތުންގެ މަޖިލީހުގައި ފުރިހަމަ އަގުލަބިއްޔަތެއް ވެރިކަން ކުރާ ކޯލިޝަނަށް އިވެ، އެފަދަ ވާހަކަތަކެއް އެފަރާތްތަކުން ދައްކަމުން ދަނީ ބަހަނާ ދެއްކުމުގެ މަގުސަދުގައި ކަމަށް އެމްޑީޕީގެ މަޖިލިސް މެންބަރުން ދެކެމެވެ. އެބޭފުޅުން ބޭނުން ނަމަ މިއަދުން މިއަށް ވެސް މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވައި މި ބިލްތައް ފާސްކުރެން އޮތްއިރު ވެސް، ސަބްސިޑީސްތައް ކުޑަ ވަގުތުކޮޅަކަށް މެދުކަނޑާލަން ޖެހޭ ކަމަށް ވިދާޅުވަމުން ގެންދަވާ މައިގަނޑު މަގުސަދަކީ ދޭންޖެހޭ އިނާޔަތްތަކާއި ސަބްސިޑީތައް ހުއްޓުވާލައި މަޖިލީހުން މިކަންކަމަށް ކަނޑައަޅާފައިވާ ބަޖެޓުތައް އެހެން ގިތަކަށް ބޭނުން ކުރެއްވުން ކަމުގައި އެމްޑީޕީގެ ގުޅިފައިވާ މަޖިލިސް މެންބަރުން ދެކެމެވެ،" އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ އިބްރާހިމް ރަޝިދު (ބޮންޑޭ) އާއި މުހައްމަދު ރަޝީދު (ކުބޭ) އާއި އަހުމަދު އީސާ އާއި މުހައްމަދު ތޯރިގާއި މުހައްމަދު ގަސަމާއި މުހައްމަދު ޝިފާޒާއި މުހައްމަދު ނާޒިމް (މަޑަވެލި ނާޒިމް) ގެ އިތުރުން މުހައްމަދު ރަޝީދު ނެރުއްވާފައިވާ ނޫސްބަޔާނުގައިވެ އެވެ.

ސަބްސިޑީސްތަކާ ގުޅިގެން ނަޝީދުގެ އަމިއްލަ ބޮލޮގްގައި އޭނާގެ ވިދާޅުވެފައި ވަނީ މާލިއްޔަތު ގާނޫނަށް 2010 ވަނަ އަހަރު ގެނައި އިސްލާހުތަކަކީ ގާނޫނު އަސާސީއާ ހިލާފު އިސްލާހުތަކެއް ނޫންކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅާފައި ވާތީ ސަބްސިޑީސްތަކާއި އިނާޔަތްތައް ދިނުން ހުއްޓާލަންޖެހޭނެ ކަމަށާއި އެފަދަ އިނާޔަތްތައް ދޭން ވާނީ ގާނޫނަކުން ކަމަށެވެ.

"މިހެން ދަންނަވާއިރުވެސް، މިދެންނެވޭ ވާހަކައިގެ ނަތީޖާ އުފެދި އެނބުރިގެންދާނެ ގޮތް އަޅުގަނޑަށް ފުރިހަމައަށް ވިސްނައިގަނެވެ އެވެ. މިކަމުގެ ސަބަބުން، ރައްޔިތުންގެ ބަޔަކަށް ލިބެމުންދިޔަ އިނާޔަތްތައް ދުވަސްކޮޅަކަށް މެދުކެނޑިދާނެކަން އަޅުގަނޑަށް ވިސްނެ އެވެ. އަދި، މިކަމުގެ ސަބަބުން އުފެދިގެންދާނެ ސިޔާސީ ވާދަވެރިކަމާއި ހަމަލާތަކުގެ އޮއިވަރު ވެސް އަޅުގަނޑަށް ވިސްނެއެވެ. އެކަމަކު، އަޅުގަނޑުމެން ކުރަންހުރި މަސައްކަތް އަޅުގަނޑުމެން ނުކޮށް ތިބުމުން ދެން ވާނެ ހައެތި މިވަނީ އެވެ،"