ޅ. ނައިފަރު ރޯހައުސް ތެރެއިންް ހިފަހައްޓައި އާންމުންގެ ބަޔަކު ފުލުހުންނާ ހަވާލު ކުރި މީހަކު މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވުމުން އެ މީހާ ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ނައިފަރު ރޯހައުސް ތެރޭ ހުއްޓައި ބަޔަކު އެމީހާ ފުލުހުންނާ ހަވާލު ކުރީގައި ކަމަށެވެ. އެމީހާއަކީ އަކީ 25 އަހަރުގެ ފިރިހެނެކެވެ.

ނައިފަރުން ވާހަކަ ދެއްކި މީހަކު މިއަދު ބުނީ މަސްތުވާތަކެއްޗާ ވައްކަމުގެ މައްސަލަތަކުގައި މީގެ ކުރިން ވެސް އެމީހާ ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ ރަށުގެ ރޯހައުސްތަކަށް ރޭ އޭނާ ވަދެ ވައްކަން ކުރަން އުޅެނިކޮށް އެތަނުގައި ތިބި ސެކިއުރިޓީންނަށް ފެނިގެން އޭނާ ފުލުހުންނާ ހަވާލުކުރީ ކަމަށެވެ.

ނައިފަރު ރޯހައުސް އިން ދެ ފެން ޕަންޕް ގެއްލިފައިވާ ކަމަށް ރޯހައުސް ކައިރީގައި ތިބޭ ސެކިއުރިޓީންނާ ހަވާލާދީ އެމީހާ ބުންޏެވެ. ނައިފަރުން ވާހަކަ ދެއްކި ބައެއް އެހެން މީހުން ބުނީ ހައްޔަރު ކުރި މީހާއަކީ އެރަށުގެ ގޭގެއިންނާ އެކި ތަންތަނުން ވައްކަން ކުރާ މީހެއް ކަމަށާއި އެގޮތުން ދާދިފަހުން ގެއަކުން 35،000ރ. ވަގަށް ނަގާފައިވާ ކަމަށެވެ. އަދި މިދިޔަ ރޯދަމަހު އޭނަ މަސައްކަތް ކުރި ދޯންޏަކުން ވެލްޑަން ރޮޑްތަކާ މަސް ދަޅު ކޭހެއް ވަގަށް ގެންދިޔަ މައްސަލައެއް ވެސް ފެންމަތިވި ކަމަށެވެ.

ނަމަވެސް ފުލުހުން ބުނީ ވައްކަމުގެ މައްސަލައެއްގައި ރޭ ނައިފަރުން މީހަކު ހައްޔަރުނުކުރާ ކަމަށެވެ.