ބައި މިލިޔަނަށް ވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެއްޗާ އެކު، މަސްތުވަތަކެތީގެ އާ ވިއުގައެއް ހޯދައިގަނެ ހަތަރު މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.


ފުލުހުންގެ މަރުކަޒުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން، ހެޑް އޮފް ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓް، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ޖިނާހް މިއަދު ވިދާޅުވީ، މިތަކެތި ހޯދައިގަނެ އެމީހުން ހައްޔަރު ކުރީ، ފުލުހުންގެ އިންޓަލިޖެންސަށް ލިބު މައުލޫމާތަކާ ގުޅިގެން ރޭ ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ހަތަރު މީހުންނަކީ، މީގެ ކުރިން ކުށުގެ ރެކޯޑް އޮތްބައެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މައްސަލައިގެ ތަހުގީގު ކުރިއަށް ދާތީ ހައްޔަރު ކުރި މީހުންނާ ބެހޭ އިތުރު މައުލޫމާތު ދެވެންނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.  


ޖިނާހު އަދި ވިދާޅުވީ، މި މައްސަލާގައި އަތުލައިގަނެފައި ވަނީ ބައި ކިލޯގެ ހެރޮއިން ކަމަށާއި މިއީ ރާއްޖެ އެތެރެކުރި ގޮތަށް ތާޒާކޮށް ހުރި އެއްޗެހިތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް މިތަކެތި އަތުލައިގަތް ތަނެއް އޭނާ ވިދާޅެއްނުވެ އެވެ. ނަމަވެސް އެ ތަނަކީ، މީގެ ކުރިން ވެސް އެފަދަ ވިޔަފާރި ކޮށްފައިވާ ތަނެއް ކަމަށާއި އެއީ ކުއްޔަށްދީފައި ހުންނަ ތަނެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ޖިނާހު ވިދާޅުވީ، ރާއްޖެ އެތެރެކުރި ގޮތަށް މާކެޓަށް ނުނެރެވެނީސް މިފަދަ ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެވުމަކީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރިއަށް ގެންދާ މަސައްކަތަށް ލިބުނު ކާމިޔާބެއްކަމަށެވެ. އަދި މިކަމުގައި އިތުރުބައެއްގެ އަތެއްވާ ކަމަށާއި އެމީހުން ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށް ވެސް ޖިނާހު ވިދާޅުވި އެވެ.