23 Sep 2012, 12:43
އިންޑިއާ އިން ރާއްޖެއަށް ލިބުމަށް ހަމަޖެހިފައިވާ 25 މިލިއަން ޑޮލަރު ނުލިބިއްޖެ ނަމަ ކުރިއަށް އޮތް މަހުގެ މުސާރަ ދޭން ދަތިވާނެ ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މިހާރު ކުރިއަށް ގެންދާ ބައްދަލުވުމުގައި ޖިހާދު ވިދާޅުވީ މިހާރު މިއޮތް ހާލަތުގައި ރާއްޖޭގެ ކޭޝް ފްލޯ މެނޭޖްކުރަމުން ގެންދަނީ "ވަރަށް ދަތި ހާލުގައި" ކަމަށާއި މިމަހުގެ މުސާރަ ދިނުމަށް ވެސް އޭޑީބީން 17 މިލިއަން ޑޮލަރު ބަޖެޓް ސަޕޯޓުގެ ގޮތުގައި ދޭން ނިންމައިފައިވާ ކަމަށެވެ.
" މިހާރުގެ ހާލަތުން މިމަހުގެ މުސާރާ ދޭން ބަލާ ކަމަށް ވަންޏާ އޭޑީބީން 17 މިލިއަން ޑޮލަރު ބަޖެޓް ސަޕޯޓްގެ ގޮތުގައި ދޭން ނިންމާފައި ވަނީ. ބޯޑުން އެކަން ނިންމައިފި މީގެ ތިން ދުވަސް ކުރިން. އެކަމަކު އެވަރަކުން ނުފުދޭ. އަދި 25 މިލިއަން ޑޮލަރު އަޅުގަނޑުމެންނަށް އިންޑިއާއިން ނުލިބިއްޖެ ނަމަ މިމަހުގެ މުސާރަ ދޭން ތަންކޮޅެއް އުނދަގޫވާނެ. ހަމައެކަނި މުސާރައެއް ނޫން، އެހެން ބިލްތަކަށް ފައިސާ ޕޭކުރަން ޖެހޭ،" ޖިހާދު ވިދާޅުވި އެވެ.
ޖިހާދު ވިދާޅުވީ 5.3 ބިލިއަން ރުފިޔާގެ ޓީބިލް މިހާރު ވެސް އެބަހުރި ކަމަށާއި އެ ޓީބިލް ރޯލްއޯވާ ނުކުރެވިއްޖެ ނަމަ އަނެއްކާ އެ ވަރަށް ޑެފިސިޓްވެގެން ދާނެ ކަމަށެވެ. އަދި އެމްއެމްއޭއިން މިހާރުވެސް ގާތްގަނޑަކަށް 300 މިލިއަން ރުފިޔާގެ ޓީބިލް ފޮނުވާފައި އެބަހުރި ކަމަށާއި އެކަމަކު އެ ވަރަށް ކޭޝްފްލޯ ނާންނާތީ އެ އެއްޗެހި މިނިސްޓްރީން ހިފަހައްޓަމުން ގެންދާ ކަމަށް ވެސް ވިދާޅުވި އެވެ.