ކަމަކާ ފިކުރުބޮޑުވެ ހަދާނެ ގޮތް ހުސްވުމުން އެމީހަކު އެހީއަށް އެދޭންވީ ކޮން ފަރާތަކުންތޯއެވެ؟ މުޞީބާތެއްގައި ހައްޔަރުވެފައިވާ މީހާ ފަރިޔާދު ކުރަންވީ ކޮން ފަރާތަކުންތޯއެވެ؟ އާދެ، އެއީ މުޅި ކާއިނާތު އެ ފަރާތަކަށް ބަރޯސާވެފައިވާ ފަރާތެވެ. އެންމެހައި ޚަލްޤުތަކުން އެ ފަރާތެއްގައި އެދިދަންނަވާ ފަރާތެވެ. ދޫތަކުން އެފަރާތަކަށް ޒިކުރުކުރެވޭ ފަރާތެވެ. ހިތްތަކުގައި އެފަރާތެއްގެ ހަނދާން ނުފިލައި ހުންނާން ޖެހޭ ފަރާތެވެ. އާދެ، އެފަރާތަކީ މާތްﷲ ސުބުޙާނަހޫ ވަތަޢާލާއެވެ. ހަމައެކަނި އެކަލާނގެ ރަސްކަންފުޅެވެ. އަޅުގަނޑަށާއި ތިޔަ ބޭފުޅާއަށާއި އެންމެހައި މީސްތަކުންނަށް ވާޖިބުވެގެންވަނީ އެކަލާނގެ ރަސްކަންފުޅަށް ދުޢާކުރުމެވެ. ދަތި ޙާލުގައްޔާއި ތަނަވަސް ޙާލުގައެވެ. އުނދަގުލާއި ފަސޭހަކަމުގެ ވަގުތުތަކުގައެވެ. އަޅުގަނޑުމެންގެ ފިޠުރަތު ލާޒިމުކުރަނީ އެކަލާނގެ ޙަޟުރަތުގައި ރޮއެގިސްލުމަށެވެ. އާދޭސް ދެންނެވުމަށެވެ. އެކަލާނގެ ރަސްކަންފުޅު ވަސީލަތަކަށް ހެދުމަށެވެ. އެކަލާނގެ ޙަޟުރަތަށް ބޯލަނބައިލުމަށެވެ. ނިކަމެތިކަމާއި ޠާޢަތާއި ކިޔަމަންތެރިކަމުގެ ފިޔަ ތިރިކޮށްލުމަށެވެ.

ލޮބުވެތި އަޚާއެވެ! އެކަލާނގެ ރަސްކަންފުޅަށް އިބްތިހާލުވެވަޑައިގަންނަވާށެވެ. އެކަލާނގެ ޙަޟުރަތަށް އާދޭހުގެ ކަރުނަތައް ބަންޑުން ކޮށްލައްވާށެވެ. ހިތްޕުޅުގެ އެންމެ އަޑީން ފަރިޔާދު ކުރައްވާށެވެ. އެކަލާނގެ ރަސްކަންފުޅަށް ޚާލިޞްވެވަޑައިގަންނަވާށެވެ. އޭރުން ހަމަކަށަވަރުންވެސް އެކަލާނގެ މަދަދު ފޮނުއްވާނެއެވެ. ނަޞްރު ބާވައިލައްވާނެއެވެ. ރަޙުމަތުގެ ދޮރުކޮޅުތައް ހުޅުއްވައިލައްވާނެއެވެ.

އަރަހުށި މާތްﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައި ވެއެވެ. "ނުވަތަ ދަތި އުނދަގޫ ޙާލު ޖެހިފައިވާ މީހާ، އެކަލާނގެއަށް ދުޢާކުރާ ހިނދު، އެމީހާގެ ދުޢާ އިޖާބަކުރައްވައި، އަދި ނުބައިކަން ދުރުކުރައްވައި، އަދި ބިމުގެ ޚަލީފާއިން ކަމުގައި ތިޔަބައިމީހުން ލައްވާ ރަސްކަލާނގެ ހެއްޔެވެ؟ﷲ އާ އެކު އެހެން އިލާހަކު ވޭ ހެއްޔެވެ؟" (އައްނަމްލު: 62)

ގެނބެމުންދާ މީހާ ހިކިފަސްތަނަށް ރައްދުކުރައްވަނީ އެކަލާނގެއެވެ. ގެއްލިފައިވާ މީހާ އަނބުރައި ދައްކަވަނީ އެކަލާނގެއެވެ. ހައްޔަރުވެފައިވާ މީހާ މިނިވަން ކޮށްދެއްވަނީ އެކަލާނގެއެވެ. އަނިޔާ ލިބިފައިވާ މީހާއަށް މަދަދު ދެއްވަނީ އެކަލާނގެއެވެ. މަގު ފުރެދިފައިވާ މީހާއަށް ތެދުމަގު ދައްކަވަނީ އެކަލާނގެއެވެ. ބަލިމީހާއަށް ޝިފާ ދެއްވަނީ އެކަލާނގެއެވެ. ދަތިޙާލުގައިވާ މީހާއަށް ފަސޭހަކަން ދެއްވަނީ އެކަލާނގެއެވެ.
އަރަހުށި މާތްﷲ އަޅުގަނޑުމެންނަށް ހަނދާން ކޮށްދެއްވައެވެ. "ފަހެ އެއުރެން ނަވަށް އެރި ހިނދު، އެކަލާނގެއަށް އީމާންކަން ޚާލިޞްކުރާ ޙާލުގައި، ﷲ އަށް އެއުރެން ދުޢާކުރެތެވެ. ފަހެ އެކަލާނގެ އެއުރެން ސަލާމަތް ކުރައްވައި، އެއްގަމަށް ގެންނެވި ހިނދު، އެއުރެން (އެކަލާނގެއަށް) ޝަރީކު ކުރެތެވެ." (އަލްޢަންކަބޫތު: 65)

މޮޅިއާއި ހިތާމައާއި ހިތްދަތިކަމުގެ ވަގުތުތަކުގައި އަރަހުށި މާތްﷲ ގެ ޙަޟުރަތަށް ދުޢާކުރުމަށް ވާރިދުވެފައިވާ ދުޢާގެ ޞީޣާތައް އަޅުގަނޑު މިތާކު ތަކުރާރެއް ނުކުރާނަމެވެ. ކީރިތި ޤުރްއާނާއި ސުންނަތުގައި ވާރިދުވެފައިވާ ދުޢާގެ "އެއްކޮށްލުން"ތަކުން ތިޔަ އަޚާއަށް އެ ދުޢާތައް ހޯއްދެވިދާނެއެވެ. ތިޔަ އަޚާ އެކަލާނގެ ޙަޟުރަތުގައި ބަސް ދަންނަވާށެވެ. ހިތްޕުޅުގައި އަނެކުންނަށް ވަންހަނާ ކުރައްވާފައިވާ ސިއްރުތައް އެފަރާތްޕުޅުގެ "ހިރިޔާފާތުރާގެ ދަށަށް" ބަންޑުން ކޮށްލައްވާށެވެ. ހުރިހާ އުއްމީދުތަކެއް އެފަރާތްޕުޅާ ގުޅުއްވާށެވެ. ތިޔަ އަޚާއަށް އެރަސްކަލާނގެ ރަސްކަންފުޅު ހޯއްދަވައިގެންނެވިއްޖެނަމަ، ހުރިހާ އެއްޗެއްސެއް ލިބިވަޑައިގެންފި ކަމުގައި ޔަޤީން ކުރައްވާށެވެ. އެކަލާނގެ ރަސްކަންފުޅާ މެދު އޮންނަ އީމާންކަން ކުޑަކޮށްވެސް ދޭސީ ކުރެވިއްޖެނަމަ، ހުރިހާ އެއްޗެއްސެއް ނަންގަވައިލެއްވިއްޖެކަން ހަނދުމަފުޅު ކުރައްވާށެވެ.

ލޮބުވެތި އަޚާއެވެ! އަޅުގަނޑުގެ ވެރި ރަސްކަލާނގެ ޙަޟުރަތަށް ދުޢާކުރުމަކީ ވެސް އަޅުކަމެކެވެ. އެއީ ވަރަށް އުނދަގުލުން މެނުވީ ހޯދައިނުގަނެވޭނެ ކިޔަމަންތެރިކަމުގެ ދަރަޖައެކެވެ. އެކަލާނގެ ރަސްކަންފުޅަށް ޙައްޤުވެގެންވާ ގޮތަށް، ފުރިހަމަޔަށް ދުޢާކުރާ މީހާ ފަހަރެއްގައިވެސް މޮޅިވާކަށް ނުޖެހޭނެއެވެ. ފިކުރުބޮޑުވެ ގޮތްހުސްވާކަށް ނުޖެހޭނެއެވެ. އެހެނީ މާތްﷲ ގެ ވާފަށް ފިޔަވައި އެހެން ހުރިހާ ވާތަކެއް ފުކުރި ބުރިބުރިވެގެން ހިނގައިދާނެއެވެ. އެކަލާނގެ ރަޙްމަތުގެ ދޮރުކޮޅު ފިޔަވައި އެހެން ހުރިހާ ދޮރުތަކެއްގައި ތަޅު އެޅުވިދާނެއެވެ. އެކަމަކު އެކަލާނގެ އަޅުތަކުންނާ އެކަލާނގެ ކުއްތަންވެވޮޑިގަންނަވާނެއެވެ. އެކަލާނގެ އައްސަވައިވޮޑިގެންވާނެއެވެ. ބައްލަވައިވޮޑިގެންވާނެއެވެ.

ލޮބުވެތި އަޚާއެވެ! އެއްވެސް އާފާތަކަށް ހުރަހޮޅިވަޑައިގެންފިނަމަ އެކަލާނގެ ރަސްކަންފުޅު ހަނދުމަކުރައްވާށެވެ. އެއްވެސް މުޞީބާތެއް ކުރިމަތިވެއްޖެނަމަ އެކަލާނގެ ޙަޟުރަތަށް ކުރިމަތިލައްވާށެވެ. އެކަލާނގެ ޙަޟުރަތުން މަދަދާއި ވާގި އެދިވަޑައިގަންނަވާށެވެ. އެކަލާނގެ ކިބްރިޔާވަންތަކަމާއި މަތިވެރިވަންތަކަމާއި ދީލަތިވަންތަކަން ހަނދުމަފުޅު ކުރައްވައި ބިންމަތީގައި ނިތްކުރިފުޅު ޖައްސަވައިލައްވާށެވެ. ނޭފަތްޕުޅު ކާއްތައިލައްވާށެވެ. އާދޭހުގެ އަތްޕުޅު ދަންމަވައިލައްވައި، އަތްތިލަފުޅު ފަތުރުއްވައިލައްވާށެވެ. ދޫފުޅުން ފުރިހަމަ އާދޭސް ތަކުރާރު ކުރައްވާށެވެ. އެކަލާނގެ އޯގާވަންތަކަމާއި ދީލަތިވަންތަކަމަށް އެދުންވެރިވެވަޑައިގަންނަވާށެވެ. އެކަލާނގެ އިސްމުފުޅު ވިރުދުކުރައްވާށެވެ. އެކަލާނގެ ރަސްކަންފުޅާމެދު ރަނގަޅަށް ހީކުރައްވާށެވެ. އެހެން ހުރިހާ ފަރާތަކާ ކެނޑިވަޑައިގެން އެކަލާނގެ ރަސްކަންފުޅާ ގުޅިވަޑައިގަންނަވާށެވެ. މުރާދު ޙާޞިލުވެ ކާމިޔާބު ލިބިވަޑައިގަންނަވާނެކަން ކަށަވަރެވެ.