23 Sep 2012, 12:10
ކުރީގެ ރައީސް މަޢުމޫން އަބްދުލް ގައްޔޫމަށް ބާރު ލިބިވަޑައިގަންނަވާ ގޮތަށް އަންނަ ރިޔާސީ އިންތިހާބުގައި ރާއްޖޭގެ ވެރިކަން ފުރޮޅިގެން ހިގައްޖެނަމަ ފެނިގެންދާނީ ބަދަލުހިފުމުގެ ރޫހު ކަމަށް ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.
ތަސްމީންގެ އަމިއްލަފުޅު ބްލޮގްގައި އަލަށް ހިމަނާފައިވާ "އަޅުގަނޑުގެ ހިޔާލު" މިބައިގެ ފުރަތަމަ ބައިގައި ގައުމުގެ ހާލަތާ ގުޅޭ ގޮތުން ތަސްމީން ލިޔުއްވާފައިވާ އާޓިކަލްއެއްގައި ވިދާޅުވެފައިވަނީ ގައުމު މިހާރު މިއޮތް ހާލަތަށް ބަދަލުވުމަށް މަގުފަހިވެގެން ގޮސްފައިވަނީ ކުރީގެ ރައީސް މައުމޫން އެމަނިކުފާނުގެ ވެރިކަން ދެމެހެއްޓެވުމަށްޓަކައި ރާއްޖެއަށް ޑިމޮކްރަސީ ނުގެނެސް ލަސްކުރައްވާފައިވާތީ ކަމަށެވެ. އަދި ލިޔުއްވާފައި ވެއެވެ:
" ރައީސް ނަޝީދަށް ވެރިކަމަށް އައުމަށް މަގުފަހިވެގެންދިޔައީ، ކުރީގެ ރައީސް މަޢުމޫން، އެމަނިކުފާނުގެ ވެރިކަން ކޮންމެ ގޮތަކުންވެސް ދެމެހެއްޓެވުމުގެ ބޭނުންފުޅުގައި، މީގެ މާކުރީން ވެސް ގެނެވެން އޮތް ޑިމޮކްރަސީގެ ބަދަލު ނުގެންނަވައި ލަސްކުރެއްވުމުގެ ސަބަބުންކަން އަޅުގަނޑުމެން ހަނދާން ނައްތާލައިގެން ނުވާނެއެވެ. ރައީސް މަޢުމޫނަށް ބާރު ލިބިވަޑައިގަންނަވާ ގޮތަށް ވެރިކަން ފުރޮޅިގެން ހިގައްޖެނަމަ، ފެންނަމުންދާނީ، ގައުމުގައި މިހާރު މިހިރަ ބޮޑެތި މައްސަލަތަކަށާއި، ގައުމުގެ މުސްތަޤްބަލު ބިނާކުރުމަށް އިސްކަންދެއްވުމަށްވުރެ ބޮޑަށް މާޒީވެ ދިޔަތަނަށް ބަދަލު ހިފެމުންދާތަނެވެ،"
ތަސްމީންގެ ބްލޮގްގައި ރާއްޖޭގެ ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ބެހޭ ގޮތުން ވެސް ލިޔުއްވައިފައިވެ އެވެ. އެގޮތުން ރާއްޖޭގެ ދާންވީ ފަހަތަށްތޯ ތިބިގޮތަށް ތިބެންވީތޯ ނުވަތަ ދާންވީ ކުރިއަށްތޯއާ ސުވާލު ކުރައްވައިފައިވެ އެވެ. އެބައިގައި ރައީސް މައުމޫނަށް ނިސްބަތްކޮށް ވިދާޅުވެފައިވެ އެވެ: " ރައްޔިތުން މާޒީ ރަމްޒުކޮށްދޭ ރައީސެއް ވެސް އަޅުގަނޑުމެންނަށް އިހުތިޔާރު ކުރެވިދާނެ އެވެ. އެބޭފުޅަކީ ގިނަ ދިވެހީންގެ މިއަދުގެ ހާލަތާ މާ ފަރިތަ ބޭފުޅަކަށް ނުވާނެ އެވެ. އަދި އެ ބޭފުޅެއްގެ އުސޫލުތަކަކީ އަޅުގަނޑުމެން މި ބަލައިގަނެފައިވާ ޑިމޮކްރަސީއާ މާ ރައްޓެހި އުސޫލުތަކަކަށް ވެސް ނުވާނެއެވެ."
ތަސްމީންގެ ބްލޮގްގައި ރާއްޖޭގައި އޮތް ރިވެތި އުސޫލައް ނެތިގެން ދިއުމުގެ ސަގާފަތެއް އުފެދިގެން ގޮސްފައިވާ ކަމަށާއި އެފަދަ ސާގާފަތެއް އުފައްދަވާފައިވަނީ ރައީސް ނަޝީދު ކަމަށް ވިދާޅުވެފައިވެ އެވެ. އަދި އެހާލަތަށް ރާއްޖެ ވައްޓާލުމުގެ ޒިންމާ އުފުއްލަވަންޖެހިވަޑައިގެންނަވާ ބޭފުޅަކީ ރައީސް ނަޝީދު ކަމަށާއި އެމްޑީޕީއަށާއި ރައީސް ނަޝީދަށް ރާއްޖޭގެ ވެރިކަން އެނބުރިއްޖެ ނަމަ އެ އެސަގާފަތް އިތުރަށް ދިރިގެންދާނެ ކަމަށް ވިދާޅުވެފައިވެ އެވެ.
"އެ ޝަގާފަތުގައި ވަނީ ދަރީން މައިންބަފައިންނަށް އިހުތިރާމް ނުކުރުމެވެ. ގާނޫނާއި ގަވާއިދުތަކަށް ކިޔަމަން ނުވުމެވެ. ސިފައިންނާއި ފުލުހުންނާއި ދައުލަތުގެ މުއައްސަސާތަކަށް ރައްޔިތުން ކުރަމުން އައި އިހުތިރާމަށް ގޮންޖެހުމެވެ. މުއައްސަސާތަކުގެ އަގު ވައްޓާލުމެވެ،" ތަސްމީނު ވިދާޅުވެފައިވެ އެވެ
ޑީއާރްޕީއަކީ އެމްޑީޕީގެ ހައްދުފަހަނައަޅާ ދިއުމާއި ޕީޕީއެމްގެ ހަރުކަށިކަމުން ވެސް ސަލާމަތްވެ އޮންނަން ބޭނުންވާ ޕާޓީއެއް ކަމަށް ތަސްމީންގެ ބޮލޮގްގައިވެ އެެވެ. ގައުމުގެ މިއަދު ހާލަތާއި މުސްތަގުބަލާ މެދު ކަންބޮޑުވެފައިވަޑައިގެންނަވާ ކަމަށާއި ގައުމުގެ ހާލަތު ވަނީ ފަހަތަށް ދިޔުމުގެ ނުރައްކަލުގެ ތެރޭގައި ކަމަށް ވިދާޅުވެފައި ވެއެވެ. އެކަންކަން ރަނގަޅުކޮށް ގައުމު އެކަށްޗަކަށް ހެދޭނީ ހުރިހާ ރައްޔިތުން އެކަމަށް މަސައްކަތްކޮށްގެން ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
ގައުމުގެ ހާލަތާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ޑީއާރްޕީން ފަށައިފައިވާ ޕްރޮގްރާމެއްގެ ދަށުން ތަސްމީންގެ ބްލޮގްގައި ރެއިން ފެށިގެން ލިޔުއްވަން ފައްޓަވާފައިވާ މިބައިގައި ފާހަަގަކުރާ އެކިއެކި ހިޔާލުތަކަށް ރައްޔިތުންގެ ހިޔާލު ހުރި ގޮތްތައް ބަލައި އެ ލިޔުންތަކަށް ރައްޔިތުންގެ ހިޔާލު ފޮނުވުމުގެ ފުރުސަތު ވެސް ވަނީ ހުޅުވައިލައިފަ އެވެ.