ހއ. ދިއްދޫއަށް ދިމާވެފައިވަ ބޯހިޔާވަހިކަން ހައްލު ކުރުމަށް އެރަށުގައި އަޅާ 100 ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

އެ ރަށުގައި އަލަށް ހިއްކި ސަރަހައްދުގެ 2500 ފޫޓްގެ ޖާގާގައި އަޅާ އެ ހައުސިން ޔުނިޓްތަކުގެ ބިންގާ ވެސް އިއްޔެ ވަނީ އަޅައިފަ އެވެ. ބިންގާ އަޅުއްވައިދެއްވީ ހައުސިން މިނިސްޓާ ޑރ. މުހައްމަދު މުއިޒް އެވެ.

ދިއްދޫ ކައުންސިލް މެންބަރު އަބްދުﷲ ސިރާޖް މިއަދު ސަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ހައުސިން ޔުނިޓްތައް އިމަރާތް ކުރަނީ ތައިލޭންޑް ކުންފުއްޏެއް ކަމަށްވާ ނޫމަޑި އިވެސްޓްމަންޓުން ކަމަށެވެ. ހައުސިން ޔުނިޓްތަކަކީ ދިއްދޫ ރައްޔިތުނަށް ހާއްސަކޮށްގެން އިމާރާތް ކުރާ ހައުސިން ޔުނިޓް ތަކެއް ކަމަށާއި އެއިގެން ކޮންމެ ހައުސިން ޔުނިޓެއްގައި ތިން ކޮޓަރި ސިޓިންރޫމެއްގެ އިތުރުން ކައްކާ ތަނެއް ހުންނާނެ ކަމަށެވެ.

"ހައުސިން ޔުނިޓްތަށް ނިންމަން ހަމަޖެހިފައިވަނީ މިއަހަރުގެ ފަހުކޮޅު ނުވަނަ މިއަންނަ އަހަރު ކުރީކޮޅު،" ސިރާޖް ވިދާޅުވި އެވެ.

އަދި ވިދާޅުވީ އެ ހައުސިން ޔުނިޓްތަށް ދޫކުރާނެ ފަރާތްތަކުގެ ޝަރުތުތަކާއި އަގުތަކާ ބެހޭގޮތުން މިނިސްޓްރީއާއެކު މަޝްވަރާ ކުރަމުން ގެންދާ ކަމަށެވެ. މިހާތަނަށް އަންދާޒާ ކޮއްލެވޭ އަގަށް ބަލާއިރު ހައުސިން ޔުނިޓް ލިބޭ ފަރާތްތަކުން ފުރަތަމަ ޑައުން ޕޭމަންޓަށް 30000ރ. އާއި 50000ރ. އާއި ދޭތެރޭ އަގެއް ދައްކަންޖެހޭ ކަމަށް ލަފާކުރެވޭއިރު ކޮންމެ މަހަކު 2500ރ. ދެއްކުމުން 15 އަހަރު ދެތޭރޭގައި އެފަރާތަކަށް މިލްކުވާނެ ކަމަށް ސިރާޖް ވިދާޅުވި އެވެ.

ދިއްދޫއަށް އަމާޒު ކޮށް އިމާރާތްކުރާ 100 ހައުސިން ޔުނިޓްގެ އިތުރުން އެ ރަށުގައި ވަޒަންވެރިވާން ބޭނުންވްާ ފަރާތްތަކާ އަމާޒްކޮށްގެން 300 ހައުސިން ޔުނިޓްގެ މަސައްކަތް މިއަހަރުރު ތެރޭ އަޅަން ވެސް މަސައްކަތްތަކެއް ވަނީ ފަށައިފަ އެވެ.