23 Sep 2012, 10:55
ޕްރޮޖެކްޓަކާ ގުޅުންހުރި ތަހުގީގެއް ނުނިމުނަސް ކޮރަޕްޝަންގެ ތުހުމަތުތައް ވާނަމަ އެ ޕްރޮޖެކްޓެއް ހުއްޓުވާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.
އެ ކޮމިޝަންގެ ރައީސް ހަސަން ލުތުފީ ސަން އޮންލައިންއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވޭނަމަ އެ ޕްރޮޖެކްޓެއް ކުރިއަށް ގެންދިޔުމުން ސަރުކާރަށް ވެދާނެ ގެއްލުމަކަށް ބަލައި އެ ޕްރޮޖެކްޓެއް ހުއްޓުވުމުގެ ބާރު އެ ކޮމިޝަނަށް އޮތް ކަން ހައިކޯޓުގެ ހުކުމުން ސާފުވާ ކަމަށެވެ.
"އަޅުގަނޑުމެން އަމަލު ކުރާނަން ހައިކޯޓުގެ ހުކުމާއި އެއްގޮތަށް، އެ ހުކުމުން އަޅުގަނޑުމެންނަށް އެ ބާރު އޮތްކަން އިނގޭ، ދެން އޮތް ތަނުގައި ވެސް އަޅުގަނޑުމެން އެގޮތަށް ތުހުމަތުވާނަމަ އެ ޕްރޮޖެކްޓްތައް ހުއްޓުވާނަން،" ލުތުފީ ވިދާޅުވި އެވެ.
ނަމަވެސް ބޯޑާ ކޮންޓްރޯލް ސިސްޓަމް ހުއްޓުވަން ހައިކޯޓުން ނެރެފައިވާ އަމުރު ބާތިލް ކުރަން ސުޕްރީމް ކޯޓުން ކުރި ހުކުމުން އޭސީސީއަށް ޕްރޮޖެކްޓެއް ހުއްޓާލުމުގެ ބާރު ލިބިގެން ނުވާކަން ހާމަވެ އެވެ. އޭރު އޭސީސީން ބުނެފައިވަނީ އެ ކޮމިޝަންގެ ވަރަށް ގިނަ ބާރުތަކެއް ގެއްލި، ކޮމިޝަން އޮތުމުގެ ބޭނުމެއްވެސް ނެތް ހިސާބަށް ގޮސްފައިވާ ކަމަށެވެ.
ލުތުފި ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމުގެ ސަބަބުން ކޮރަޕްޝަންގެ ތުހުމަތުގައި ހުރި އެތައް ޕްރޮޖެކްޓެއް އަލުން ފެށޭނެ ކަމަށް ހީކުރެވުނު ނަމަވެސް އޭސީސީގެ އަމުރުތަކަށް ގިނަ މުއައްސަސާތަކުން އިހުތިރާމްކޮށް އެފަދަ މަޝްރޫއުތައް ނުފަށާ ތިބި ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ހުކުމް އެގޮތައް އޮތް ނަމަވެސް އެ ކޮމިޝަންގެ އަމުރުތަކަށް ހުރިހާ ފަރާތްތަކުން އިހުތިރާމުކުރާ ކަމަށް ގަބޫލު ކުރައްވާ ކަމަށް ލުތުފީ ވިދާޅުވި އެވެ.
ދާދި ފަހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު ވިދާޅުވެފައިވަނީ އޭސީސީއަކީ ޕްރޮޖެކްޓްތައް ހުއްޓުވަން އޮންނަ މުއައްސަސާއެއް ނޫން ކަމަށެވެ.