އަލްގައިދާގައި ތިބި ފަދަ "ހަރުކަށި މުސްލިމުން" ރާއްޖޭގައި ނެތް ކަމަށާއި "ހަރުކަށި މުސްލިމުން" ގެ ނުފޫޒާއެކު އަލްގައިދާއިން ރާއްޖޭގައި ހަމަލާއެއް ދިނުމުގެ ފުރުސަތު އޮތްކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރާއްޖޭގައި ހަރުކަށި އިސްލާމީ ހިޔާލުގެ މީހުންގެ ބާރު ވަރަށް ގަދަވެފައިވާ ކަމަށާއި އެފަދަ މީހުންގެ ނޫފޫޒާއިއެކު އަލްގައިދާއިން ރާއްޖޭގައ ހަމަލާއެއް ދީފާނެ ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުތަކާއި ގުޅިގެން ސަން އޮންލައިނަށް މިއަދު ދެއްވި އިންޓަވިއު އެއްގަ އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި އެފަދަ ހަމަލާ ދެވިދާނެފަދަ އެއްވެސް ވަރެއްގެ ނުފޫޒެއް އަލްގާއިދާ އަށް ނޯންނާނެ ކަމަށެވެ.

"ހަގީގަތަކީ އެފަދަ ކަމެއް މިތާކު ނެތް. މި ތަނަކީވެސް ޑިމޮކްރެޓިކް ވެއްޓެއް ކަމަށްވާތީވެ ތަފާތު ވިސްނުން މިތާގައި ހާމަ ކުރެވޭނެ. ބައެއް މީހުން އެމީހުންގެ ހިޔާލްތައް ފާޅުކުރާނެ. އެހެން ނަމަވެސް އަޅުގަނޑު ގަބޫލުކުރާ ގޮތަކީ އަލްގައިދާގައި އެހުރިފަދަ ހަރުކަށި، އަދި ޓެރަރިޒަމަށް ހިތްވަރުދޭފަދަ ވިސްނުމެއް ރާއްޖެއަކު ނެތްކަން،" މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖެއަކީ ވެސް ޑިމޮކްރެޓިކް ވިސްނުންތަކެއް ގެންގުޅޭ ތަނަކަށްވާތީ އެކި ވިސްނުތައް ހާމަ ކުރެވޭނެ ކަމަށާއި އެހެން ނަމަވެސް ހައްދުފަނަ އަޅާފައި ތިބި ބައެއްގެ ސަބަބުން ރާއްޖެއަށް ހަމަލާ އެއް ދިނުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެފަދަ ފުރުސަތެއް ވެސް ނުދޭނަން،"

ޝަހީމް ވިދާޅުވީ އިސްލާމިކް މިނިސްޓްރީއަށް ނިސްބަތްކުރައްވާ އެތަނުގައި ތިއްބެވީ ދީނީ ގޮތުން ހައްދު ފަހަނައަޅާފައި ތިބި ބައެއް ކަމަށް ބައެއް ތަންތަނުގައި ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވާ ކަމަށާއި ނަމަވެސް އެ ބޭފުޅުންނަކީ ރާއްޖެ އަންނަ މުސްލިމް ނޫން މީހުނަށް އޮތް ހުރަހެއް ނޫން ކަމަށެވެ.
ނަޝީދު ދައްކަވާ ވާހަކަފުޅުތަކަކީ އެމަނިކުފާނަށް ހެއްދެވިފައިވާ ގޯސްތައް ފޮރުއްވައި ބައިނަލްއަގުވާމީ ފަރާތްތަކުގެ މަގުބޫލުކަން އިތުރުކުރައްވަން ދައްކަވާ ވާހަކަފުޅުތަކެއް ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކީ ޓުއަރިސްޓުނަށް އޮތް ހުރަހެއް ނޫން. އަޅުގަނޑުމެން މަސައްކަތް ކުރާނީ ވެސް އަދި އުއްމީދު ކުރަނީ ވެސް ދިވެހިރާއްޖެ އަކީ ޓުއަރިސްޓުންނަށް އަމާންތަކަށް ވުން،" މިނިސްޓަރު ވިދާޅުވި އެވެ. "ނަޝީދު ދައްކާ ވާހަކަތަކަކީ އެމަނިކުފާނަށް ހެއްދެވިފައި ހުރި ގޯސްތައް ފޮރުވަން ވެގެން، ބައިނަލްއަގުވާމީ ފަރާތްތަކުގެ މަގުބޫލުކަން ހޯދުމަށްޓަކައި ދައްކަވަމުންދާ ވާހަކަތަކެއް،"

ރާއްޖެއާއި ބެހޭ ގޮތުން ރައީސް ނަޝީދު އިތުރުފުޅުތައް ހައްދަވަމުން ގެންދަވަނީ ސީމެގް އެޖެންޑާގައި ރާއްޖެ ބޭއްވުމަށް ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.

އިނގިރޭސިވިލާތުގެ ދަ އިންޑިޕެންޑެންޓް ނޫހަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ހުޅަނގާ ދެކޮޅު ވިސްނުން ރާއްޖޭގައި ފަހަކަަށް އައިސް ގަދަވެފައިވާ ކަމަށާއި ރާއްޖޭގައި ޓެރަރިޒަމް ހަމަލާއެއް ދިނުމުގެ ފުރުސަތު ބޮޑު ކަމަށެވެ.