05 Jul 2026, 13:52
އޮސްޓްރޭލިއާގެ ކުޑަކުދިންގެ ޕާކުތަކުގައި ބޭނުންކޮށް، ރަނގަޅު ހާލަތުގައި ހުރި ސާމާނު ބޭނުންވާ ކައުންސިލުތަކަށް ދޫކުރުމުގެ ޕްރޮގްރާމެއް ފަށަން އޮސްޓްރޯލިއާ ހައިކޮމިޝަނާއި އޮސްޓްރޭލިއާ މޯލްޑިވްސް ޕްރެންޑްޝިޕް އެސޯސިއޭޝަނުން ނިންމައިފިއެވެ.
އެ ގައުމުގެ ހައި ކޮމިޝަނުން ކުރި ޕޯސްޓެއްގައި ވަނީ، އެ ޕްރޮގްރާމުގެ ދަށުން ދޫކުރާނީ، އޮސްޓްރޭލިއާގައި ބޭނުންކޮށްފައި ހުރި ތަކެތި ނަމަވެސް ބޭނުންކުރެވޭ ހާލަތުގައި ހުރިކަން ޔަގީންކޮށްފައިވާ ތަކެތި ކަމަށެވެ.
އެކަމަކު، އޭގެތެރެއިން ބައެއް ތަކެތީގެ ކުދިކުދި މަރާމާތު ކުރަން ޖެހިދާނެކަން އެ ޕޯސްޓުގައި ބުނެފައިވެއެވެ. އެ ކޮމިޝަނުން ވަނީ، ކައުންސިލުތަކަށް ދޫކުރާ ޕާކު ސާމާނުތައް ހުންނާނެ ގޮތުގެ ފޮޓޯތައް ވެސް އާންމުކޮށްފައެވެ.
އެ ތަކެތި ބޭނުންވާ ކައުންސިލުތަކަށް އެ ތަކެތި ރާވާނެ ގޮތުގެ ތަފުސީލީ ޕްލޭންތައް ކިޔައިދޭނެކަން ކޮމިޝަނުން ފާހަގަކުރިއެވެ.
މި ޕްރޮގްރާމުގައި ބައިވެރިވާން އެދި އީއައިއޯ ހުށަހެޅުމުގެ ފުރުސަތު ދީފައި ވަނީ، މި މަހު 16ގެ 12:00އާ ހަމައަށެވެ.