ޚިދުމަތް ނުފެށޭ ޑިވެލޮޕްމަންޓް ބެންކުގެ ޗެއާޕާސަން އިސްތިއުފާ ދެއްވައިފި
ޚިދުމަތް ނުފެށޭ ޑިވެލޮޕްމަންޓް ބެންކުގެ ޗެއާޕާސަން އިސްތިއުފާ ދެއްވައިފި

އުމްރާނީ ދާއިރާއާއި އިންވެސްޓުކުރުމަށް ޚާއްސަކޮށް މި ސަރުކާރުން އުފައްދައި، މިހާތަނަށް ޚިދުމަތް ނުފެށޭ ޑިވެލޮޕްމަންޓް ބެންކު (ޑީބީއެމް)ގެ ޗެއާޕާސަން އަރޫނީ ގޫނަތިލަކަ އިސްތިއުފާދެއްވައިފިއެވެ.

ޕްރަވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އާ ހަވާލާ ދެއްވައި، ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު) 'ސަން'އަށް ވިދާޅުވީ، އޭނާ އިސްތިއުފާދެއްވީ މިދިޔަ ހަފުތާގައި ކަމަށެވެ.

ނަމަވެސް، އިތުރު ތަފުސީލެއް ނުދެއްވައެވެ.

މާލީ ދާއިރާގައި 25 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ އަރޫނީ ގޫނަތިލަކަ އަކީ ބައިނަލްއަޤްވާމީ ފައިނޭންޝަލް މާކެޓްގެ ފައިނޭންޝަލް ސާވިސް ތަޖުރިބާކާރެކެވެ. ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ އަރޫނީ ވަނީ، ހާވާޑް ޔުނިވާސިޓީން މާސްޓާ އޮފް ލޯ ހާސިލުކުރައްވާފައެވެ.

ޑީބީއެމްގެ ޗެއާޕާސަނާއި ސީއީއޯ ރައީސް މުއިއްޒާ ބައްދަލުކުރައްވަނީ: ދެ ބޭފުޅުން ވެސް ވަނީ އިސްތިއުފާ ދެއްވާފައި --- ފޮޓޯ/ ރައީސް އޮފީސް

މީގެއިތުރުން، ކޯޕަރޭޓް ބޭންކިން ކްރެޑިޓާއި ރިސްކް މެނޭޖްމަންޓާއި ސްރީލަންކާގެ ބޭންކުތަކާއި އިންޓަނޭޝަނަލް ބޭންކުތަކުގެ އިންޓާނަލް އޮޑިޓިންގައި އޭނާ މުހިންމު ރޯލެއް އަދާކުރައްވާފައިވެއެވެ.

ޑީބީއެމްގެ ޗެއާޕާސަން އިސްތިއުފާދެއްވިއިރު، ޑީބީއެމްއަށް ފުރަތަމަ އަހަރު 2.3 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށް އޮޑިޓް ރިޕޯޓަކުން ވަނީ ދައްކާފައެވެ.

ޑިވެލޮޕްމަންޓު ބޭންކު އިފުތިތާހުކުރީ ނޮވެންބަރު 16، 2024 ގައެވެ.

ޑީބީއެމް އުފެއްދިތާ އަހަރެއްހާ ދުވަސްފަހުން އެ ބޭންކަށް ވިޔަފާރި ފެށުމުގެ ހުއްދަ ދިނީ މި އަހަރުގެ ޖެނުއަރީ މަސް ތެރޭގައެވެ. ނަމަވެސް އެ ފަހުން ވެސް އެ ބޭންކުގެ ޚިދުމަތްތައް އަދިވެސް ފެށިފައެއް ނުވެއެވެ.

އެ ބޭންކްގެ ސީއީއޯކަމަށް އައްޔަންކުރެއްވީ، އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ ނޮއެލް ގްރެގާ ޕެޓަސަން ޖޯންސްއެވެ.

އެކަމަކު، މާ ގިނަ ދުވަހެއް ނުވެ ސީއީއޯ ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ. އޭނާ އިސްތިއުފާ ދެއްވި ނޯޓިސް މުއްދަތުގެ މުސާރައާއި އިނާޔަތްތައް ނުލިބިގެން އޭޕްރީލް ހަތް ވަނަ ދުވަހު އެ މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވެއެވެ.

ސީއީއޯ އިސްތިއުފާ ދެއްވިތާ މާ ގިނަ ދުވަސްތަކެއް ނުވެ އޭޕްރީލް 23 ވަނަ ދުވަހު ވަނީ, އެ ބޭންކުގެ ބޯޑު މެންބަރު ކަމުގެ މަގާމުގައި ހުންނެވި މއ. ވޭސައިޑް, 805 ފްލެޓް، އަޙްމަދު ޢަލީ، ވެސް އިސްތިއުފާ ދެއްވައިފައެވެ.