23 Sep 2012, 10:32
ނިއުކްލިއަ ޕްލާންޓެއް ބިނާކުރުމާ ދެކޮޅަށް މުޒާހަރާކުރި މަސްވެރިންތަކެއް އިއްޔެ އިންޑިއާގެ ބަނދަރެއް ދެ ގަޑިއިރަށް ބަންދުކޮށްފި އެވެ.
ްއިންޑިއާގެ ޓެމިލްނާޑޫ ސްޓޭޓްގެ ވެރިރަށް ޗެންނާއީގެ ދެކުނުގައި ރަޝިޔާގެ އެހީގައި ބިނާ ކުރަމުންދާ ނިއުކްލިއަ ޕްލާންޓްގެ ރިއެކްޓަރުތަކުގެ ތެރެއިން ރިއެކްޓަރެއްގެ އެއް ޔުނިޓަށް އިއްޔެ ނިއުކްލިއަ ފިއުލް އެޅުމުން އެކަމާ ދެކޮޅަށް ގާތްގަނޑަކަށް 3000 މީހުން މުޒާހަރާ ކުރި ކަމަށް ނަންހާމަ ނުކުރާ އޮފިޝަލަކު އޭޕީއަށް ކިޔައިދީފައި ވެއެވެ.
މަސްވެރިންނާއި ނިއުކްލިއަ ހަކަތައާ ދެކޮޅު އެހެން ފަރާތްތަކުން މުޒާހަރާކުރުމުގެ ސަބަބުން އެ ނިއުކްލިއަ ޕްލާންޓްގެ މަސައްކަތް މިދިޔަ އަހަރުވެސް މަޑުޖެހުނެވެ. އެމީހުން މުޒާހަރާކުރަން ފެށީ ޖަޕާނުގެ ފުކްޝީމާ ނިއުކްލިއަ ޕްލާންޓްގައި ހިނގި ކާރިސާގެ ފަހުންނެވެ.
އިންޑިއާ ސަރުކާރުން ބުނަނީ އެގައުމުން ބިނާކުރަމުންދާ ނިއުކްލިއަ ޕްލާންޓް ހުންނާނީ ރައްކާތެރި މިންގަނޑުތަކާ އެއްގޮތަށް ކަމަށެެވެ.
އިންޑިއާ ސަރުކާރުގެ އެޓަމިކް ރެގިއުލޭޓަރީ ބޯޑްގެ ސެކްރެޓަރީ އާރު. ބަޓަޗަރާ ވިދާޅުވީ ނިއުކްލިއަ ޕްލާންޓްުގެ ފުރަތަމަ ޔުނިޓުުން ގާތްގަނޑަކަށް ހަތަރު މަސްތެރޭގައި ކަރަންޓް އުފައްދަން ފެށޭވަރު ވާނެ ކަމަށެވެ. -- އޭޕީ