އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރީގެ ޕަބްލިކް ރިލޭޝަންސް (ޕީއާރު) މަސައްކަތްތައް ކޮށްދޭނެ ކުންފުންޏެއް ހޯދުމަށް އެ މިނިސްޓްރީއިންއިއުލާނުކޮށްފިއެވެ.

މިނިސްޓްރީއިން މިއަދު ވަނީ އެކަމަށް އަންދާސީ ހިސާބު ބޭނުންވާ ކަމުގެ އިއުލާނުކޮށްފައެވެ.

މިނިސްޓްރީން ނެރެފައިވާ އިއުލާނުގައި ވަނީ އެ މިނިސްޓްރީއާއި މިނިސްޓްރީގެ ދަށުން ހިންގާ ހުރިހާ އިދާރާތަކެއްގެ މީޑިއާ މަސައްކަތް ކުރުމަށް ޕީއާރު ފާމެއްގެ ޚިދުމަތް ދެ އަހަރު ދުވަހުގެ މުއްދަތަށް ފޯރުކޮށްދޭނެ ކުންފުންޏެއް ބޭނުންވާ ކަމަށް ބުނެފައެވެ.

އެ އިދާރާތަކުގެ ގޮތުގައި ފާހަގަކޮށްފައިވަނީ:

  • ނެޝަނަލް ސެންޓާ ފޯ ދި އާޓްސް

  • ނެޝަނަލް ސެންޓާ ފޯ ކަލްޗަރަލް ހެރިޓޭޖް
  • ދިވެހިބަހުގެ އެކެޑަމީ
  • ނެޝަނަލް ބިއުރީ އޮފް ކްލަސިފިކޭޝަން
  • ނެޝަނަލް އާކައިވްސް އޮފް މޯލްޑިވްސް
  • ނެޝަނަލް ލައިބްރަރީ އޮފް މޯލްޑިވްސް

މީގެ އިތުރުން، މިނިސްޓްރީއާއި އެ އިދާރާތަކުގެ ދަށުން ހިންގާ ހުރިހާ ޑިޕާޓްމެންޓުތަކާއި ޑިވިޝަންތަކާއި ޕްރޮގްރާމްތަކާއި އިވެންޓުތަކާއި ކެމްޕޭނުތަކާއި ކޮމިޓީތަކަށް ވެސް ޕީއާރު މަސައްކަތް ކޮށްދޭން ޖެހޭކަން އިއުލާނުގައިވެއެވެ.

އެ ކުންފުނިން ކޮށްދޭން ޖެހޭ މަސައްކަތްތަކުގެ ތެރޭގައި ނޫސްވެރިންގެ ބައްދަލުވުންތައް އިންތިޒާމުކުރުމާއި ރާއްޖެއާއި ބޭރުގެ މީޑިއާތަކާ ގުޅުން ބަދަހިކުރުން ހިމެނެއެވެ. އަދި އަހަރީ ރިޕޯޓުތައް ތައްޔާރުކޮށް، ސޯޝަލް މީޑިއާ އެކައުންޓުތައް ހިންގުމާއި، މިނިސްޓްރީގެ ދާއިރާއާ ގުޅުންހުރި މައުލޫމާތަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ހިންގުން ވެސް ހިމެނެއެވެ.

އެހެންކަމުން އެ ކަންކަމަށް ޝައުގެވެރިވާ ފަރާތްތަކުން މިމަހުގެ 14ވާ އަންގާރަ ދުވަހުގެ މެންދުރު 11:30ގެ ކުރިން މިނިސްޓްރީއަށް އަންދާސީ ހިސާބު ހުށަހެޅުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.

އެކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް މިނިސްޓްރީގެއީމެއިލްނުވަތަ 7660603 ނަމްބަރަށް ގުޅައި އެކަން ސާފުކުރުމަށް ވެސް މިނިސްޓްރީން ވަނީ އެދިފައެވެ.