05 Jul 2026, 10:45
އެއް ދުވަސްތެރޭގައި ހަ ލައްކަ ރުފިޔާގެ ޖޫރިމަނާއެއް ދައްކަން އަންގައި، ލަންކާ މަސްބޯޓެއް ދައުލަތަށް ނަގަން ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
މިއީ، 2025 ވަނަ އަހަރުގެ ޖަނަވަރީ މަހު، ލަންކާގެ މަސްބޯޓެއް، ހުއްދަނެތި ރާއްޖޭގެ ސަރަހައްދަށް ވަތް މައްސަލައެކެވެ. މި މައްސަލަ މިދިޔަ ހަފުތާގައި ސިވިލް ކޯޓުން ނިންމާފައިވާއިރު، މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި ލަންކާގެ އެ މަސްބޯޓުންވަނީ ގިނަ އަދަދެއްގެ މަސް ފެނިފައެވެ. އެހެންނަމަވެސް، ރާއްޖޭގެ ސަރަހައްދުން ހުއްދަ ނެތި މަސްވެރިކަން ކޮށްފައި ނުވާނެ ކަމަށް އެ ބޯޓުން ބުނެފައިވެއެވެ.
އެ ބޯޓުގެ ވެރިފަރާތުން ބުނެފައިވާ ގޮތުގައި ރާއްޖޭގެ ސަރަހައްދަށް އެ ބޯޓަށް ވަދެވުނީ، މޫސުން ގޯސްވެ، ކަނޑުގަދަވެގެންނެވެ. މި ބޯޓުން ރާއްޖޭގެ ސަރަހައްދުގައި ދާ އެޅި ކަމަށްވެސް ތުހުމަތު ކުރެވެއެވެ. އެހެންނަމަވެސް ބޯޓުންވަނީ އެކަމަށްވެސް އިންކާރުކޮށްފައެވެ.
އެ ބޯޓުގެ ވެރިފަރާތާއެކު ވާޗުއަލްކޮށް ކުރިންވެސް އަޑުއެހުމެއް ބޭއްވުމަށް ފަހު، މިދިޔަ ހަފުތާގައި ސިވިލް ކޯޓުގެ އިސްގާޒީ މަރްޔަމް ވަހީދު ހުކުމް ކުރެއްވީ، އެ ބޯޓު ދައުލަތަށް ނެގުމަށެވެ. އަދި ބޯޓުގެ ވެރިފަރާތުން އެއް ދުވަހުގެ ތެރޭގައި ހަ ލައްކާ ރުފިޔާ ދެއްކުމަށް ވެސް ހުކުމްކުރެއްވިއެވެ.
މީގެ ކުރިން ވެސް އެކި ފަހަރު މަތިން، ލަންކާގެ މަސްބޯޓުތައް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ މަސްވެރިކަން ކުރަމުންދަނިކޮށް ކޯސްޓްގާޑުން ހިފަހައްޓާފައިވެއެވެ. އަދި، ބައެއް ފަހަރު ހާލުގައި ޖެހިފައިވާ މީހުންނާ އެކު ވެސް ލަންކާގެ ބޯޓުތައް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ފެނިފައިވެއެވެ.
ގަވައިދާ ޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ، މަސްވެރިކަން ކުރަނިކޮށް ހިފެހެއްޓި، ސްރީލަންކާއަށް ނިސްބަތްވާ މަސްބޯޓެއް މިދިޔަ އޭޕްރިލް މަހު 2.6 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައިވެއެވެ.