ސްރިލަންކާގެ ގާނޫނީ ވަކީލަކާއި އޭނާގެ އަނބިމީހާގެ ގަޔަށް ބަޑިޖަހައި މަރާލި މައްސަލައެއްގައި ތުހުމަތުކުރެވޭ މީހަކު، ރާއްޖޭން ލަންކާއަށް ފޮނުވާލައިފިއެވެ.

ލަންކާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ވަކީލާއި އޭނާގެ އަނބިމީހާ މަރާލައިފައިވަނީ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު، ތަލަންގަމާ ޕޮލިސް ޑިވިޝަންގެ ބާރުގެ ދަށުގައިވާ އަކުރެގޮޑާ ސަރަހައްދުގައެވެ.

ޑެއިލީ މިރާގައިވާ ގޮތުން، ރާއްޖޭން ފޮނުވާލި މީހާއަކީ، އެ ދެ މީހުންގެ ގަޔަށް ބަޑި ޖެހި މީހުން ތިބި އުޅަނދު ދުއްވަން އިން މީހާއެވެ.

އެ މީހާ ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައިވަނިކޮށް، ރާއްޖޭން އޭނާ ލަންކާއަށް ފޮނުވާލީ އިއްޔެ ކަމަށް އެ ނޫހުގައިވެއެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފުސީލެއް ރިޕޯޓުކޮށްފައިނުވެއެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް ހޯދަން "ސަން"އިން މަސައްކަތް ކުރި ނަމަވެސް މިހާތަނަށް ލިބިފައިނުވެއެވެ.

ލަންކާގެ ނޫސްތަކުގައިވާ ގޮތުން، އެ މީހާ ލަންކާއަށް ގެންދިއުމަށްފަހު އެ މައްސަލައިގެ އިތުރު ތަހުގީގުތައް ކުރިއަށް ގެންދިއުމަށްޓަކައި މިހާރު ވަނީ ވެސްޓަން ޕްރޮވިންސް ސައުތު ކްރައިމް ޑިވިޝަނާ ހަވާލުކޮށްފައެވެ.

ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުން، އެ މަރުގެ މައްސަލައާ ގުޅިގެން ހައްޔަރުކުރި އިތުރު މީހަކާ ސުވާލުކޮށް ތަހުގީގު ކުރިއަށް ގެންދިއުމަށްޓަކައި އޭނާއަށް ވަނީ 90 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހައިފައެވެ.