އުމުރުން ދެ އަހަރުގެ ކުއްޖެއްގެ ނެޕީ ތެރެއިން 32 ޕެކެޓް މަސްތުވާތަކެތި ފެނިއްޖެ އެވެ.

އެ މައްސަލައާއި ގުޅިގެން އިއްޔެ ހަވީރު 5:15 ހާއިރު މ. ފާންގޭގެ ތެރެއިން ވަނީ ތިން މީހަކު ހައްޔަރު ކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 16 އަހަރުގެ އަންހެން ކުއްޖަކާ 20 އަހަރުގެ އަންހެނެއްގެ އިތުރުން 32 އަހަރުގެ ފިރިހެނެކެވެ.

ސަން އޮންލައިނަށް އެނގިފައިވާ ގޮތުގައި އެތިން މީހުންނަކީ ފާންގޭގައި ކުއްޔަށް އުޅޭ ބައެކެވެ. އަދި އެއީ އެއް އާއިލާއެއްގެ ބައެއްކަން ވެސް ވަނީ އެނގިފަ އެވެ.

ނަމަވެސް އެ މައްސަލައިގައި ހިމެނޭ މީހުންގެ ތަފްސީލެއް ފުލުހުން ނުދެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ޑްރަގް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ 32 ރަބަރު ޕެކެޓް، ތުއްތު ކުއްޖާގެ ނެޕީ ތެރެއިން ފެނިފައިވާ ކަމަށެވެ. އަދި އެގޭގެ ސިޓިންރޫމްގެތެރޭގައި ހުރި ބޫޓެއްގެ ތެރެއިން ވެސް މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ހަތަރު ރަބަރު ޕެކެޓް ފެނިފައިވާ ކަމަށެވެ.