ޕްރިޔާދަރުޝަން ދެން އުފައްދާ ފިލްމުގެ ލީޑް ރޯލަށް ވެސް އަކްޝޭ
ޕްރިޔާދަރުޝަން ދެން އުފައްދާ ފިލްމުގެ ލީޑް ރޯލަށް ވެސް އަކްޝޭ

ބޮލީވުޑްގެ އެކްޓަރު އަކްޝޭ ކުމާރުއާ އެކު މީގެކުރިންވެސް ގިނަ ފިލްމުތަކެއްގައި މަސައްކަތްކޮށްފައިވާ ޑައިރެކްޓަރު ޕްރިޔާދަރުޝަންގެ ކުރިއަށް އޮތް ފިލްމު ވެސް އުފައްދާނީ އަކްޝޭއާ އެކު ކަން އިއުލާނުކޮށްފިއެވެ.

ޓިޕްސްއިން ޕްރޮޑިއުސްކުރާ މި ފިލްމަކީ، އަކްޝޭއާ އެކު ޕްރިޔާދަރުޝަން މަސައްކަތްކުރާނެ ނުވަ ވަނަ ފިލްމެވެ. މި ފިލްމަކީ ކޮމެޑީ ތުރިލާއެއް ކަމަށާއި ފިލްމުގެ މަސައްކަތް މި އަހަރުގެ ފަހުކޮޅު ފަށަން ނިންމާފައިވާ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

އަކްޝޭއާ އެކު ޕްރިޔާދަރުޝަން އެންމެފަހުން ބެލުންތެރިންނަށް ގެނެސްދިން ފިލްމަކީ، މިދިޔަ އޭޕްރިލް މަހު ރިލީޒްކުރި ފިލްމު "ބޫތު ބަންގްލާ"އެވެ. ދެ މީހުން އެކީގައި ދެން އެންމެ އަވަހަށް ގެނެސްދޭނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު ރިލީޒްކުރާ ފިލްމު "ހައިވާން"އެވެ.

އަކްޝޭ އަދި ސައިފް އަލީ ޚާންއާ އެކު ޑައިރެކްޓަރު ޕްރިޔާދަރުޝަން އުފައްދާ ފިލްމު "ހައިވާން"ގެ ސެޓުގެ މަންޒަރެއް--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

އަކްޝޭއާ އެކު އިތުރު ފިލްމެއް އުފައްދާނެކަން ޑައިރެކްޓަރު ޕްރިޔާދަރުޝަން އިއުލާނުކޮށްފައިވާއިރު ގިނަބަޔަކު އިންތިޒާރު ކުރަމުން އައި ފިލްމު "ހެރާ ޕެރީ 3"އިން ވަކިވިކަން ޕްރިޔާދަރުޝަން ވަނީ ކަށަވަރުކޮށްދީފައެވެ.

ޕްރޮޑިއުސަރު ފިރޯޒް ނަދިއަދްވާލާއާ ގުޅިގެން އުފައްދާނެކަން މީގެކުރިން އިއުލާނުކުރި "ހެރާ ޕެރީ 3"އަށް ދިމާވެފައިވާ ގާނޫނީ ގިނަ މައްސަލަތަކަކާއި އަމިއްލަ ދެބަސްވުންތަކުގެ ސަބަބުން އެ ފިލްމު ދެން ދުވަހަކުވެސް އުފެއްދޭނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށް ޕްރިޔާދަރުޝަން ވަނީ ބުނެފައެވެ.