ފިލްމު 'ކޮކްޓެއިލް 2'ގެ ކާމިޔާބީއަށްފަހު ޝާހިދުއަށް 18 ކްރޯޑު ރުޕީސްގެ ފިލްމެއް
ފިލްމު 'ކޮކްޓެއިލް 2'ގެ ކާމިޔާބީއަށްފަހު ޝާހިދުއަށް 18 ކްރޯޑު ރުޕީސްގެ ފިލްމެއް

މިދިޔަ މަހުގެ 19 ވަނަ ދުވަހު ސިނަމާތަކުގައި އެޅުވި ޝާހިދު ކަޕޫރުގެ ފިލްމު "ކޮކްޓެއިލް 2"ގެ ކާމިޔާބީއަށްފަހު ބޮޑު ބަޖެޓަކުން އުފައްދާ އިތުރު ފިލްމަކަށް ޝާހިދު ސޮއިކޮށްފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

އިތުބާރު ހުރި މަސްދަރަކުން މީޑިއާއަށް މައުލޫމާތުދިން ގޮތުގައި ޝާހިދު އަލަށް ސޮއިކުރި މި ފިލްމަކީ، ޑައިރެކްޓަރު އަމިތު ރަވިންދުރަނާތު ޝަރުމާ "އަދަލް ބަދަލް"ގެ ނަމުގައި އުފައްދާ ކޮމެޑީ ފިލްމެކެވެ.

ސުނީރު ކެތަރްޕާލް އާއި އެމެޒޯން އެމްޖީއެމް ގުޅިގެން އުފައްދާ މި ފިލްމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ އޮކްޓޫބަރު މަހެވެ. ބަޖެޓުގެ ކަންކަމާ ހުރެ މި މަޝްރޫއު ކުރިއަށް ގެންދިއުމާ މެދު ކުރިން މަޝްވަރާތަކެއް ކުރެވުނު ނަމަވެސް، މިހާރު ހުރިހާ ކަމެއް ވަނީ ހަމަޖެހިފައެވެ.

ޝާހިދު މި ފިލްމަށް ސޮއިކޮށްފައި ވަނީ 18 ކްރޯޑް ރުޕީސްއަށް ކަމަށް ފިލްމީ ރިޕޯޓުތަކުން ބުނެއެވެ. މީގެ އިތުރުން ފިލްމަށް ލިބޭ ފައިދާއިން ބައެއް ޝާހިދަށް ލިބޭގޮތަށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް ވެސް މީޑީއާތަކުން ވަނީ ބުނެފައެވެ.

ޝާހިދު ފިލްމު "ކޮކްޓެއިލް 2"ގެ މަންޒަރެއްގައި--ފޮޓޯ/ބޮލީވުޑްހަންގާމާ

ޝާހިދުއާ އެކު މި ފިލްމުން ބަތަލާގެ ރޯލްއިން ފެންނާނީ ޖާންވީ ކަޕޫރު ކަމަށް ބައެއް ރިޕޯޓުތަކުން ބުނެފައިވާއިރު އެކަން އަދި އެއްވެސް ފަރާތަކުން ކަށަވަރުކޮށްދީފައެއް ނުވެއެވެ. ބަތަލާ ޖާންވީ ކަޕޫރު މި ފިލްމަކަށް ސޮއިކޮށްފިނަމަ މިއީ ޝާހިދާ އެކު ޖާންވީ މަސައްކަތްކުރާނެ ފުރަތަމަ ފިލްމަށްވާނެއެވެ.

ޑައިރެކްޓަރު ހޯމީ އަދަޖާނިއާގެ ފިލްމު "ކޮކްޓެއިލް 2"އަށް އަދިވެސް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު ޝާހިދު އަންނަނީ އެމެޒޯން ޕްރައިމްއިން ގެނެސްދިން އެކްޓަރުގެ ކެރިއަރުގެ ފުރަތަމަ ވެބް ސީރީސް "ފަރްޒީ"ގެ ދެވަނަ ބައިގެ މަސައްކަތް ކުރަމުންނެވެ.