ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވިފައިވާ ނެކްސް ބިޒްގެ ބޯޑާ ކޮންޓްރޯލް ޕްރޮޖެކްޓްގެ މައްސަލަތައް ރައްޔިތުން މަޖިލީހުގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ބްރީފް ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ނިންމައިފި އެވެ.

އޭސީސީން މިހާރު ވަނީ އެ މައްސަލައިގެ ފުރިހަމަ ތަހުގީގު ރިޕޯޓެއް މާލިއްޔަތު ކޮމެޓީއަށް ފޮނުވައިފަ އެވެ.
އޭސީސީގެ ރައީސް ހަސަން ލުތުފީ ސަން އޮންލައިންއަށް އިއްޔެ ވިދާޅުވީ އެ މައްސަލައިގެ ހުރިހާ މައުލޫމާތެއް ވަރަށް ސާފުކޮށް މާލިއްޔަތު ކޮމެޓީއަށް ކިޔައިދެއްވަން ބޭނުންވާ ކަމަށާއި މިއަދު 1:00 ޖަހާއިރު އޮންނަ މާލިއްޔަތު ކޮމެޓީގައި އެ ޕްރޮޖެކްޓާ ގުޅުންހުރި ހުރިހާ މައްސަލައެއްވެސް މެންބަރުންނަށް އޮޅުންފިލުއްވާ ދެއްވާނެ ކަމަށެވެ.

"އަޅުގަނޑުމެން ބޭނުމެއް ނޫން އެ ކޮމެޓީ ސިއްރުވެސް ކުރާކަށް، އަޅުގަނޑުމެން ވަރަށް ހުޅުވާލެވިގެން އެ މައްސަލަ މަޖިލީހަށް ބުނެދޭނަން، އަޅުގަނޑުމެން އެ މައްސަލައިގައި ދެން ފޮރުވާނެ ކަމެއް ނެތް،" ލުތުފީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ޕްރޮޖެކްޓް ދެން ހުއްޓުވުމުގެ ބޭނުމެއްނެތް ކަމަށާއި އޭސީސީ ހުރަސް އެޅިނަމަވެސް އެ ޕްރޮޖެކްޓްގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައި ކަމަށެވެ. އަދި އެ ޕްރޮޖެކްޓާ މެދު ގޮތެއް ނިންމާނީ މަޖިލީހާއި ސަރުކާރުން ކަމަށްވެސް ލުތުފީ ވިދާޅުވި އެވެ. އެ ކޮމިޝަނުން އެ މައްސަލައިގައި ތައްޔާރުކޮށްފައިވާ ރިޕޯޓްގެ ފުރިހަމަކަން މަޖިލީހުގެ މެންބަރުންވެސް ފާހަގަކުރެއްވި ކަމަށް ލުތުފީ ވިދާޅުވި އެވެ. އަދި އެ ރިޕޯޓުގައި ހުރި ޖިނާއީ ތަހުގީގުގެ މައްސަލަތަށް ކުރިއަށް ގެންދަން ޖެހޭކަން ލުތުފީ ފާހަގަކުރެއްވި އެވެ.

ހަސްތޭކަ މިލިއަން ޑޮލަރުގެ އެ ޕްރޮޖެކްޓްގެ އެގްރިމަންޓްގައި ސަރުކާރުން ސޮއިކުރީވެސް އެ ޕްރޮޖެކްޓް މަޑުޖައްސާލަން އޭސީސީގެ އަމުރެއް ނެރެފައި ވަނިކޮށެވެ. އެ ޕްރޮޖެކްޓް ފެށުމުންވެސް އޭސީސީން ވަނީ ތިން ފަހަރެއްގެ މަތިން އެ ޕްރޮޖެކްޓް ހުއްޓުވައިފަ އެވެ.