06 Sep 2010, 10:09
ހާލުގައި ޖެހިފައިވާ ޕާކިސްތާނު ރައްޔިތުންނަށް އެހީވުމަށް ކުރިއަށްގެންދާ ކެންޕޭންގެ ދަށުން އީދު ދުވަހުގެ ރޭ ބާއްވާ ހާއްސަ ފުޅުބޯޅަ މެޗުތަކުގެ ޕްރެކްޓިސް މިރޭ ފަށާ ގޮތަށް ހަމަޖައްސައިފި އެވެ.
"މޯލްޑިވްސް ހެލްޕް ޕާކިސްތާން" ގެ ކެމްޕޭނުގެ ދަށުން އީދު ދުވަހުގެ ރޭ ގަލޮޅު ދަނޑުގައި ކުޅޭ ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ވާދަކުރާނީ ސެލެބްރެޓީސް އާއި ރައްޔިތުންގެ މަޖުލިސްގެ މެމްބަރުންގެ ޓީމެކެވެ. ސެލެބްރެޓީސް ޓީމުގައި ހިމެނެނީ މީޑިއާގައި މަސައްކަތްކުރާ މަޝްހޫރު ނޫސްވެރިންނާއި ޕްރެޒެންޓަރުންނާއި ފިލްމީ ތަރިންނާއި ލަވަކިއުންތެރިންނެވެ. ދެ ވަނަ މެޗުގައި ވާދަކުރާނީ ސެލެބްރެޓީސް އަންހެން ޓީމަކާއި ޕޮލިހާއި އެމްއެންޑީއެފްގެ އަންހެން ޓީމެކެވެ.
މި މެޗުތަކަށް ތައްޔާރުވުމަށްޓަކައި ޕްރެކްޓިސް ފެށުން އޮތީ މިރޭ 9:30 ގައި ހެންވޭރު ދަނޑުގަ އެވެ.
ސެލެބްރެޓީސް ފިރިހެން ޓީމުގައި ހިމެނޭ ސަންއެފްއެމްގެ ކުޅުންތެރިންނަކީ ސީއީއޯ ސިނާން އަލީ އާއި ސީއޯއޯ މުހައްމަދު ޝަހީބާއި ސަންއެފްއެމް އޮންލައިންގެ ޗީފް އެޑިޓަރު ހިރިގާ އަހުމަދު ޒާހިރާއި ސަން މެގަޒިންގެ ޑެޕިއުޓީ އެޑިޓަރު އާދަމް ހަލީމެވެ.
ޕާކިސްތާނުގެ ފެންބޮޑުވުމުގެ ހާދިސާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ރާއްޖޭގެ ހުރިހާ ރޭޑިއޯ އާއި ޓީވީ ސްޓޭޝަންތަކެއް ގުޅިގެން އީދު ދުވަހު ހެންދުނު 10.30 އިން ފެށިގެން ހާއްސަ ޓެލެތޯން ޕްރޮގްރާމެއް ރާއްޖޭގެ ހުރިހާ ރޭޑިއޯއަކާއި ޓީވީއަކުން 24 ގަޑިއިރަށް ކުރިއަށްގެންދާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.