ރާއްޖޭގައި ހަރުކަށި އިސްލާމީ ހިޔާލުގެ މީހުންގެ ބާރު ވަރަށް ގަދަވެފައިވާ ކަމަށާއި އެފަދަ މީހުން ރާއްޖޭގައި ތަނެއް ގޮއްވާ ނުލަނީ ހަރުކަށި މީހުން ރާއްޖޭގެ ބޭންކްތައް ބޭނުން ކުރަމުން ދާތީ ކަމަށް ވެދާނެ ކަަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އިނގިރޭސިވިލާތުގެ ދަ އިންޑިޕެންޑެންޓް ނޫހަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ހުޅަނގާ ދެކޮޅު ވިސްނުން ރާއްޖޭގައި ފަހަކަަށް އައިސް ގަދަވެފައިވާ ކަމަށާއި ރާއްޖޭގައި ހަމަލާއެއް ދިނުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އަދި ރާއްޖޭގައި އެފަދަ ހަމަލާއެއް ދީފައި ނުވަނީ ރާއްޖޭގެ ބޭންކް އެކައުންޓްތައް އެފަދަ މީހުން ބޭނުންކުރާތީ ކަމަށް ވެދާނެ ކަމަށެވެ.

"އަޅުގަނޑަކަށް ނޭނގޭ އެމީހުން މިހާތަނަށް ރާއްޖޭގައި ތަނެއް ގޮއްވާލާފައި ނުވަނީ ކީއްވެ ކަމެއް، މިހާރު އެމީހުން ވިސްނަމުން ދަނީ ކަންނޭނގެ ރާއްޖޭގައި ކަމެއް ކުރުމަކީ ސްޓްރެޓެޖިކް ގޮތުން ރަނގަޅު ކަމެއް ނޫން ކަމަށް. ވެދާނެ އެމީހުން އަޅުގަނޑުމެންގެ ގައުމީ އެކައުންޓްތައް ބޭނުން ކުރަނީ ކަމަށް، ވެދާނެ އެމީހުން އަޅުގަނޑުމެންގެ ބޭންކްތައް ބޭނުން ކުރަނީ ކަމަށް، ވެދާނެ އެތަނަކީ [ރާއްޖެއަކީ] މީހުން ރެކްރޫޓް ކުރަން ރަނގަޅު ތަނަކަށް ވަނީ ކަމަށް،" ރައީސް ނަޝީދު ވިދާޅުވި ކަމަށް ދަ އިންޑިޕެންޑެންޓްގައި ވެއެވެ.

ރައީސް ނަޝީދުއާ ހަވާލާދީ އެ ނޫހުގައި އަދި ލިޔެފައިވާ ގޮތުގައި ރާއްޖޭގައި ފަހަކަށް އައިސް ބޭއްވި ހަރުކަށި ދީނީ ބައެެއް އިވެންޓްތަކުން ކަންތައްތައް ހިނގަިއދާނެ ގޮތުގެ ނުބައި ތަސައްވުރުތަކެއް ފެނިފައިވާ ކަމަށެވެ. ރާއްޖޭގަިއ ހިނގަމުންދާ ކަންތައްތައް ބައިނަލް އަގުވާމީ މުޖުތަމައަށް އިނގޭކަން ދެއްކުމުގެ ގޮތުން ކޮމަންވެލްތުން ރާއްޖޭގެ ކަންތައްތައް ބަލަމުންދާ ގޮތަށް ބޭއްވުމަށް ގޮވާލަމުންދާ ގޮވާލުންތަކަށް ތާއީދު ކޮށްދެއްވުމަށް އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީ ވިލިއަން ހޭގަށް ދަންނަވާފައިވާނެ ކަމަށް ވެސް ރައީސް ނަޝީދު ދެއްވި އިންޓަވިއުގައި ވިދާޅުވެފައި ވެއެވެ.

އިންޓަވިއުގައި ރައީސް ނަޝީދު ވިދާޅުވި ކަމަށް އަދި ވަނީ އިންޑިއާގައި އަލްގައިދާއިން ދިން ހަމަލާތަކުގައި ދިވެހިން ބައިވެރިވެފައިވާ ކަމަށާއި ވެރިކަމުގައި ހުންވި އިރު ހުޅަނގުގެ ޖާސޫސީ އިދާރާތަކާއެކު ގަވައިދުން ބައްދަލުވުންތައް ބާއްވަވަމުން ގެންދަވާފައިވާނެ ކަމަށެވެ.

އަދި ވިދާޅުވެފައި ވަނީ ރާއްޖޭގައި އިންތިހާބެއް ބޭއްވެންދެން ސީމެގްގެ އެޖެންޑާގައި ރާއްޖެ ބޭއްވުމަށް އެދިވަޑައިގަންނަވާ ކަމަށާއި މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ އެކަމަށް ކަމަށެވެ.

"އިންތިހާބު ބޭއްވެންދެން އަޅުގަނޑުމެން ބޭނުންވަނީ ކޮންމެވެސް ބައެއްގެ އެޖެންޑާގައި އޮންނަން، މިހާރު ކުރެވޭތޯ މިއުޅޭ ކަމަކީ މިއީ،" ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.